އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ކެންޑިޑަސީ ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާއިރުވެސް ހައި ކޯޓުގައި ކުރިއަށްދާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ މައްސަލަ ނިމޭނެކަމެއް ނޭނގޭ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތްވަނަ ދުވަހު ހަމަވާ އިރު، ހައި ކޯޓުގައި މިހާރު އޮތް އިސްތިއުނާފީ މައްސަލަ އެމަނިކުފާނާ އެއްކޮޅަށް ނުނިމިއްޖެނަމަ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލޭނެއެވެ.
ހައިކޯޓުގައި އޮތް އިސްތިއުނާފީ މައްސަލަ ދިގުލައިގެންދާތީ، އެ މައްސަލަ އަވަސްކޮށްދިނުމަށް އެދި އިދިކޮޅު ލީޑަޝިޕުން މިއަދު ވަނީ ހައިކޯޓަށް ވަޑައިގެންފައެވެ.
ހައި ކޯޓަށް ވަޑައިގަތުމަށްފަހު މީޑިއާތަކަށް މައުލޫމާތުދެއްވަމުން އިދިކޮޅުު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ޔާމީންގެ މައްސަލަ ލަސްކުރަނީ ސަރުކާރުން ކޯޓުގެ ތެރެއަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ.
"އަޅުގަނޑަކަށް ހައި ކޯޓުގެ މި މައްސަލަ ނިމޭނެއޭ، ނުނިމޭނެއޭ ދަންނަވާކަށް ނޭނގެ މިހާރު. އެއީ ނޭނގޭ ސަބަބު އަޅުގަނޑު މި ދެންނެވީ، މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު މިހާރުވެސް ޗުއްޓީގައި ހުރިކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، ޔާމީންގެ އިސްތިއުނާފީ މައްސަލަ އަވަސްކޮށް، ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެވޭނެ ގޮތް ހެދުމަށް ޓަކި ޖަހަން ޖެހުނު ކޮންމެ ދޮރެއްގައި ޓަކި ޖަހާނެ ކަމަށެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ، ނުހައްގުން ޖަލުގައި އޮންނަން ޖެހުމަކީ އެތައް ދިވެހި ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތަކުގައި އެމަނިކުފާނު މިހާރު ވަނީ ސޮއި ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު