ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރަނިންމޭޓަކު ކަނޑައެޅުމުގެ އިހުތިޔާރު އެ ކޯލިޝަނުން ދީފިއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ޔާމީންގެ ކެމްޕޭން އެޖެންޓު މުހައްމަދު ތޮލާލް މިރޭ މީޑިއާތަކަށް ވިދާޅުވީ ރަނިންމޭޓެއް ކަނޑައެޅުމަކީ ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ރިޔާސީ ކެންޑިޑޭޓަށް ލިބިގެންވާ އިހުތިޔާރެއް ކަމަށެވެ. އަދި ރަނިންމޭޓުގެ ގޮތުގައި ކަނޑައަޅުއްވަންވީ ފަރާތްތަކުގެ ލިސްޓެއް ފޮނުވައިދިނުމަށް ޕާޓީގެ ލީޑާޝިޕްގެ ފަރާތުން ޔާމީން އެދިވަޑައިގެންފައިވާ ކަމަށް ތޮލާލް ވިދާޅުވިއެވެ.

"އެހެންނަމަވެސް ރަނިންމޭޓު ކަނޑައެޅުމަކީ ޕާޓީގެ އަސާސީ ގަވާއިދުން ރިޔާސީ ކެންޑިޑޭޓަށް ލިބިދޭ އިހުތިޔާރަކަށްވާތީ، ލީޑާޝިޕްގެ ފަރާތުން ވަކި ނަންތަކެއް ދިނުމުގެ ބަދަލުގައި ރިޔާސީ ކެންޑިޑޭޓު ބޭފުޅަކު ހިޔާރު ކުރެއްވުމަށް ދަންނަވަން ލީޑާޝިޕްގެ އިއްތިފާގުން މިރޭ ނިންމާފައިވާތީ އެ ވާހަކަ ދެންނެވިން،" ތޮލާލް ވިދާޅުވިއެވެ.

އެހެންކަމުން ޔާމީންގެ ރަނިންމޭޓެއް އަދި ކަނޑައެޅިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފައިވާ އިރު، އެ ފުރުސަތު އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ރަސްމީ ގަޑި ނިމުމުމާ ހަމައަށް އޮންނާނެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް މެދުވެރިކޮށް ޔާމީން މިއަދު ވަނީ ކެންޑިޑަސީ ފޯމުގައި ސޮއިކުރައްވައިފައެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިއުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދައުވާތައް ސާތިބުވެ، ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އެ ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އިރު، އެ ކޯޓުން އެމަނިކުފާނަށް ކާމިޔާބީ ލިބިވަޑައިނުގެންފި ނަމަ، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލޭނެއެވެ. ހައިކޯޓުގައި ކުރިއަށްދާ އިންތިއުނާފީ މައްސަލަތައްވެސް ފަނޑިޔާރުންގެ ޗުއްޓީއާ ހެދި އޮތީ މަޑުޖެހިފައެވެ.

ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެކަމާ މެދު ސުވާލު އުފެދިފައިވީ ނަމަވެސް ޕްރޮގްރެސިވް ކޯލިޝަނުން ގެންދަނީ އެމަނިކުފާނުގެ ކެމްޕެއިން ކުރިއަށްގެންދަމުންނެވެ. އަދި ކެންޑިޑަސީ ފޯމު ހުށަހެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އެގޮތުން ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން އެމަނިކުފާނާ ބައްދަލުކުރުމަށް މާފުށީ ޖަލަށް އިއްޔެ ވަނީ ގޮސްފައެވެ. ނަމަވެސް، ވަކީލުން ގެންދިޔަ ބައެއް ލިޔެކިޔުންތައް ނުދެއްކުމުން ޔާމީންއާ ބައްދަލުކުރުމުގެ ފުރުސަތު ވަލީކުންނަށް ދީފައެއް ނުވެއެވެ.

ޕީޕީއެމުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ރައީސް ޔާމީންގެ ފަރާތްޕުޅުން އީސީއަށް ހުށަހަޅަން ޖެހޭ ލިޔުންތަކުގައި އެމަނިކުފާނު ސޮއިކުރައްވައި، ކަރެކްޝަންސް މެދުވެރިކޮށް އަނބުރާ ޕާޓީ އޮފީހަށް ލިބިފައިވާ ކަމަށެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އައިމިނަތު ޔުސްރީން އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ، ޔާމީންގެ ކެންޑިޑެސީ ފޯމުގައި ސޮއިކުރުވުމަށް ޕީޕީއެމުން އެހީތެރިކަަމަށް އެދިފައިވާތީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން އިއްޔެ އެމަނިކުފާނާ ބައްދަލުކުރަން ވަޑައިގެންނެވި އިރު، ގެންގުޅުއްވި ލިޔެކިއުންތަކުގެ ތެރޭގައި ކެންޑިޑަސީ ފޯމު ނުހިމެނޭ ކަމަށް ވަކީލުންގެ ޓީމުން އިއްޔެ ބުނެފައިވެއެވެ.

ޔާމީންގެ އިންތިހާބީ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށްބުނެ ވަކީލުންގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްވެސް ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލަ އެ ކޯޓުން ބަލައި ނުގަނެ ވަނީ ބޭރުކޮށްލައިފައެވެ.