ޕީއެސްޖީން ޖަޕާން އަދި ދެކުނު ކޮރެއާއަށް ކުރާ ޕްރި ސީޒަން ދަތުރަށް ނެގި ސްކޮޑުން ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ބާކީކޮށްފިއެވެ.
ޕީއެސްޖީއާއި އެމްބާޕޭގެ ގުޅުން ގޯސްވެފައިވަނީ އެއްބަސްވުމުގެ މައްސަލައިގައެވެ. އުމުރުން 24 އަހަރުގެ އެމްބާޕޭ، ކުރިއަށް އޮތް ސީޒަންގައި ޕީއެސްޖީގައި މަޑުކުރަން ބޭނުންވާ ނަމަ، މިހާރުން މިހާރަށް އެއްބަސްވުން އާ ކުރަންޖެހޭ ކަމަށް ކްލަބުގެ ރައީސް ނާސިރު އަލް-ހެލައިފީ ވަނީ ވިދާޅުވެފައެވެ. އެމްބާޕޭ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ އަންނަ ސީޒަންގެ ނިޔަލަށެވެ. އެ އެއްބަސްވުން ހަމަވުމާއެކު މަޑުކުރަން ބޭނުންވާ ނަމަ، އެމްބާޕޭއަށް އެއްބަސްވުން އާ ކުރުމަށް ބާރު ލިބެއެވެ. ނަމަވެސް، އެމްބާޕޭ ބުނީ އަންނަ ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލާނެ ކަމަށާއި އެއްބަސްވުން އިތުރަށް އާ ނުކުރާނެ ކަމަށެވެ.
އެމްބާޕޭ ބުނީ ކްލަބު ދޫކޮށްލަން ވިސްނަނީ އަންނަ ސީޒަނަށް ފަހުގައި ކަމަށެވެ. އެހެންކަމަށްވާ ނަމަ، އެމްބާޕޭ އެ ކްލަބު ދޫކޮށްލާނީ ހިލޭ ޓްރާންސްފާ އެއްގައެވެ. އެގޮތް ޕީއެސްޖީން ބޭނުންނުވާ އިރު، ހަބަރުތައް ބުނެފައިވަނީ ޕީއެސްޖީގެ ނަޒަރުގައި އެމްބާޕޭ ވަނީ އެ ކްލަބަށް ބޭވަފާތެރިވެފައެވެ. އަދި އަންނަ ސީޒަނަށްފަހު ހިލޭ ރެއާލް މެޑްރިޑަށް ދާން އެމްބާޕޭ މިހާރު އެއްބަސްވެފައިވާ ކަމަށް ޕީއެސްޖީ ދެކޭ ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.
އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައިވަނީ އެމްބާޕޭ ވިއްކަން ޓްރާންސްފާ މާކެޓަށް ރަސްމީކޮށް ޕީއެސްޖީން ހުޅުވާލާފައިވާ ކަމަށާއި، ކޮންމެ ކްލަބަކުން ބިޑް ކުރި ނަމަވެސް މިހާރު ޕީއެސްޖީން އެ ބިޑް ބަލައިގަންނަން ތައްޔާރުވެފައިވާ ކަމަށެވެ. ޕީއެސްޖީން އެ ގޮތް ބޭނުންވި ނަމަވެސް އެމްބާޕޭގެ ވިސްނުން އެކަމުގައި ތަފާތުވާނެ ކަމަށްވެސް ބެލެވެއެވެ. އެއީ މީގެ ދެ ސީޒަނެއް ކުރިން ފެށިގެންވެސް އެމްބާޕޭ ރެއާލަށް ދާން ތަފާތު މަސައްކަތްތަކެއް ކޮށްފައިވާތީއެވެ. އެމްބާޕޭ ދާން ބޭނުންވާ ހަމައެކަނި ކްލަބަކީ ރެއާލް ކަމަށްވެސް ބެލެވެއެވެ.
ޕީއެސްޖީން އެމްބާޕޭ ހިލޭ ދޫކޮށްލަން ބޭނުން ނުވަނީ 2017 ވަނަ އަހަރު އެ ކްލަބުން އޭނާ ހޯދަން ކުރި ބޮޑު ހަރަދުގެ ސަބަބުންނެވެ. އެ އަހަރު މޮނާކޯއިން އެމްބާޕޭ ގެންދަން ޕީއެސްޖީން ވަނީ 165.7 މިލިއަން ޕައުންޑްގެ އަގެއް ދައްކައިފައެވެ. އެމްބާޕޭއަކީ ތާރީހުގައިވެސް ދެވަނަކަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. އެ ފަހުން ޕީއެސްޖީއަށް ކުޅުނު މެޗުތަކުގައި އެމްބާޕޭ ވަނީ ކްލަބު ރެކޯޑު 212 ގޯލު ޖަހައިދީފައެވެ.
އާ ކޯޗު ލުއިސް އެންރިކޭއާއެކު ޕީއެސްޖީން ޕްރި ސީޒަނަށް ތައްޔާރުވަމުންދާ އިރު، އެޓީމުން މިހާރުވެސް ވަނީ މުހިންމު ޓްރާންސްފާތަކެއް ނިންމައިފައެވެ. އެހެން ނަމަވެސް ޓީމުގެ ތަރިން ކްލަބު ދޫކޮށްލުން އެއީ ކަންބޮޑުވުމެކެވެ. ހާއްސަކޮށް ލިއޮނަލް މެސީވެސް މިހާރު ކްލަބު ދޫކޮށްލައި އެމެރިކާ ލީގަށް ގޮސްފައިވުމާއެކު، އެމްބާޕޭ މަޑުކުރުވުމަކީ އާ ކޯޗު އެންރިކޭވެސް ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ. އެހެން ނަމަވެސް، ހިލޭ ދޫކޮށްލަން ބޭނުން ނޫން ނަމަ، މިވަގުތަށް ޕީއެސްޖީއަށް އޮތް ގޮތަކީ އެމްބާޕޭ ވިއްކާލުމެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ