ފްރާންސް ލީގުގެ އިތުރުން އެންމެފަހުގެ ޔޫރަޕްގެވެސް ޗެމްޕިއަން ޕީއެސްޖީން ރޭ ލީގުގައި ކުޅުނު މެޗުގައި މާސޭ ކައިރިން މޮޅުވެއްޖެއެވެ.

ޕީއެސްޖީން ރޭ ރަށުން ބޭރުގައި 2-1 އިން މޮޅުވި އިރު، އެޓީމަށް އެއީ މުހިއްމު ތިން ޕޮއިންޓެކެވެ. ޕީއެސްޖީއަށް މިހާތަނަށް ސީޒަންވެފައި ވަނީ އުނދަގޫ ސީޒަނަކަށެވެ. ފަސް މެޗުން އެޓީމަށް އަދި ހޯދިފައި ވަނީ ދެ މޮޅެވެ. ދެމެޗުން އެއްވަރުވި އިރު، އަނެއް މެޗުން ޕީއެސްޖީ ވަނީ ބަލިވެފައެވެ.

ފަސް މެޗުން އަށް ޕޮއިންޓާއެކު ޕީއެސްޖީ މިވަގުތު އޮތީ ހަވަނައިގައެވެ. މާސޭ މިވަގުތު 17 ވަނައިގައި އޮތް އިރު، އެޓީމަށް ފަސް މެޗުން އަދި ލިބުނީ އެންމެ ތިން ޕޮއިންޓެވެ.

މެޗުގެ ފުރަތަމަ ހާފު ޑޮމިނޭޓްކޮށްގެން ކުޅުނީ ޕީއެސްޖީންނެވެ. އެޓީމުން ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކަކަށް މަސައްކަތްކުރި ނަމަވެސް، 12 ޝޮޓުން ގޯލާ އަމާޒުކޮށްލެވުނީ އެންމެ ހަމަލާއެކެވެ. ޑިސައިރޭ ޑޫއޭގެ އެ ހަމަލާގެ އިތުރުން އުސްމާން ޑެމްބެލޭއަށްވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ.

ދެވަނަ ހާފުވެސް ޕީއެސްޖީން ވަރުގަދަކޮށް ފަށައި، ހަވީޗާ ކަވަރަޓްކޭލިއާގެ ހަމަލާއަކުން ނުރައްކާ ކުރިއެވެ. އެ ހަމަލާ މަތަކުރީ ކީޕަރު ޖެފްރީ ޑެ ލާންގެވެ. މެޗުގައި ޕީއެސްޖީން ލީޑު ނެގީ 66 ވަނަ މިނެޓުގައެވެ. ބަދަލަކަށް ނުކުތް ފެރާން ޓޮރޭސް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅައިގައި ޕީއެސްޖީން ލީޑު ނެގި ނަމަވެސް، އޭގެ މިނެޓު ކޮޅެއް ފަހުން މާސޭއިން މެޗު އެއްވަރުކުރިއެވެ. އެ ގޯލް ޖަހައިދިނީ އޭންޖަލް ގޮމޭސްއެވެ.

ޕީއެސްޖީން 74 ވަނަ މިނެޓުގައި މާކީނިއޯސް ޖަހައިދިން ގޯލަުން ދެވަނަ ފަހަރަށް ލީޑު ނެގި އިރު، މާސޭއިން މެޗު ނިންމާލީ ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ ޓިމޮތީ ވެއާއަށް ދެއްކި ރަތް ކާޑުގަ ސަބަބުންނެވެ.