ސެޕްޓެމްބަރު ނުވަވަނަ ދުވަހަކީ ހިބަރާއި ފެމުނަށް ނޫނެކޭ ބުނާ ދުވަސް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ހއ. ދިއްދޫގައި މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ރައީސް ސޯލިހު ވަނީ ބޮޑުތިލަދުންމައްޗަށް ރަސްއައިނެއް ތިލަކޮށްދެއްވާފައިވާ ކަމަށެވެ. ނަމަވެސް އަޑީގައި ހިބަރާއި ފެމުނު އުޅެމުންދާ ކަމަށާއި އެކަމަށް ސަމާލުވާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކެޔޮޅު އަޅުގަނޑުމެންގެ އޮޑި ގެންގޮސް އެ ގާތްކޮށްލެއްވީ ރަަސް އައިނަކާ. މި ބޮޑުތިލަދުންމަތީގައި ތިލަވަމުން މި އަންނަނީ ތަރައްގީގެ އާ ރަސްއައިނެއް. އަޅުގަނޑުމެން ފަޅުވެރިން މި ވަގުތު ކުރާން އޮތް ކަމަކީ ކުރު ދޮށީގައި ހައްސަ ބޭނޭތޯ ނަގާ އޮޑިއަށް މަސްއައިން ކަހާލުން. އެކަމަށް ތައްޔާރުވެވަޑައިގެން ތިއައިން ކޮންމެ ބޭފުޅަކުވެސް ކުރުދޮށި ހިއްޕަވައިގެން ވަޑައިގެން މަސްއައިން އޮޑިއަށް ކަހާލަދެއްވާ. އަވަސްކުރަން އެބަޖެހޭ، އެއީ އަޑީގައި ހިބަރާ ފެމުނު އެބަ އުޅޭ. ހިބަރާ ފެމުނު އެބަ އުޅޭ، މި ސޮރުމެން ތިލަވެއްޖިއްޔާ އައިނު ފިލާނެ. އެހެންވީމާ އަޅުގަނޑުމެންނަކަށް މާގިނަ ފުރުސަތެއް ވަގުތެއް ނޯންނާނެ ހިބަރާ ފެމުނު ތިލަވިޔަ ދީގެން ނުވާނެ. އޭގެ ކުރިން މި ބޮޑުތިލަދުންމަތީގައި އޮތް ބޮޑު ތަރައްގީ އަޅުގަނޑުމެން ނަގާ ކޮޅަށް ޖަހަންޖެހޭނެ. އެ ދުވަސް މި އަންނަނީ. ނުވައެއްސެޕްޓެމްބަރު ދުވަހަކީ އަޅުގަނޑުމެން ހިބަރާ ފެމުނަށް ނޫނެކޭ ބުނާ ދުވަސް،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ރައީސް ސޯލިހު ދިއްދޫއަށް ގެނެސްދެއްވި ތަރައްގީ ދުވާލުގެ އިރު ފެންނަ ފަދައިން ފެންނަން އެބަހުރި ކަމަށާއި ވެރިއެއްގެ ކިބައިން ފެންނަން ބޭނުންވާ މުރާލިކަމުގެ ސިފަ ރައީސް ސޯލިހުގެ ކިބައިން ފެންނަ ކަމަށެވެ. ބޮޑު ތިލަދުންމަތީ ރައްޔިތުން މީގެ ކުރިން ބޭނުންކުރަމުން އައީ ނަޖިސް ފެން ކަމަށާއި ރައީސް ސޯލިހު ނޫން ވެރިއަކަށް ބޮޑުތިލަދުންމަތީގެ ރަށްތަކުގައި ފެނުގެ ނިޒާމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހިތްވަރު ލިބިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ސޯލިހަކީ ވިސްނުންތެރިކަމާ އެކު ކަންތައް ރާވައިގެން ކުރިއަށް ގެންދިއުމުގެ ގާބިލުކަން ލިބިފައިވާ ބޭފުޅެއް ކަމަށާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް މިހާރުވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން ބައެއް މަޝްރޫއުތައް މިހާރު ވަނީ ނިމިފައި ކަމަށާއި އަނެއް ބައި މަޝްރޫއުތައް ހުރީ ނިމެން ކައިރިވެފައި ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު