އަމާޒަކީ 2028 ވަނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ 50 ބިލިއަން ރުފިޔާއަށް ހެދުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މ. މުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ކޮވިޑާ ގުޅިގެން ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅީ ވިސްނުންތެރިކަމާއެކު، ރައްޔިތުންނަށް އޭގެ ތަކުލީފު ވީހާވެސް ކުޑަވާ ގޮތަށް ކަމަށެވެ.
އެގޮތުން ދަތި އުދަނގުލުގައި އުޅުނު 22900 މީހަކަށް އިންކަމް ސަޕޯޓުގެ ގޮތުގައި 421 މިލިއަން ރުފިޔާ އަދި ކުދި ވިޔަފާރިތަކަށާއި ރިސޯޓްތައް ފަދަ ބޮޑެތި ވިޔަފާރިތަކަށް 1.1 ބިލިއަން ރުފިޔާގެ ލޯން ދޫކުރި ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، މިއަދު ރާއްޖެ މިއޮތް ހިސާބަށް އާދެވުނީ އެ ފިޔަވަޅުތައް އެޅުމުންނެވެ. އަދި އެ ފިޔަވަޅުތަކުގެ ސަބަބުން މިއަދު ދުނިޔޭގައި އިގުތިސާދު އެންމެ ބާރަށް ކުރިއަރާ 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
ކޮވިޑަށްފަހު ދެން ކުރިމަތިވި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އެކަމުގެ ސަބަބުން މުޅި ދުނިޔޭގެ އިގުތިސާދަށް ބަދަލުތަކެއް އައިސް، ތަކެތީގެ އަގު މައްޗަށް ދިޔަ ކަމަށެވެ. ހާއްސަކޮށް ތެލުގެ އަގު މައްޗަށް ދިއުމުން ބަޖެޓު ކޮށްފައި އޮތް މިންވަރަށްވުރެ އިތުރަށް ކޮންމެ މަހަކު 20 މިލިއަން ޑޮލަރު ބަޖެޓުން ހޭދަކުރަން ޖެހުނު ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ތެލުގެ މައްޗަށް ދިއުމުން ރައްޔިތުންނަށް ހެޔޮ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމަށްޓަކައި މިދިޔަ ދެ އަހަރު ސަރުކާރުން 2.3 ބިލިއަން ރުފިޔާ ހޭދަކުރިއެވެ.
"މި ކުރި ކަންތައްތަކުން ރާއްޖޭގެ އިގުތިސާދު މިދަނީ ދެގުނަވާން. 2018 ވަނަ އަހަރު ރާއްޖެއަށް ލިބުނު އާމްދަނީ 26 ޕަސެންޓް އިތުރަށް 2022 ވަނަ އަހަރު ލިބުނު. މި އަހަރު ނިމޭއިރުގައި އަމާޒަކީ 30 ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރަށް ހޯދުން. އަދި އަޅުގަނޑުމެންގެ މި ދިހަ އަހަރު، 2018 އިން ފެށިގެން 2028 ވަނަ އަހަރާ ހަމައަށް ނިމޭއިރު ރާއްޖޭގެ އިގުތިސާދު ދެގުނަވެ، ދައުލަތަށް ލިބޭ އާމްދަނީ ދެގުނަވެގެންދާތަން އެބަ ފެނޭ. މިހާރުގެ އަމާޒަކީ 2028 ވަނަ އަހަރު ދައުލަތުގެ އާމްދަނީއަށް 50 ބިލިއަން ރުފިޔާ ވެއްދުން،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު