ޚަބަރު

ރައީސްގެ ދެވަނަ ދައުރަށްފަހު، ދެން އަންނަ ރައީސަކަށް ކުރާނެ މަސައްކަތެއް ނޯންނާނެ: ޝަރީފް

މުހައްމަދު އިޝާން

3

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެވަނަ ދައުރަށްފަހު، ދެން ވެރިކަމަށް ވަޑައިގަންނަވާ ރައީސަކު ކުރިއަށްގެންދާނެ މަޝްރޫއެއް ނޯންނާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ކ. މާފުށީގައި ރޭ ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާ "އުފާވެރި އަމާން ރާއްޖެ" ގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ފާއިތުވެދިޔަ ހުރިހާ ވެރިކަންތަކާ އަޅައި ބަލާއިރު ރައީސް ސޯލިހުގެ ވެރިކަމަކީ ނަމޫނާ ވެރިކަމެއް ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނީގެ ވެރިއަކަށް އޭނާ ވީތީ ރައީސް ސޯލިހަށް ހުޝާމަދު ނުކުރައްވާ ކަމަށާއި ރައީސް ސޯލިހަކީ ހަގީގަތުގައި ވެސް އޯގާތެރި އަދި ވައުދު ފުއްދަވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގެ ވެރިންގެ ގޮތުގައި ރައްޔިތުން ބޭނުންވަނީ ރައީސް ސޯލިހު ފަދަ ބޭފުޅުން ކަމަށެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރެއިން ދެ އަހަރުވަރު ދިޔައީ ކޮވިޑުގެ ދަތިކަމުގެ ތެރޭގައި ކަމަށާއި ނަމަވެސް އެ ގޮންޖެހުންތަކާއެކު ވެސް ރައީސް ސޯލިހު ގައުމު ތަރައްގީކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުން ކުރަން ރާވާފައިވާ ތަރައްގީގެ ހުރިހާ މަޝްރޫއެއް ނިންމުމަށް ރައީސް ސޯލިހަށް އަދި އެއް ދައުރު ދޭން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑު މީގެ ކުރިން ހީކޮށްގެން ހުރީ މީގެ ކުރީގެ ދައުރުގައި ވެރިކަން ކުރެއްވި ރައީސް ޔާމީން ރާއްޖޭގެ ތަރައްގީގެ ގިނަ މަސައްކަތް ކުރެއްވިއޭ. ނޫން، އަޅުގަނޑުމެންނަށް ރާއްޖޭގެ މިހާރުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، އަޅުގަނޑުމެންގެ ރައީސް، ރިޔާސީ ކެންޑިޑޭޓު ވަނީ އެއަށްވުރެ މާ އުސް މިންގަނޑެއް ކަނޑައަޅުއްވާފަ. ދެން އަންނަ ރައީސަކަށް، އަޅުގަނޑުމެންނަށް ފަހުގައި، އަޅުގަނޑުމެން ދެ ދައުރު ހަމަކުރުމަށްފަހުގައި ދެން އަންނަ ރައީސަކަށް ރާއްޖޭގެ ތަރައްގީގައި އިތުރަށް ކުރާނެ މަސައްކަތެއްް އަޅުގަނޑުމެން ނުބާއްވާނަން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންތިހާބަކީ ވޯޓެއް ކަމަށާއި ކޮންމެ ރައްޔިތަކު ދެއްވާ ވޯޓަކީ ވެސް މުހިންމު ވޯޓެއް ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ހުންނަވާ މެމްބަރަކު ކުރައްވާ ކަމަކުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުނުވާނެ ކަމަށާއި އެ މަގާމަށް އިންތިހާބުވާނީ ރައްޔިތުންގެ ވޯޓު ލިބިގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރިޔާސީ ރޭހުގައި ތިބީ ހަމައެކަނި އެމްޑީޕީ ކަމަށާއި ދެން ތިބީ ހިޔަންޏަށް މުޑި ނަގާހެން ކެންޑިޑޭޓެއް ފެންނަން ނެތި ކެމްޕޭން ފަށައިގެން އުޅޭ ފަރާތްތައް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟