ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް ޕީޕީއެމްއާއެކު ހެދި ކޯލިޝަން އެ ސަރުކާރު ނިމެންދެން ރޫޅައިނުލައި ކުރިއަށްދިޔައީ ޖަލަށް ދާން ޖެހިދާނެތީ ކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ލީޑަރު އަލީ މައުރޫފު ވިދާޅުވެއްޖެއެވެ.

ކ. ގުރައިދޫގައި މިއަދު ބޭއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން މައުރޫފު ވިދާޅުވީ އެމްޑީޕީގެ ޕޯޑިއަމެއްގައި ވާހަކަދައްކަން ޖެހިދާނެ ކަމަށް ދުވަސްހަކުވެސް އުއްމީދުނުކުރައްވާ ކަމަށެވެ. މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން ޖެހިވަޑައިގަތީ ޕީޕީއެމްއާއެކު ހެދި ކޯލިޝަންގެ ހިތި ތަޖުރިބާގެ ސަބަބުން ކަމަށް މައުރޫފު ވިދާޅުވިއެވެ.

މައުރޫފު ވިދާޅުވީ 2013 ވަނަ އަހަރު ތާއިދެއް ނެތް މީހަކު ވެރިކަމަށް ގެންނަން މަސައްކަތް ކުރި ކަމަށާއި އަދި ޕީޕީއެމްއާއެކު ހަދައިފައިވާ ކޯލިޝަންގައި ދެމިތިބީ ދެ މަގުސަދެއްގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑުމެން އަރަގުވިން 2013 އިން ފެށިގެން އޮފްނާރާ މީހަކު އޮފްކޮށްގެން ރައީސްކަމަށް އައްޔަންކުރީސުރެ، އެހެންނަމަވެސް އަޅުގަނޑުމެންނަށް ލިބުނީ ވަރަށް ހިތި ތަޖުރިބާ. އަޅުގަނޑުމެން އެ ކޯލިޝަންގައި ދެމިތިބީ ދެ މަގުސަދަކަށްޓަކައި. އެއް މަގުސަދަކީ ވެރިކަން ވެއްޓިގެން ގޮސްފިއްޔާމު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ލިބިދާނެ ގެއްލުމަށްކަށްޓަކައި. އަނެއް މަގުސަދަކީ އަޅުގަނޑުމެން ޕާޓީގެ އިސްވެރިން ހުރަގެއަށް ލައިފާނެތީ. މި ދެ މަގުސަދަށްޓަކައި އަޅުގަނޑުމެން ކޯލިޝަން ދެމެހެއްޓީ،" މައުރޫފު ވިދާޅުވިއެވެ.

މައުރޫފު ވިދާޅުވީ ރައީސް ސޯލިހާއެކު ފަށާފައިވާ ދަތުރު ނިންމާލާނީ އުފާވެރި އަމާން ރާއްޖެއަކަށް ދިއުމަށްފަހު ކަމަށާއި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ނޫން ޗޮއިސްއެއް ނެތް ކަމަށެވެ.

އެމްޑީއޭއިން ރައީސް ސޯލިހާއެކު ކޯލިޝަން ހަދަން ނިންމީ އެމަނިކުފާނު ސަރުކާރުން ކަންތައް ކުރައްވާ ގޮތް ރަނގަޅަށް ބެލުމަށްފަހު ކަމަށާއި ރައީސް ސޯލިހު ކަންތައް ކުރައްވަމުން ގެންދަވަނީ އިގުތިސާދު ބިނާކޮށް ސިޔާސީ މީހުން ޖަލަށް ނުލައި ކަމަށް މައުރޫފު ވިދާޅުވިއެވެ.

މައުރޫފު އިތުރަށް ވިދާޅުވީ ޕީޕީއެމުން، ކޯލިޝަން ހެދުމުގެ ދައުވަތު ދިނުމުން އެކަމާ މަރުހަބާ ދަންނަވާފައިވާނެ ކަމަށާއި ނަމަވެސް އެ ޕާޓީއާއެކު ކޯލިޝަން ނުހެދީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ޔާމީން ޖަލުގައި އޮތުމުންނާއި އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ކަމަށެވެ.