ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެމްޑީޕީން އެންމެ ބޮޑު އިސްކަމެއް ދޭންވީ މި ދައުރުގައި ސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދީފައިވާ ކަންތައްތައް ކިޔައިދިނުމަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕޭނުކުރެއްވުމުގެ ގޮތުން ރައީސް ސޯލިހު ވަނީ މިއަދު މާލޭގައި ޑޯޓުޑޯ ފައްޓަވައިފިއެވެ.

ޑޯޓުޑޯ ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ކޮށްދީފައިވާ ކަންކަން އޮޅުވާލުމަށް، އިދިކޮޅު ފަރާތްތަކުން ހަގީގަތާ ހިލާފު ވާހަކަ ދައްކަމުންދާ ކަމަށެވެ.

"އޮޅުމެއްގެ ތެރޭގައި ބައެއް ރައްޔިތުންނަށް ތިބެވޭތަން، ބައެއް ބޭފުޅުން ދައްކާ ވާހަކައިން އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ. އެހެންވީމަ އަޅުގަނޑުމެން މިއަދު ކުރަން ޖެހިފައި އޮތް ކަމަކީ މިދިޔަ ހަތަރު އަހަރު، ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރި ކަންތައްތައް، އެ ކުރި ގޮތާއި ދިމާވި ދަތިތައް ރައްޔިތުންނަށް ހާމަކޮށްދިނުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ކޮށްދީފައިވާ ކަންތައްތައް ރައްޔިތުންނަށް ހާމަކޮށްދެއްވުމުން އެއް ބުރުން އިންތިހާބު ކާމިޔާކުރެއްވޭނެކަން ޔަގީންވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އެމަނިކުފާނު ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވައި އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. އެ ރިޔާސީ އިންތިހާބުގައި ވެސް މާލޭ ރައްޔިތުން އެންމެ ބޮޑަށް ފާހަގަކުރީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި މިހާރު އެ މައްސަލަ މިވަނީ މުޅިއަކުން ހައްލުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ﷲގެ ރަހުމަތާއެކީގައި އެއްބުރުން އަޅުގަނޑުމެން ކާމިޔާބުކުރާނަން. ކުރީގައި 2018 ގައި ލިބުނު ޓާގެޓާ ހިސާބަށް ދެވޭތޯ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އަޅުގަނޑަށް އެ މަންޒަރު މިހާރު އެބަ ފެނޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ވެރިކަމުގައި ރައްޔިތުންނަށްޓަކައި ކޮށްދީފައިވާ ކަންކަން އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށާއި އެހެންކަމުން ރައްޔިތުންނަށްޓަކައި ކޮށްދެއްވާފައިވާ ކަންކަމުގެ ވާހަކަ ރައްޔިތުންނަށް ސާފުކޮށް އޮޅުމެއްނެތި ކިޔައިދެއްވުމަކީ ކެމްޕޭނުގައި އިސްކަމެއް ދެއްވާނެކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފައްޓަވާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފޯކައިދޫ އިންނެވެ.