މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އެއް ބުރުން ކާމިޔާބު ކުރެއްވޭނެ މަންޒަރު ފެންނަން ފަށައިފި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބަށް ކެމްޕޭނު ކުރެއްވުމުގެ ގޮތުން ރައީސް ސޯލިހު ވަނީ މިއަދު މާލޭގައި ޑޯޓުޑޯ ފައްޓަވައިފިއެވެ. ރައީސް ސޯލިހު ވަނީ މިއަދު ގަލޮޅުގެ ގެތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. ރައީސްގެ އަރިހުގައި އެމަނިކުފާނުގެ މާލޭ ސިޓީގެ ކެމްޕޭން މެނޭޖަރު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއީލް ނަސީމު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޝަހީމް (އަނދުން) ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޑޯޓުޑޯ ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އެމަނިކުފާނު ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވައި އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. އެ ރިޔާސީ އިންތިހާބުގައި ވެސް މާލޭ ރައްޔިތުން އެންމެ ބޮޑަށް ފާހަގަކުރެއްވީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި މިހާރު އެ މައްސަލަ މިވަނީ މުޅިއަކުން ހައްލުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ﷲގެ ރަހުމަތާއެކީގައި އެއްބުރުން އަޅުގަނޑުމެން ކާމިޔާބުކުރާނަން. ކުރީގައި 2018 ގައި ލިބުނު ޓާގެޓާ ހިސާބަށް ދެވޭތޯ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އަޅުގަނޑަށް އެ މަންޒަރު މިހާރު އެބަ ފެނޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ވެރިކަމުގައި ރައްޔިތުންނަށްޓަކައި ކޮށްދީފައިވާ ކަންކަން އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށާއި އެހެންކަމުން ރައްޔިތުންނަށްޓަކައި ކޮށްދެއްވާފައިވާ ކަންކަމުގެ ވާހަކަ ރައްޔިތުންނަށް ސާފުކޮށް އޮޅުމެއްނެތި ކިޔައިދެއްވުމަކީ ކެމްޕޭނުގައި އިސްކަމެއް ދެއްވާނެކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފައްޓަވާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފޯކައިދޫ އިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު