ޓޮޓެންހަމްގެ ރެކޯޑު ގޯލު ޖެހުންތެރިޔާ ހެރީ ކޭން އެ ކްލަބުގައި މަޑުކުރުވަން ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށް އެ ކްލަބާ އަލަށް ހަވާލުވި ކޯޗު އާންޖޭ ޕޮސްޓެކޮގްލޫ ބުނެފިއެވެ.

ސެލްޓިކްގެ ކުރީގެ ކޯޗު ޕޮސްޓެކޮގްލޫ ޓޮޓެންހަމްއާ ހަވާލުވެ، ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން އިއްޔެ ވަނީ ބާއްވާފައެވެ. ޓޮޓެންހަމްއިން ވަނީ އަންނަ ސީޒަނަށް މިހާރު ތަމްރީނުތައް ފަށައިފިއެވެ. އެހެން ނަމަވެސް ކޭން ތަމްރީނުތަކަށް ނުކުންނަން އޮތީ މި ހަފުތާގެ ފަހުންނެވެ. ކޭންގެ ޓްރާންސްފާ ހާލަތު މިވަގުތު އޮތީ ކިހިނެއްކަން އަދި ރަސްމީކޮށް ސާފު ވެފައި ނުވާ އިރު، އޭނާ އަންނަ ސީޒަނަށް މަޑުކުރުވޭނެ ކަމުގެ ޔަގީންކަމެއް ޓޮޓެންހަމްއަކަށް ނެތެވެ.

ހަބަރުތައް ބުނާ ގޮތުގައި ޖަރުމަނުގެ ގަދަބާރު، ބަޔާން މިއުނިކުން ވަނީ ކޭން ހޯދަން 70 މިލިއަން ޕައުންޑްގެ ބިޑެއް ރަސްމީކޮށް ހުށަހަޅައިފައެވެ. އުމުރުން 29 އަހަރުގެ ކޭން ހޯދަން މިދިޔަ ދެތިން އަހަރަކުވެސް ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން މަސައްކަތް ކޮށްފައިވާ އިރު، އޭނާ ޓޮޓެންހަމް ދޫކޮށްލަން ކްލަބަކުން ނޭދެއެވެ.

އިންގްލެންޑްގެ ކެޕްޓަން ކޭން، ޓޮޓެންހަމްއާއެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހަށް ހަމަވާ އިރު، އެ އެއްބަސްވުމަށް ގޮތެއް ނިންމަން ލިބޭނެ އެންމެ ފަހުގެ ހޫނު މޫސުމުގެ ޓްރާންސްފާ ސީޒަނަކީ މިއީއެވެ. އެހެންކަމުން ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި ކޭންގެ ކަންކަމުގައި ގޮތެއް ނިންމަން ކްލަބުން މަޝްވަރާކުރާނެ ކަމަށް ނޫސްތައް ބުނެއެވެ.

"ކޭންއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ފޯވަޑް. މި ކްލަބަށް ކޭން ބޭނުންވޭ. އަހަރެން ފުރަތަމަ ބޭނުންވަނީ ކޭންއަށް އަހަރެން ތައާރަފު ވާން. އަހަރެންގެ ތަސައްވަރު އޭނާއަށް ކިޔައިދޭނަން. އަހަރެން ބޭނުންވަނީ ކޭންއާއެކު އެއްބަސްވުމަކަށް އާދެވޭނެ ގޮތެއް ހޯދަން. އަހަރެން ގެންނަން ބޭނުންވާ ކާމިޔާބީވެސް ކޭންއަށް ކިޔައިދޭނަން،" ޕޮސްޓެކޮގްލޫ އިއްޔެ ބުންޏެވެ.

ކޭންއަކީ ޓޮޓެންހަމްގެ ތާރީހުގައިވެސް އެކްލަބަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު 435 މެޗުން 280 ގޯލު ޖަހައިދީފައެވެ. 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޓޮޓެންހަމްއަށް ތަށްޓެއް ހޯދިފައިނުވާ އިރު، އެއީ އެ ކްލަބަށް ވަރުގަދަ ކުޅުންތެރިން މަޑުކުރުވަން ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެވެ.