އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޝަނާ ހަނގުރާމަ ކުރަމުންދާ ޓޮޓެންހަމްއިން ރޭ އެސްޓަން ވިލާ ކައިރިން މުހިއްމު މޮޅެއް ހޯދައިފިއެވެ.

ޓޮޓެންހަމްއިން ރަށުން ބޭރުގައި ރޭ 2-1 އިން މޮޅުވި އިރު، ރޭގެ މެޗަށް ނުކުތްއިރުވެސް އެޓީމަށް އޮތީ އުންމީދެއް ލިބިފައެވެ. އެއީ ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތް ކުރަމުންދާ ވެސްޓް ހޭމްއިން މިހަފުތާ ކުޅުނު މެޗުން ބަލިވެފައި އޮތުމާއެކުގައެވެ.

އާ ކޯޗު ރޮބާޓޯ ޑި ޒާބީއާއެކު ޓޮޓެންހަމްއިން ސަލާމަތްވާން ކުރަމުންދާ މަސައްކަތުގައި މިހާރު ވަނީ ރެލިގޭޝަން ޒޯނުން ބޭރަށް ޖެހިލެވިފައެވެ. އެޓީމުން 35 މެޗުން 37 ޕޮއިންޓާއެކު 17 ވަނައިގައި އޮތް އިރު، ވެސްޓް ހޭމް 18 ވަނަ އަށް ސޮއްސާލީ 35 މެޗުން 36 ޕޮއިންޓާއެކުގައެވެ.

ފުލުގައި އޮތް ވުލްވްސްއަށް ރެލިގޭޝަން ޔަގީންވެފައި އޮތް އިރު، ދެން 19 ވަނައިގައި އޮތް ބާންލީއަށްވެސް މިހާރު އޮތީ އުނދަގޫ ހާލަތެކެވެ. ދެން އޮތް ޖާގައިގާ ރެލިގޭޓް ވާނެ ޓީމު ޔަގީންވާނީ އެންމެ ފަހު ދެތިން މެޗުންނެވެ.

ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި އޮތް ވިލާއިން ރޭގެ މެޗަށް ނުކުތީ މުހިއްމު ބައެއް ކުޅުންތެރިންނަށް ރެސްޓް ދީގެންނެވެ. އެއީ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް މިހަފުތާ ނުކުންނަން ޖެހޭތީއެވެ. ފުރަތަމަ ލެގުން އެޓީމު އޮތީ ބަލިވެފައެވެ.

މެޗުގައި ޓޮޓެންހަމްއިން ވަނީ އަވަސް ލީޑެއް ނަގައިފައެވެ. 12 ވަނަ މިނެޓުގައި އެޓީމުގެ ފުރަތަމަ ގޯލް ޖަހައިދިނީ ޖެނުއަރީ މަހު އެޓީމާ ގުޅުނު ކޯނޯ ގެލެގާއެވެ. ގެލެގާ ކްލަބަށް ޖަހައިދިން ފުރަތަމަ ގޯލަކީ އޭރިއާ ބޭރުން ގޯލްގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ.

އޭގެ އިރުކޮޅެއްފަހުން ޖޮއާއޯ ޕައުލީނިއާގެ ހަމަލާއެއް ދަނޑިއަށް އަމާޒުވެފައިވާ އިރު، ހާފު ނިމުމުގެ ކުރިން ޓޮޓެންހަމް ދެވަނަ ގޯލް ޖެހިއެވެ. އެ ގޯލް ޖަހައިދިނީ ރިޗާލިސަންއެވެ.

ބަދަލަކަށް މެޗަށް ނުކުތް އެމީ ބުުއެންޑިއާ ވިލާއަށް ގޯލެއް ޖަހައިދިން ނަމަވެސް ޓޮޓެންހަމްއިން ވަނީ ނަތީޖާ ހިފަހައްޓާލައިފައެވެ.