ށ. ފޯކައިދޫއިން އަލީ ޔާމީން ( ވަން އޮންލައިން )
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދުމަށް ގުޅިފައިވާ ޕާޓީތަކާއެކު އެމްޑީޕީން ދަތުރު ފަށަނީ ކޮއްތާއި ފެނާ އަރުވައި ބަރާކޮށް، ބޮޑު އިންޖީނަކާއެކު ކަމަށާއި ވާދަވެރިންނަށް ދެން އަތެއް ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީއޭއާއި އަދާލަތު ޕާޓީއާއެކު ކޯލިޝަން ހަދައިފައެވެ.
ރައީސް ސޯލިހުގެ ކެމްޕެއިން ފެށުމުގެ ގޮތުން މި ރަށުގެ ބަނދަރު ސަރަހައްދުގައި މިހާރު ކުރިއަށްދާ ބޮޑު ޖަލްސާގައި ފައްޔާޒް ވިދާޅުވީ، ދުވަހަކުވެސް ރާއްޖެ ނުދެކޭ ފަދަ ތަރައްގީ މި ސަރުކާރުން ރާއްޖެއަށް ގެނެސްދެމުން އަންނަ ކަމަށެވެ. އަދި އެތައް ބަޔަކަށް ނުކުރެވި ހުރި މަސައްކަތް މި ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެގޮތުން އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުުން އެތައް ކުރިއެރުމެއް ރާއްޖެއަށް ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަން 2012 ގައި ނިމުނު ގޮތާއި އޭގެ ފަހުން 2018 ވަނަ އަހަރު އެމްޑީޕީއަށް ދެވަނަ ފަހަރަށް ރާއްޖޭގެ ވެރިކަން ލިބުމާ ހަމައަށް ދިވެހިން ތަހައްމަލުކުރި ހިތްދަތި ދުވަސްތަކުގެ ހަނދާން އާކުރައްވައި ފައްޔާޒް ވިދާޅުވީ، މިއަދު ރާއްޖެއަށް އަމާން ބަނދަރަކަށް ވާސިލުވެވިފައި މިވަނީ އެ ދުވަހު އެތައް ދިވެހި ރައްޔިތުންނެއްވީ ގުރުބާނީގެ ސަބަބުން ކަމަށެވެ.
ފައްޔާޒް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް މިނިވަންކަން ކަށަވަރުކޮށްދިނީ މި ސަރުކާރުން ކަމަށާއި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކާއެކު އެމްޑީޕީން ރިޔާސީ އިންތިހާބުގެ ދަތުރު ފަށަނީ ގަދަކޮށް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ދަތުރު މި ފަށަނީ ކޮއްތާއި ފެނާ އަރުވައި ބަރާކޮށްލާފައި. އަޅުގަނޑުމެންގެ ވާދަވެރިންނަށް ވާދަނުކުރެވޭ ވަރުގެ ބާރަށް ދުވާ ބޮޑު އިންޖީނު އަޅާފައި މިއަދު މި ފުރަނީ،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، ދިވެހިން ތަރައްމަލުކުރި އަނިޔާވެރިކަން އަލުން އިޔާދަވުމުގެ އެއްވެސް ޖާގައެއް އެމްޑީޕީން ނުދޭނެ ކަމަށާއި ފަސް އެނބުރި ނުބަލާނެ ކަމަށެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ އޮޑި ނުފެތޭނެ ކަމަށާއި އެމްޑީޕީގެ އަޒުމެއްވެސް ނުގުޑާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު