ސަރުކާރު އެކި ކުންފުނިތަކުން ސިޔާސީ ބޭނުމަށް ދީފައިވާ ވަޒީފާތަކުން ސަރުކާރަށް ފައިދާއެއް ނުކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ރިޔާސީ ކެމްޕޭނަށް ރ. ދުވާފަރަށް މިއަދު ވަޑައިގެން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ސަރުކާރު އެކި ކުންފުނިތަކުން ޒުވާނުންނަށް ވަޒީފާ ދީފައިވާ ކަމަށާއި، އެ ޒުވާނުންނަށް ވަޒީފާ ދީފައިވަނީ ސިޔާސީ ހިޔާލު ފާޅުކުރުންތައް މަނާކޮށްފައި ކަމަށެވެ.

އަމީން ވިދާޅުވީ އެގޮތަށް ވަޒީފާ ދީފައިވާ ޒުވާނުންނާ ބައްދަލުވާ ފަަހަރު ސަރުކާރަށް ތާއިދުނުކުރާ ކަމަށް އެ ޒުވާނުން ބުނަމުންދާ ކަމަށެވެ.

"ސަރުކާރުގެ މި ސަކަރާތް ޖަހައި، މި ޖަރީމާ ހިންގާ މީހުންނަށް އަޅުގަނޑު ދަންނަވަން ބޭނުންވޭ މާތްކަލާންގެއަށްޓަކައި، ދައުލަތުގެ ބަޖެޓު ތިގޮތަށް ހޭދަ ނުކުރާށޭ، ހަމަ ސުމެއްގައޭ ޖެހޭނީ. އެގޮތަށް ތިބި މުވައްޒަފުންގެ ފަރާތަކުން ފައިދާއެއް ނުކުރާނެ،" އަމީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ޒުވާނުން ބޭނުންވަނީ ޖުމްހޫރީ ޕާޓީއާއެކު ކުރިއަށްދާން ކަމަށާއި ޖުމްހޫރީ ޕާޓީން ކުރާ މަސައްކަތުގައި އެ ޒުވާނުން ހިމަނައިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ގޮތުން އެއިން ޒުވާނަކު ވަޒީފާއިން ވަކިކޮށްފިނަމަ ޖުމްހޫރީ ޕާޓީގެ ވެރިކަމުގައި އަލުން ވަޒީފާ ދޭނެ ކަމަށާއި ނުހައްގުން އެ ޒުވާނުން ވަޒީފާއިން ވަކިކުރާ އިސް މީހުންނަށް ގާނޫނީ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.

ސަރުކާރުން އާސަންދަ އިފުތިތާހުކުރުމުގެ މާކުރިން ގާސިމް ވަނީ "އާސަންދަ"އެއް ފައްޓަވާފައި ކަމަށާއި އިންޑިއާގައި އޮފީހެއް ހުޅުވައިގެން ރާއްޖެއިން، އެގައުމަށް ބޭހަށް ދާ މީހުންގެ ޓިކެޓާއި ކެއުމާއި ހުރުން އަދި އެހެނިހެން ކަންތައްތަކުގެ ހަރަދު ގާސިމް ހަމަޖައްސައިދެއްވާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ގާސިމުގެ ހުރިހާ ރިސޯޓެއްގެ އިސް މަގާމުތަކުގައި ތިއްބެވީ ދިވެހިން ކަމަށާއި، ގާސިމުގެ ރިސޯޓުތަކުގެ ސްޓްރަކްޗާ ބައްޓަން ކޮށްފައި އޮންނަ ގޮތުން ކޮންމެ މީހަކަށް ވެސް ރިސޯޓުގެ އެންމެ އިސް މަގާމަށް ދެވޭނެ ކަމަށެވެ. ނަމަވެސް އެހެން ގިނަ ރިސޯޓުތައް ހިންގާ މީހުންގެ ރިސޯޓުތަކުގެ އިސް މަގާމުތަކުގައި ތިއްބެވީ ބިދޭސީން ކަމަށް އޭނާ ވިދާޅުވިއެވެ.