އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

ސާފް ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕް ބީގައި މިއަދު ރާއްޖެއިން ބަންގްލަދޭޝް ކައިރިން ބަލިވެއްޖެއެވެ.

އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިއަދު ގައުމީ ޓީމުން ކުޅުނު މެޗުގައި ބަންގްލަދޭޝް ކައިރިން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. މިއަދުގެ ނަތީޖާއާއެކު ރާއްޖެއަށް ދެން ސެމީއަށް ދާން އޮތީ އުނދަގޫ ހާލަތެކެވެ. އެއީ ލުބުނާން ބަލިކުރުމެވެ.

މިއަދުގެ މެޗަށް ނުކުތް އިރު، ބަންގްލަދޭޝް އޮތީ ކުޅުނު ފުރަތަމަ މެޗުގައި ލުބުނާން ކައިރިން 2-0 އިން ބަލިވެފައެވެ. ރާއްޖެ އޮތީ ކުޅުނު ފުރަތަމަ މެޗުގައި 2-0 އިން ބޫޓާން ބަލިކޮށްފައެވެ. އެހެންކަމުން ބަންގްލަދޭޝްއަށް މިއަދުގެ މެޗު އޮތީ މަރުގެ މެޗަކަށްވެފައެވެ. އަނެއްކޮޅުން ރާއްޖެއަށް މެޗުން މޮޅުވެ، ސެމީއަށް އުންމީދު ބޮޑުކުރެވެން އޮތެވެ.

މެޗުގެ ކުރިން ރާއްޖޭގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯވެސް ބުނެފައި ވަނީ ބަންގްލަދޭޝްއަށް މެޗު ފައިނަލަކަށް ވާނެ ކަމަށާއި، އެކަމަށް ދިވެހި ޓީމުން ސަމާލުވާން ޖެހޭނެ ކަމަށެވެ. އަނެއްކޮޅުން ބަންގްލަދޭޝްގެ ކޯޗު ހާވިއާ ފެނާންޑޭސް ކަބްރޭރާވެސް ބުނީ ރާއްޖެ ބަލިކުރުން ނޫން ގޮތެއް ބަންގްލަދޭޝްއަކަށް ނޯންނާނެ ކަމަށާއި، އެކަން ކުރަން ޓީމު ރަނގަޅު ރޫހެއްގައި އޮތް ކަމަށެވެ.

ބަންގްލަދޭޝްއާއި ރާއްޖޭގެ ކުރިމަތިލުންތައް އަބަދުވެސް ވާދަވެރިކޮށް ފެނިގެންދާ އިރު، މިހާތަނަށް ދެގައުމުން ވާދަކުރި 15 ވާދަވެރި މެޗެއްގެ ނަތީޖާތައްވެސް އޮތީ ދާދި ހަމަހަމަކޮށެވެ. ރާއްޖެއިން މިހާތަނަށް ބަންގްލަދޭޝް ކައިރިން ހަ މެޗުން މޮޅުވެފައި އޮތް އިރު، ބަންގްލަދޭޝް ވެސް ވަނީ ރާއްޖެ ކައިރިން ހަމެޗުން މޮޅުވެފައެވެ. އަނެއް ތިން މެޗު ނިމިފައި އޮތީ އެއްވަރުވެގެންނެވެ. މިއަދުގެ މެޗުގެ ކުރިން އެންމެފަހުން ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ބަންގްލަދޭޝް ވާދަކުރީ 2021 ވަނަ އަހަރު ރާއްޖޭގައެވެ. އެ މެޗުން ރާއްޖެ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

ރާއްޖެ އިން މި މެޗަށް ނުކުތީ ދެ ބަދަލަކާއެކުގައެވެ. ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 އިން ފެނުނު އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) މިއަދުގެ މެޗު ފެށީ ބެންޗުންނެވެ. އެ ދެ ކުޅުންތެރިންގެ ބަދަލުގައި މި މެޗުގެ ފުރަތަމަ 11 ގައި ހިމަނާފައިވަނީ އަލީ ފާސިރު (ސެންޓޭ) އާއި ނާއިޒް ހަސަން (ދާދު)އެވެ. އޭގެ ތެރެއިން ދާދު އަކީ ބޫޓާން މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ގޯލު ޖަހާފައިވާ ކުޅުންތެރިޔެކެވެ.

ބަންގަލޫރުގައި ދިރިއުޅެމުންދާ ދިވެހި ބައެއް ސަޕޯޓަރުން ދަނޑަށް ވަދެ އޮތް މިއަދުގެ މެޗު ފެށިގެން ރާއްޖެއިން ވަނީ ރަނގަޅު ޓެމްޕޯއެއްގައި މެދުތެރެއިން ޕާސްތައް ޖަހަން މަސައްކަތް ކޮށްފައެވެ. ފުރަތަމަ ކޮޅުގައި ރާއްޖެއިން މެޗުގެ ކޮންޓްރޯލް ހިފަހައްޓަމުން ދިޔައެވެ. ކުރީކޮޅުގައި ހަމްޒާ މުހައްމަދު (ހަމްޕު)ގެ ހަމަލާއެއް ފެނިގެން ދިޔަ އިރު، ރާއްޖެއަށް އުނދަގޫވީ ބޯޅައެއް ގޯލާ އަމާޒުކޮށްލާށެވެ. ހަމަލާތަށް އެންމެ ކާމިޔާބުކޮށް ފެނިފައިނުވާ އިރު، ރާއްޖެއިން މެޗުގައި ގޯލާ އާމާޒުކޮށްލި ފުރަތަމަ ބޯޅައިގައި ލީޑު ނެގިއެވެ.

މެޗުގެ 17 ވަނަ މިނެޓުގައި ރާއްޖެއަށް ލީޑު ނަގައިދިނީ ބޫޓާން ކޮޅަށްވެސް ފުރަތަމަ ގޯލު ޖެހި ހަމްޕުއެވެ. ސެންޓޭ ދިން ބޯޅައަކުން އޭރިއާ ބޭރުން ހަމްޕު ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލީ ސީދާ ގޯލުގެ ތިރީ ކަނަށެވެ. ހިތްގައިމު ގޯލެކެވެ.

ގޯލަށްފަހު ރާއްޖެއިން ވަރަށް ބޮޑަށް ފަހަތަށް ޖެހިފައިވެއެވެ. ގިނަ ކުޅުންތެރިންތަކެއް ފަހަތަށް ޑިފެންސް ކުރަން ފޭބުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ހާފަށް ޕްރެޝަރު ބޮޑުވެ، ބަންގްލަދޭޝް ކުޅުންތެރިންނަށް މެޗު ކޮންޓްރޯލް ކުރަން ފުރުސަތު ލިބުނެވެ. އެ ފުރުސަތާއެކު ބަންގްލަދޭޝްއިން ވަނީ ނުރައްކާ ކުރަން ފަށައިފައެވެ. އެގޮތުން 33 ވަނަ މިނެޓުގައި ކޯނަރެއްގެ ތެރެއިން ބަންގުލަދޭޝްގެ ނުރައްކާ ބޮޑުކޮށް ފެނުނެވެ. ސޮހަލް ރަނާ ނަގައިދިން ކޯނަރުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޓޮޕޫ ބަރްމަން ބޮލުން ފޮނުވާލި ހަމަލާ، ގޯލު ލައިން މަތީ ހުރި ރާއްޖޭގެ ހުސައިން ނިހާން (ނިހާޓް) ދިފާއުކޮށްފައިވާ އިރު، ނިހާޓް ދިފާއުކުރަން ފޮނުވާލި ބޯޅަ، އަހުމަދު ނޫމާން (ހެލްމެޓް) ގައިގައި ޖެހި ގޯލާ އަމާޒުވާން ދަނިކޮށް، އެ ބޯޅަ ހުޝިޔާރުކަމާއެކު ދިފާއުކުރީ ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފެވެ.

ހާފްގެ ފަހުކޮޅުގައި ބަންގްލަދޭޝްއިން ރާއްޖެއަށް ވަރަށް ބޮޑަށް ޕްރެޝަރުކޮށް، ނަތީޖާ ހަމަހަމަކުރިއެވެ. 42 ވަނަ މިނެޓުގައި ބަންގުލަދޭޝަށް އެ ގޯލު ކާމިޔާބުކޮށްދިނީ ރާކިބް ހުސައިނެވެ. އޭނާ ގޯލު ކާމިޔާބުކުރީ ސޮހެލް ރަނާ ނަގައިދިން ހުރަސް، ބަންގުލަދޭޝް ޑިފެންޑަރު ޓޮޕޫ ބަރްމަން ބޮލުން ޖައްސާލުމާއެކު ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ފެށުންވެސް ރާއްޖެއަށް ދިޔައީ އުނދަގޫ ކޮށެވެ. ހާފުގެ ކުރީކޮޅުގައިވެސް ބަންގްލަދޭޝްގެ ހަމަލާތަކުން ރާއްޖެއަށް ނުރައްކާތަކާ ކުރިމަތިވެފައިވާ އިރު، ޖަމާލް ބުޔާން ނަގައިދިން ކޯނަރުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ބަންގުލަދޭޝްގެ ބިޝްވަނާތު ގޯޝް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ރާއްޖޭގެ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އަދި އޭގެ ފަހުން ޕެނަލްޓީ އޭރިއާ ބޭރުން ޝެއިޚް މޯސަލިން ފޮނުވާލި ހަމަލާ ދިޔައީ ރާއްޖޭގެ ޑިފެންޑަރުން ގައިގައި ޖެހި ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

ޕްރެޝަރުގައި އޮތް ރާއްޖޭގެ ޑިފެންސަށް އުނދަގޫތަކާ ކުރިމަތިވެފައިވާ އިރު، 67 ވަނަ މިނެޓުގައި ބަންގްލަދޭޝްއިން ލީޑު ނެގިއެވެ. ބަންގުލަދޭޝްގެ ކޯނަރެއް ރާއްޖެއަށް ރަނގަޅަށް ދިފާއުނުކުރެވުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ބަންގުލަދޭޝްއަށް ގޯލު ކާމިޔާބުކޮށްދިނީ ތާރިގު ރައިހާން ކާޒީއެވެ. އޭނާގެ ފުރަތަމަ ހަމަލާ، ގޯލު ލައިން މަތިން ނިހާޓު ދިފާއުކުރި ނަމަވެސް، ރީބައުންސް ބޯޅަ ވަނީ ރާއްޖޭގެ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. އޭރު ރާއްޖޭގެ ކީޕަރު ހުސައިން ހުރީ ކޯނަރުން ނެގި ބޯޅަ ދިފާއުކުރުމަށް ކުރިއަށް ނުކުމެއެވެ.

އޭގެ ފަހުންވެސް ބަންގްލަދޭޝްއިން ނުރައްކާ ކޮށް، މެޗު ނިންމާލީ ތިންވަނަ ގޯލަކާވެސް އެކުގައެވެ. 90 ވަނަ މިނެޓުގައި ކައުންޓާ އެޓޭކެއްގައި ކުރިއަށް ގޮސް، ބިޝްވަނާންތު ގޯޝް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ބަންގުލަދޭޝްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޝެއިޚް މޯސަލިނެވެ.

މިއީ މިދިޔަ 20 އަހަރު ތެރޭގައިވެސް ސާފް ޗެމްޕިއަންޝިޕް މެޗެއްގައި ރާއްޖެއިން ބަންގްލަދޭޝް ކައިރީވި ފުރަތަމަ ބައްޔެވެ. މިއަދުގެ ނަތީޖާއާއެކު ރާއްޖެއަށް ސެމީއަށް ދާން އޮތީ އުނދަގޫ މަގެކެވެ. އެއީ ވަރުގަދަ ލުބުނާން ބަލިކުރުމެވެ. ރާއްޖެއާއި ލުބުނާން އަދި ބަންގްލަދޭޝްއަށްވެސް ގްރޫޕްގައި މިހާތަނަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕް ބީގައި މިރޭ ލުބުނާނާއި ބޫޓާން ވާދަކުރާނެއެވެ.

މިއަދުގެ މެޗުގެ ކުރިން ރާއްޖެއިން ބަންގްލަދޭޝް ކައިރީ ސާފް ޗެމްޕިއަންޝިޕްގައި ބަލިވެފައި އޮތީ 2003 ވަނަ އަހަރުއެވެ.

  • ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.