އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕް 2023 ގެ ޗެމްޕިއަންކަން އިންޑިއާއިން އިން ހޯދައިފިއެވެ.
ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި އިންޑިއާއިން ސާފް ޗެމްޕިއަންޝިޕްގެ ތަށި ދިފާއުކޮށް، 26،000 ހާހަށްވުރެ ގިނަ ސަޕޯޓަރުން ކުރިމަތީގައި ޗެމްޕިއަންކަން ހޯދީ ޕެނަލްޓީގައި ކުވައިތު ބަލިކޮށްގެންނެވެ. މެޗުގެ 90 މިނެޓު އަދި އިތުރު ވަގުތު ހަމަވި އިރުވެސް، 1-1 އިން އެއްވަރު ވެފައި އޮތުމުން ޖެހި ޕެނަލްޓީގައި އިންޑިއާއިން މެޗު ކާމިޔާބުކުރީ 5-4 ގެ ނަތީޖާއަކުންނެވެ.
މިރޭގެ ފައިނަލް ބޮޑަށް ހާއްސަވެފައި އޮތީ ރެކޯޑު އަށް ފަހަރަކަށް މުބާރާތް ކާމިޔާބު ކޮށްފައިވާ އިންޑިއާއަށެވެ. އެޓީމުން މުބާރާތް ކުޅެމުން ދަނީ ހޯމްގައެވެ. އިންޑިއާ ފުޓުބޯޅައިގެ އެންމެ ވަރުގަދަ އެއް ސިޓީ، ބެންގަލޫރުގައެވެ. މިރޭގެ ފައިނަލަކީ އިންޑިއާ އިން ކުޅުނު 12 ވަނަ ފައިނަލެވެ. އަދި މިއީ ޖެހިޖެހިން ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާއިން ކުޅުނު ނުވަ ވަނަ ފައިނަލްވެސް މެއެވެެ. އެންމެފަހުގެ ޗެމްޕިއަން އިންޑިއާއަށް ސާފްގެ ތާރީހުގައިވެސް ފައިނަލް ގެއްލުނީ 2003 ވަނަ އަހަރު އެކަންޏެވެ. އެ ފަހަރު ރާއްޖެއާއި ބަންގްލަދޭޝް ފައިނަލުގައި ކުޅެ ތަށި ހޯދީ ބަންގްލަދޭޝް އިންނެވެ. އަނެއްކޮޅުން ފައިނަލަށް ނުކުތް ކުވައިތަކީ މިފަހަރު ސާފްގައި އަލަށް ވާދަކުރާ ޓީމެކެވެ. އެޓީމަކީ ދައުވަތު އެރުވިގެން މެދުއިރުމަތިން މުބާރާތަށް އައި ޓީމެކެވެ.
ކުވައިތުގެ ފުޓުބޯޅަ މިވަގުތު އެންމެ ރަނގަޅު ހާލަތުގައި ނެތް ނަމަވެސް، އެޓީމަކީ ތާރީހެއް އޮތް ޓީމެކެވެ. އޭޝިއަން ކަޕްވެސް ކާމިޔާބުކޮށްފައިވާ އޭޝިއާގެ ވަރުގަދަ ޓީމެއްވެސް މެއެވެ. ކުވައިތުން މުބާރާތަށް ނުކުތީ މުހިންމު ތަޖުރިބާއަކަށް ކަމަށް ކޯޗު ރުއި ބެންޓޯ ބުނެފައިވާ އިރު، ފައިނަލް މެޗަކީ ހިތްހަމަ ޖެހިލައިގެން ނުކުންނަ މެޗަކަށް ހަދަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.
މެޗުގެ މާ ކުރިން ދަނޑު ދިޔައީ ފުރެމުންނެވެ. އިންޑިއާގެ ސަޕޯޓަރުން ދިޔައީ ދަނޑު ބޭރުގައިވެސް ފޯރި ނަގަމުންނެވެ. މެޗަށް ޓިކެޓް ވިކި، މާ ކުރިން ހުސްވިއެވެ. ފުރަތަމަ ކަށިގަނޑާއެކުވެސް ސަޕޯޓަރުންގެ ރޫހު ވަރަށް ބޮޑަށް ފެނިގެން ދިޔައެވެ. އިންޑިއާއަށް މެޗަށް އޮތް އެންމެ ބޮޑު ފައިދާއަކީވެސް އެއީއެވެ.
ވަރުގަދަކޮށް މެޗު ފެށީ ކުވައިތުންނެވެ. އިންޑިއާ ހާފު ތެރޭގައިވެސް ކުދި ޕާސްތައް ޖަހައި އެޓީމުން ދިޔައީ މެދުތެރެވެސް ޑޮމިނޭޓް ކުރަމުންނެވެ. އިންޑިއާގެ ކުޅުން ގެއްލުވާލުމަށް ކުވައިތުން ރަނގަޅު ޕާސްތައް ޖެހި އިރު، އެޓީމުން ވަނީ މެޗުގެ ކުރީކޮޅުގައި ލީޑުވެސް ނަގައިފައެވެ. 17 ވަނަ މިނެޓުގައި އަބްދުﷲ އަބްލޫޝީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ކުވައިތަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޝަބައިބް އަލް ޚަލްދީއެވެ. ގޯލާއެކު ދަނޑު ހަމަހިމޭން ވެގެން ދިޔައެވެ. އިރުކޮޅަކަށް ހަމަހިމޭންކަން އޮތް ނަމަވެސް، އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީގެ އިރުޝާދާއެކު ސަޕޯޓަރުން އަނެއްކާވެސް އަޑު ގުގުމާލިއެވެ.
ހާފުގެ ފަހުކޮޅުގައި އިންޑިއާއިން ކުރިއަށް ޖެހި ނުރައްކާ ކުރަން ފެށިއެވެ. ޗެތުރީއާއި އަނޫރާދު ތާޕާ ޖެހި ބޯޅަތައް ކުވައިތުގެ ގޯލްކީޕަރު އަބްދުލްރަހުމާން މަރުޒޫގު މަތަކުރި އިރު، 38 ވަނަ މިނެޓުގައި އިންޑިއާއިން ނަތީޖާ ހަމަހަމަ ކުރިއެވެ. ރީތި ކުޅުމަކާއެކު ސަހަލް އަބްދުލް ސަމަދު ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން އިންޑިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ލަލިއަންޒުއާލާ ޗާންގްޓޭއެވެ. ނަތީޖާ ހަމަހަމަކޮށް ފުރަތަމަ ހާފު ނިމުނީ ކޮންމެވެސް ވަރަކަށް ދެބަސްވުންތަކާވެސް އެކުގައެވެ.
ދެވަނަ ހާފުގެ ކުރީކޮޅުން ފެށިގެން ވާރޭވެސް ވެހެމުން ދިޔަ އިރު، ހާފުގެ ކުރީކޮޅުގައި ހަމަލާތައް އުފައްދަން ދެ ޓީމަށްވެސް އުނދަގޫތަކާ ކުރިމަތިވިއެވެ. އެހެން ނަމަވެސް ދެވަނަ ހާފަށް ނުކުމެ، އިންޑިއާއިން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. މެޗުގެ 62 ވަނަ މިނެޓުގައި ޗެތުރީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ލަލިއަންޒުއާލާ ޗާންގްޓޭއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ކުވައިތު ކީޕަރު އަބްދުލް ރަހުމާން މަރްޒޫގާ ދިމާއަށެވެ. އިންޑިއާއިން މެދުތެރެއިން ގެނައި ދެ ބަދަލަކާއެކު އެޓީމުން މެޗުގެ ކޮންޓްރޯލް ކުރަން މަސައްކަތް ކުރިއެވެ. މަހޭޝް ސިންހް ނައޮރެމް އަދި ރޯހިތު ކުމާރު މެޗަށް ނުކުތުމާއެކު އިންޑިއާއިން އެޓޭކަށް ބޮޑަށް މަސައްކަތް ކުރި އިރު، ދެވަނަ ހާފުގެ ފަހު ކޮޅުގައިވެސް މާ ބޮޑު ހަމަލާއެއް ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ނުދެއެވެ. ކުޅުން ފެނުނީ ހަމަހަމަ ކޮށެވެ.
ދެވަނަ ހާފުގައި މާ ގިނަ ހަމަލާތަކެއް ފެނިފައި ނުވާ އިރު، މެޗު ދިޔައީ އިތުރު ވަގުތަށެވެ. އިތުރު ވަގުތުގައިވެސް ފެނުނީ ދެ ޓީމުގެ ފަރާތުންވެސް ފިޒިކަލް، ވަރުގަދަ ކުޅުމެކެވެ. ދެ ޓީމުންވެސް ޑިފެންސިވްލީ ކުރަމުން ދިޔަ މަސައްކަތުގެ ސަބަބުން ހަމަލާތައް ފެނުނީ މަދުކޮށެވެ. މެޗުގެ 94 ވަނަ މިނެޓުގައި ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ކުވައިތުގެ އަބްދުﷲ އަލް ފަހަދް ފޮނުވާލި ހަމަލާ، ޓެކުލްކޮށް އިންޑިއާގެ މަހޭޝް ސިންހް ވަނީ ބްލޮކްކޮށްފައެވެ. އަދި އޭގެ ފަހުން މުހައްމަދު އަބްދުﷲ ފޮނުވާލި ހަމަލާ އަމާޒުވީ އިންޑިއާ ކީޕަރު ގްރަޕްރީތު އަތަށެވެ.
އިތުރު ވަގުތުގެ ދެވަނަ ހާފްވެސް ރަނގަޅަށް ފެށީ ކުވައިތުންނެވެ. އިތުރު ވަގުތުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި އީދް އަލް ރާޝިދީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފަވާޒް އަލޮތައިބީ ފޮނުވާލި ހަމަލާ، އިންޑިއާގެ މަހޭޝް ސިންހް ގައިގައި ޖެހި ވަނީ ބްލޮކްވެފައެވެ. އެ ހަމަލާގެ އިތުރުން ދެން ފުރުސަތެއް ލިބުނީ އިންޑިއާއަށެވެ. ފަހު މިނެޓުގައި ކަހަލަ ގޮތަކަށް ލަލިއަންޒުއާލާ ޗާންގްޓޭ ފޮނުވާލި ހަމަލާ، ކުވައިތުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗު ފުރިހަމަ ވަގުތުގައި އެއްވަރުވެ، ދިޔައީ ޕެނަލްޓީއަށެވެ.
އިންޑިއާގެ ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބު ކުރި ނަމަވެސް ކުވައިތުގެ މުހައްމަދު އަބްދުﷲ ޖެހި ފުރަތަމަ ޕެނަލްޓީ ވީ ނާކާމިޔާބެވެ. އޭގެ ފަހުން ކުވައިތުންވެސް ދެ ޕެނަލްޓީ ވެއްދި އިރު، އިންޑިއާގެ އުދަންތާ ޖެހި ޕެނަލްޓީ ނާކާމިޔާބުވެ، ނަތީޖާ އެއްވަރުވިއެވެ. އެ ހިސާބުން ހަމަހަމަކޮށް ގޮސް ކުވައިތުން ހަތްވަނަ ޕެނަލްޓީގައި ޖެހި ބޯޅަ އިންޑިއާ ކީޕަރު ގްރަޕްރީތު މަތަކޮށް، ތަށި ޔަގީންކޮށްދިނެވެ.