ސާފް ޗެމްޕިއަންޝިޕް 2023 ގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އިންޑިއާގެ ކެޕްޓަން، އުމުރުން 38 އަހަރުގެ ސުނިލް ޗެތުރީ ހޮވިއްޖެއެވެ.
އިންޑިއާގެ ބެންގަލޫރުގައި މިރޭ ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕް ފައިނަލް މެޗުގައި އިންޑިއާއިން ވަނީ ޕެނަލްޓީގައި ކުވައިތު ބަލިކޮށްފައެވެ. މިއީ އިންޑިއާއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ނުވަ ވަނަ ފަހަރެވެ. އެޓީމުން މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ 12 ފައިނަލެއްގައި ކުޅެފައިވާ އިރު، މިއީ ޖެހިޖެހިގެން ކުޅުނު ނުވަވަނަ ފައިނަލް މެޗެވެ. މިރޭގެ މެޗު އިންޑިއާއިން ކާމިޔާބުކުރީ އަލަށް މުބާރާތުގައި ވާދަކުރި ކުވައިތު ކައިރިން ވަރުގަދަ ކުޅުމެއް ކުޅެގެންނެވެ. އިތުރު ވަގުތާ ހަމައަށް ދެ ޓީމުންވެސް ވާދަވެރި ކުޅުމެއް ކުޅެފައިވާ އިރު، އިންޑިއާއަކީ މިހާރުވެސް ސާފް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ޓީމެވެ. އަދި މިހާރު އިންޑިއާއިން ކާމިޔާބުކަމާއެކު ތަށި ދިފާއުކުރިއެވެ.
މިފަހަރު ސާފް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ޗެތުރީ ހޮވުނު އިރު، އޭނާއަކީ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާވެސް މެއެވެ. މިފަހަރު ސާފް ޗެމްޕިއަންޝިޕްގައި ޖެހި ފަސް ގޯލާއެކު ޗެތުރީ ވަނީ 23 ގޯލު ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް ހަމަކޮށްފައެވެ. އެއީ ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ)ވެސް ގޯލު ޖަހާފައިވާ ރެކޯޑާ އެއްވަރު އަދަދެކެވެ. ދެ ކުޅުންތެރިންވެސް 23 ގޯލާއެކު ރެކޯޑުގައި ހަމަހަމަވެފައި އޮތް އިރު، މިއަހަރު މުބާރާތަކީ ޗެތުރީއަށް ފަހު މުބާރާތްތޯ އެހުމުން އޭނާ ބުނީ އެކަމަށް އަދިވެސް ގޮތެއް ނުނިންމާ ކަމަށެވެ.
އިންޑިއާގެ ބެންގަލޫރު އެފްސީއަށް ކުޅެމުންދާ ޗެތުރީއަކީ ސާފް ސަރަހައްދުގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާއެވެ. އޭނާ މިހާތަނަށް ގައުމީ ޓީމަށް 92 ގޯލު ޖަހައިދީފައިވާ އިރު، އޭނާއަށްވުރެ ގިނަ ގައުމީ ޓީމަށް ގޯލު ޖެހި ކުޅުންތެރިޔަކީ މިހާރު ރިޓަޔާވެފައިވާ އަލީ ދާއީއާއި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއެވެ.
މިފަހަރު މުބާރާތުގެ ފެއާޕްލޭ ޓީމަކީ ނޭޕާލެވެ. އެންމެ މޮޅު ކީޕަރަކަށް ބަންގްލަދޭޝްގެ އަނީސުރް ރަހުމާން ޒީކޯއެވެ.