ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ކުވޭތު ބަލިކޮށް އިންޑިޔާއިން ހޯދި ތައްޓަކީ މިއަހަރުގެ ތެރޭގައި ސުނިލް ޗެތުރީގެ ކެޕްޓަންކަމުގެ ދަށުގައި އަދި ކްރޮއޭޝިއާގެ އިގޯރ ސްޓިމަކްގެ ކޯޗުކަމުގެ ދަށުން އިންޑިޔާގެ ތިންވަނަ ތައްޓެވެ. މިހިސާބުން އަދި ހުއްޓައިލުމުގެ ވިސްނުމެއް ނެތެވެ. އޭއެފްސީ އޭޝިއަން ކަޕް އޮތީ ނުހަނު ކައިރީގައެވެ. ވޯލްޑްކަޕް 2026 ގެ ކޮލިފިކޭޝަން މެޗުތައްވެސް އޮތީ ކުރިއަށެވެ. މިހިސާބުން އުފެދޭ ސުވާލަކީ އިންޑިޔާއާއެކު އިގޯރ ސްޓިމަކް ދެމިހުންނާނެ ބާވައެވެ. މިސުވާލުގެ ޖަވާބުގައި ސްޓިމަކް ބުނަނީ މިހެންނެވެ. އަހަރެން ބޭނުންވާ ކަންކަމާއި އަހަރެންގެ ވިސްނުން ތަންފީޒުކުރެވޭނެ ފުރުސަތު ނުލިބެންޏާ އަހަރެން ވަކިވެގެން ހިނގައިދާނަމެވެ. ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅުގައި ހުރުމަކީ އަހަރެން ކުރާނެކަމެއް ނޫނެވެ.
ސްޓިމަކްގެ ކޯޗުކަމުގެ ދަށުން ފާއިތުވީ ހަތަރު އަހަރު އިންޑިޔާ ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދައިފައެވެ. މި ކުރިއެރުންތަކާއި ކާމިޔާބީތަކުގެ ސަބަބުން އިންޑިޔާގައި ފުޓްބޯޅައަށް ދިރުން ލިބިއްޖެއެވެ. ފުރާނައެޅިއްޖެއެވެ. އިންޑިޔާއާ ދޭތެރޭ ސަޕޯޓަރުންގެ އުންމީދު އައުވެއްޖެއެވެ. ގައުމީ ޓީމުގެ މެޗުތައް ބެލުމަށް ސްޓޭޑިއަމަށް ވަންނަ މީހުންގެ އަދަދު އިތުރުވެއްޖެއެވެ. ވަރަށް ފަހަކާ ހަމައަށްވެސް މިކަންއޮތީ މިހެނަކުން ނޫނެވެ. މިހާރު ކޮފީ މޭޒުދޮށުގައިވެސް ދެކެވޭ ވާހަކައިގެ ތެރެއިން ފުޓްބޯޅަޔަށް ޖާގަ ލިބިއްޖެއެވެ. ޓީމަށް އިރުޝާދުދޭން ސްޓިމަކް ހުންނަންޖެހޭ ކަމަށް އެންމެންވެސް އެބަ އިއްތިފާގުވެއެވެ. ލުބުނާނާއި ކުވޭތާ ދެކޮޅަށް ހުސްވި ޖޫންމަހާއި ޖުލައިމަހު ދެއްކި ކުޅުމާއި ނެރުނު ނަތީޖާތަކުން އިންޑިޔާ ދަނީ ރަނގަޅު މިސްރާބަކުންކަން އެބައެނގެއެވެ.
އިންޑިޔާއަށް ހޯދައިދޭ ކުރިއެރުންތައް ފެނިފައި ދުނިޔޭގެ އެހެން ގައުމުތަކުން މިހާރު އިގޯރ ސްޓިމަކަށް ފާރަލާން ފަށައިފިއެވެ. ބޮޑެތި ބޮޑެތި ހުށައެޅުންތައް ހުށައަޅަން ފަށައިފިއެވެ. ޚާއްސަގޮތެއްގައި ގަލްފުގެ އަރަބި ގައުމުތަކާއި އޭޝިއާގެ އިރުމަތީ ބިތުގެ ފައިސާވެރި ގައުމުތަކުންނެވެ. ސްޓިމަކްގެ މަގްބޫލުކަން ބޮޑުވެ އޭނާ ގެންދަން އެދޭ ފަރާތްތައް ގިނަވީމާ ސްޓިމަކްގެ ބަސްމަގަށްވެސް ހިސާބެއްގެ ބަދަލުތަކެއް މިހާރުވަނީ އައިސްފައެވެ. ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށްފަހު އޭނާ ބުންޏެވެ. އަހަރެން މިކަން މިކުރަނީ މުޅިއަކުން ފައިސާއަކަށް ނޫނެވެ. ފައިސާ ބޭނުމިއްޔާ މިއަށްވުރެ ހުރިހާ ގޮތަކުންވެސް މާ ބޮޑެތި ހުށައެޅުންތައް އަހަރެންނަށް ހުރީ ލިބިފައެވެ. މިހާރުވެސް ދަނީ ލިބެމުންނެވެ. އަހަރެން އިންޑިޔާގައި މިހިރީ މަގުސަދެއްގައެވެ. އެ މަގުސަދަކީ އައު ހަރުފަތަކަށް އިންޑިޔާގެ ފުޓްބޯޅަ ގެންގޮސްދިނުމެވެ.
އެކަން ކުރުމަށްޓަކައި އަދިވެސް ކުރިއަށް އަޅަންޖެހޭ ފިޔަވަޅުތައް ގިނަގުނަ ކަމަށް އޭނާ ބުނެއެވެ. އެ ފިޔަވަޅުތަކާއެކު ކުރިއަށްދިއުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށްވެސް ބުނެއެވެ. އެކަމަށް ބޭނުންވާ އެއްބާރުލުމާއި ފުރިހަމަ އެހީތެރިކަން ލިބެންޖެހޭނެއެވެ. ސްޓިމަކް ބުނާގޮތުގައި އިންޑިޔާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ވިސްނުމާއި ސިޔާސަތު އަދިވެސް ބަދަލުވާން އެބަޖެހެއެވެ. މިހާރުވެސް ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. އޭނާ އެންމެ ފުރަތަމަ ފެށިއިރު ފެޑެރޭޝަނުގެ ވިސްނުމަކީ އެމީހުންގެ ފެންވަރުގައި ކަންކަން ކުރުންކަމަށާއި އޭނާއަށްވެސް މަޖުބޫރު ކުރަމުން އައީ އެފެންވަރުގައި ކަންކަން ކުރުމަށް ކަމަށް ސްޓިމަކް ބުނެފައިވެއެވެ. އެއީ އިންޑިޔާ ކުރިއަށްދާން އޮތް މަގު ނޫންކަމަށާއި އޭޝިއާގެ ފުޓްބޯޅައިގެ ބޮޑު ބާރަކަށް ވުމަށްޓަކައި ސާފުސީދާ ޕްލޭނެއް އޮންނަން ޖެހޭކަމަށްވެސް ބުންޏެވެ.
އިންޓަރކޮންޓިނެންޓަލް މުބާރާތުގެ ފައިނަލްގައި ލުބުނާން ބަލިކޮށް އަދި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ކުވޭތު ބަލިކުރުމަށްފަހު އިގޯރ ސްޓިމަކް ވަނީ ކުރިއަށްއޮތް ހަތަރު އަހަރަށް އަމާޒުކުރެވޭ ކަންކަމުގެ މައްޗަށް ވަރަށް ބޮޑު ޕްރެޒެންޓޭޝަނެއް ތައްޔާރުކޮށް އޯލް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކަލިޔާން ޗައުބޭއަށް ހުށައަޅައިފައެވެ. މި ޕްރެޒެންޓޭޝަނާމެދު މަޝްވަރާ ކުރުމަށް ފެޑެރޭޝަނުގެ ވެރިންނާއެކު މި ހަފުތާގައި އިގޯރ ސްޓިމަކް އިށީންނާނެއެވެ. އިންޑިޔާގެ ކޯޗުކަމުގައި އޭނާ ދެމިހުންނާނީ މި ޕްލޭނަށް ފެޑެރޭޝަނުން އާނބަސް ދިނިއްޔާއެވެ. އެކަން ނުކޮށްފިއްޔާ ލަސްތަކެއްނުވެ ވަޒީފާދޫކޮށް އެނބުރި ގައުމަށް ހިނގައިދާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދީފައެވެ. ސްޓިމަކްގެ ކޮންޓްރެކްޓް ބުނާގޮތުން ދެމަސްދުވަހުގެ ނޯޓިސްދީފައި އޭނާއަށް ވަކިވެވިދާނެއެވެ.
ސްޓިމަކްގެ ކޮންޓްރެކްޓް ހަމަވާނީ ކުރިއަށްއޮތް އަހަރުގެ ޖެނުއަރީމަހު އޮންނަ އޭޝިއަން ކަޕް ނިމުމުންނެވެ. މިއަހަރު އަދި އިތުރު ދެ މުބާރާތެއްގައި އިންޑިޔާ ވާދަކުރާނެއެވެ. އެއީ ސެޕްޓެމްބަރުމަހު ތައިލެންޑުގައި ބާއްވާ ކިންގްސް ކަޕާއި އޮކްޓޫބަރު މަހު މެލޭޝިއާގައި ބާއްވާ މެރްޑޭކާ ކަޕެވެ. މި ދެ މުބާރާތަށްފަހު ޖެނުއަރީމަހު އޮންނަ އޭޝިއަން ކަޕްގައި އިންޑިޔާ ކުޅެންޖެހެނީ ނިސްބަތުން ވަރުގަދަ ގްރޫޕެއްގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ އޮސްޓްރޭލިޔާ، އުޒްބެކިސްތާނު އަދި ސީރިޔާއެވެ. އެއީ އިންޑިޔާއަށް މިހާރު ލިބިފައިވާ ކުރިއެރުންތައް ވަރަށް ބޮޑަށް އިމްތިހާނު ކުރެވިގެންދާނެ މުބާރާތަކަށްވާނެއެވެ. ކޮންމެއަކަސް މިހާރު ކަންކަން ފެންނަގޮތުން ސްޓިމަކްގެ ދުރުރާސްތާގެ ޕްލޭނަށް އާނބަސް ދިނުންނޫން އެހެން ގޮތެއް އިންޑިޔާގެ ފެޑެރޭޝަނުގެ ކުރިމައްޗަކު ނުވެއެވެ.