ސާފް ޗެމްޕިއަންޝިޕް 2023ގެ ޗެމްޕިއަންކަން ހޯދައި، އިންޑިއާއިން ވަނީ ތާރީހީ ކާމިޔާބީއެއް ހޯދައިފައެވެ. މިހާތަނަށް ނުވަ ފަހަރު އިންޑިއާއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވާ އިރު، އިންޑިއާއިން މި ފަހަރު ސާފް ނެގީ މެދުއިރުމަތީގެ ވަރުގަދަ ދެ ޓީމު ކަމަށްވާ ލުބުނާނާއި ކުވައިތުވެސް ބަލިކޮށްފައެވެ. ދެކުނު އޭޝިއާ ޓީމުތައް ކައިރިން އިންޑިއާއިން ފަސޭހަކޮށް މޮޅުވެފައިވާ އިރު، އެ
ދެ ޓީމު ކައިރީވެސް ރަނގަޅަށް ކުޅެ، އޭޝިއާ ސަރަހައްދުގެ ކާމިޔާބީތަކަކަށް އިންޑިއާއިން ކުރަމުންދާ މަސައްކަތްވެސް ވަނީ ހަރުފަތެއް މައްޗަށް ޖެހިފައެވެ.
އިންޑިއާއަށް ދެން އޮތް ޗެލެންޖަކީ އޭޝިއަން ކަޕެވެ. އަންނަ އަހަރު ގަތަރުގައި އޮންނަ އޭޝިއަން ކަޕަށް އިންޑިއާއިން ކޮލިފައިވެފައިވާ އިރު، އެ ޓީމު ހިމެނެނީ ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި ދެން އޮތީ ވަރުގަދަ އޮސްޓްރޭލިއާއާއި ސީރިއާގެ އިތުރުން އުޒުބަކިސްތާނެވެ. ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބީއަށްފަހު، އިންޑިއާގެ ބައެއް ނޫސްތަކާއި "ވަން ސްޕޯޓްސް" އަށް ވާހަކަދައްކަމުން ކްރޮއޭޝިއާގެ ގައުމީ ޓީމަށް ކުރިން ކުޅުނު އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބުނީ ސާފަކީ އުފާވެރި ހަނދާންތަކެއް ކަމަށާއި ފެނުނީ ވަގުތު ދިނުމުން އިންޑިއާއިން ނަތީޖާ ނެރޭނެކަން ކަމަށެވެ.
"ސާފަކީ ރަނގަޅު ހަނދާންތަކެއް. މެމޮރީސް. މި ސާބިތުކޮށް ދެވުނީ އެކުގައި މަސައްކަތްކުރަން ޓީމަށް ވަގުތު ދިނުމުން، އެކަހަލަ މާހައުލެއް ތަނަވަސްކޮށް ދިނުމުން، އިންޑިއާ ފުޓުބޯޅައިގެ ނަތީޖާ ރަނގަޅުވާނެކަން. އަހަރެމެންނަށް ކާމިޔާބީވެސް ހޯދޭނީ އެހެން. ކުޅުން ރަނގަޅުވާނީވެސް އެކުގައި ވަގުތު ހޭދަކޮށްގެން،" ކުވައިތާ ދެކޮޅަށް ކުޅުނު ސާފް ޗެމްޕިއަންޝިޕް ފައިނަލް މެޗަށްފަހު ސްޓިމަކް ބުންޏެވެ.
އިންޑިއާއިން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕާ ހަމައަށް ދިޔައީވެސް ގައުމީ ޓީމު ގިނަ ދުވަސްތަކެއްގައި ކޭމްޕް ޖަހައިގެން އުޅުމަށްފަހުއެވެ. އެ ޓީމުން ސާފްގެ ކުރިން އިންޓަކޮންޓިނެންޓަލް ކަޕްވެސް ކާމިޔާބު ކޮށްފައިވާ އިރު، މަހަކަށްވުރެ ގިނަ ދުވަހު ޓީމު އެކުގައި ތަމްރީން ކޮށްފައިވެއެވެ. އެކަންކަމަށް ބަހެއް ބުނަމުން ސްޓިމަކް ބުނީ ވަގުތު ނުދީ ނަތީޖާއަށް އުންމީދު ނުކުރުމަށެވެ. އަދި ވަގުތު ނުދީފި ނަމަ، އޭޝިއަން ކަޕުގެ ނަތީޖާއަށް ޒިންމާ ނުނަގާނެ ކަމަށް ބުންޏެވެ.
"އޭޝިއަން ކަޕް ދެން އޮތީ. އޭޝިއަން ކަޕަށް ތައްޔާރުވާން ޖެހޭނެ ވަގުތު ދޭން. އެއީ ދުރުގައި އޮތް މުބާރާތެއް ނަމަވެސް އެއީ އިންޑިއާއަށް އެންމެ މުހިންމު މުބާރާތް. ޑިސެންބަރު މަހުން ފެށިގެން މަހެއް ދުވަސް ތަމްރީނުކުރަން ޓީމަށް ބޭނުންވާނެ. އެހެންކަމެއް މުހިންމެއް ނޫން. ވަގުތު ނުދީފި ނަމަ، އަހަރެންވެސް، ކުޅުންތެރިންވެސް އަދި މި ޓީމުގެ ސްޓާފަކުވެސް އޭޝިއަން ކަޕްގެ ނަތީޖާއަށް ޒިންމާ ނުނަގާނެ،" އުމުރުން 55 އަހަރުގެ ސްޓިމަކް ބުންޏެވެ.
އިންޑިއާގެ ކްލަބު ފުޓުބޯޅަ ފަށަން ތައްޔާރުވަމުންދާ އިރު، އޭޝިއަން ކަޕްގެ ތަމްރީނުތަކަށް ސްޓިމަކް ބުނީ ވަގުތު ދޭ ނަމަ، ލީގު މެދުކަނޑާލަން ޖެހޭނެ ކަމަށެވެ. އެހެންކަމުން ސްޓިމަކް ފައިނަލް މެޗަށްފަހު ބުނި ވާހަކައަކީ އިންޑިއާގެ ފެޑަރޭޝަނަށް ބުނި ވާހަކައެކެވެ. އިންޑިއާ ޓީމަށް ވަގުތު ދޭން އެ އެދުނީ ކްލަބުތަކާއި އެފްއޭގެ ކިބައިންނެވެ.