އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ކުޅުންތެރިންގެ ހިމާޔަތުގައި ރަތް ކާޑު ހޯދަން ޖެހިއްޖެ ނަމަ، އަދިވެސް އެކަން ކުރާނެ ކަމަށް އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބުނެފިއެވެ.
އިންޑިއާ އިން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ޕާކިސްތާން ކައިރިން 4-0 އިން މޮޅުވެފައިވާ އިރު، އެ މެޗުގެ ފުރަތަމަ ހާފު ފަހުކޮޅުގައި އިންޑިއާގެ ކޯޗު ސްޓިމަކަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. ކްރޮއޭޝިއާގެ ތަޖުރިބާކާރު ކޯޗު ސްޓިމަކަށް ރަތް ކާޑު ދެއްކީ ޕާކިސްތާންގެ އަބްދުﷲ އިގްބާލް އިންޑިއާ ބެންޗު ކައިރިން އެއްލަން މަސައްކަތް ކުރި ބޯޅައަކަށް ހުރަސް އަޅައި، ބޯޅައިގައި އަތް ޖެއްސުމުންނެވެ.
ސްޓިމަކް ބޯޅައިގައި އަތް ޖެއްސުމާއެކު މެޗު ހޫނުވެގެން ގޮސްފައިވާ އިރު، ޕާކިސްތާން ކުޅުންތެރިންނާއި އިންޑިއާ ކުޅުންތެރިންނާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގިއެވެ. އަދި ޕާކިސްތާންގެ ބެންޗުން މެޗުގެ ރެފްރީ ޕްރަވަލް ޗެތުރީ ވަށާލައި ވަރަށް ބޮޑަށް ޝަކުވާ ކުރި އިރު، އަލުން ކުޅުން ފެށީ ސްޓިމަކަށް ރަތް ކާޑު ދައްކައި ފޮނުވާލައިފައެވެ.
"ނުހައްގުން ނިންމާ ނިންމުންތަކުން ކުޅުންތެރިން ހިމާޔަތްކުރަން އަދިވެސް އަހަރެން ރަތް ކާޑު ހޯދާނަން،" ސްޓިމަކް އިއްޔެ އިންޑިއާގެ ތަމްރީނުތަކުގައި، ސައުތު ޔުނައިޓެޑް ފުޓުބޯޅަ އެކަޑެމީގެ ތަމްރީނު ސެންޓަރުގައި ހުރެ ބުންޏެވެ.
"ފުޓުބޯޅައަކީ ޕެޝަން ހުންނަ ކުޅިވަރު. ހާއްސަކޮށް ގައުމެއްގެ ޝަރަފުގައި ކުޅޭއިރު އެ ޖަޒުބާތު އަންނާނެ. އަހަރެން ދެކެ ރުޅި އަޔަސް، ލޯބިވިޔަސް އަހަރެން އެ ކަންކަން ކުރާނަން. އަހަންނަކީ ވޯރިއާއެއް، އަހަރެން ކުޅުންތެރިން ހިމާޔަތުގައި އެކަންކަން އަބަދުވެސް ކުރާނަން. ހާއްސަކޮށް ނާއިންސާފުން ކަންކަންވާ ނަމަ،" ސްޓިމަކް ބުންޏެވެ.
އިންޑިއާގެ ކޯޗު ސްޓިމަކަށް ރަތް ކާޑު ދެއްކުމުން އެންމެފަހުން މެޗުގެ ދެވަނަ ހާފުގައި ޓީމަށް އިރުޝާދު ދިނީ ކުރިން ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރު، މިހާރުގެ އެސިސްޓެންޓް ކޯޗު މަހޭޝް ގޯލީއެވެ. އެންމެފަހުން ޕާކިސްތާނާ ދެކޮޅަށް ކުޅެ، 4-0 އިން މޮޅުވި މެޗަށްފަހު ގޯލީ ބުނީ ކުވައިތާ ދެކޮޅަށް ކުޅެ ނޭޕާލުން ބަލިވެފައި އޮތް ނަމަވެސް، މިރޭގެ މެޗު އިންޑިއާއަށް އުނދަގޫވާނެ ކަމަށެވެ.
"ނޭޕާލަށް މި ވަގުތު ދެން ފޯކަސް މި ހުރީ. ނޭޕަލަކީ އިންޑިއާއަށް ވަރަށް އުނދުގޫ ޓީމަކަށްވާނެ. އެންމެންނަށްވެސް ފެންނާނެ ކުވައިތާ ދެކޮޅަށް ނޭޕާލުން ކުޅުނު މޮޅު ކުޅުން. އެ މެޗުގައި ނޭޕާލް ފަރާތުން ރަނގަޅު ބައިވަރު ކަންކަން ފެނުނު،" ގޯލީ ބުންޏެވެ.
އިންޑިއާއަށް މިރޭގެ މެޗަށް އޮތް އެންމެ ބޮޑު ހިތްވަރަކީ ރަނގަޅު ޑިފެންސިވް ރެކޯޑެއްގައި ޓީމު އޮތުމެވެ. އެންމެފަހުން ކުޅުނު ހަތް މެޗުގައިވެސް އިންޑިއާ ކޮޅަށް ގޯލެއް ވަދެފައިނުވާ އިރު، އެއީ ގައުމީ ޓީމުގެ ތާރީހުގައި ރެކޯޑެކެވެ. ގޯލީގެ ނަޒަރުގައި އިންޑިއާގެ ޑިފެންސް ކޮންފިޑެންސް ރަނގަޅުކޮށް ފެންނަނީ އެކުގައި ގިނަ މެޗުތަކެއް ކުޅެ، ތަމްރީނުތަކުގައި ވަރަށް "ސިމްޕަލް" ކަންތައްތަކެއް ރަނގަޅު ކުރުމަށް ކޯޗު އަބަދުވެސް އިރުޝާދު ދޭތީއެވެ.
އިންޑިއާއިން ނޭޕާލާ ދެކޮޅަށް ކުޅޭ ގްރޫޕް އޭގެ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 7:00 ގައެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023