އިންޑިއާގެ ބެންގަލޫރުން: އިމާދު ލަތީފް/ ވަން ސްޕޯޓްސް
ފީފާ ރޭންކިންގައި ދެގައުމުގެ ތަފާތު ވަރަށް ބޮޑެވެ. އިންޑިޔާއަކީ 101 ވަނައެވެ. ޕާކިސްތާނަކީ 195 ވަނައެވެ. ސާފް ޗެމްޕިއަންޝިޕްގައި އިއްޔެ މި ދެގައުމު ކުޅުނު މެޗުވެސް ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އިންޑިޔާއެވެ. ހަތަރެއް ސުމަކުންނެވެ. އެހެންނަމަވެސް މިތަފާތު އަޅުގަނޑަށް ފެނުނީ ހަމައެކަނި ކަރުދާހުގައެވެ. ކުޅުނު ކުޅުމާއި މެޗުގެ ކުރިންނާއި މެޗުގެ ތެރޭގައި އަދި އޭގެފަހުން ހިނގާފައިވާ ކަންކަން ތަހުލީލުކޮށްލީމާ ފެންވަރުގެ ތަފާތެއް ނުފެނުނެވެ. މިހެން މިދެންނެވީ ތިން ހަތަރު ކަމަކަށް ރިއާޔަތްކޮށްފައެވެ.
މިޒަމާނުގެ ފުޓްބޯޅައިގައި އޮފިޝަލުން ނިންމާ ނިންމުންތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް އެންމެންވެސް ބޭނުންކުރާ ވަސީލަތްތަކެއް ހުރެއެވެ. ވޯލްޑްކަޕާއި ޔޫރޯއާއި އެކިއެކި ލީގުތަކާއި ދެންވެސް ނަންހުސްކޮށް ހުރިހައި ފުޓްބޯޅަ މުބާރާތެއްގައިވެސް ޓެކްނޮލޮޖީގެ ބޭނުން ހިފައެވެ. ޓެކްނޮލޮޖީއަކީ މިޒަމާނުގެ ފުޓްބޯޅައިގެ އެއްބައެވެ. އެހެންނަމަވެސް ސާފް ޗެމްޕިއަންޝިޕްގައި ޓެކްނޮލޮޖީއަށް ތަރުހީބުދިނުމެއް ނެތެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީގެ ނިޒާމާއި ގޯލްލައިން ޓެކްނޮލޮޖީއާއި އޮފްސައިޑް ބެލުމުގެ ޓެކްނޮލޮޖީ އަދިވެސް ސާފްގެ ހަފޮޅުން އެތެރެއެއް ނުވެއެވެ. މި ދެންނެވި ވަސީލަތްތަކުގެ ބޭނުން ހިފިނަމަ އިންޑިޔާގެ ހަތަރު ގޯލްގެ ތެރެއިން ތިންގޯލް ސައްހަވުމަށްވުރެ ގާތީ ނުވުމެވެ. ނޭޕާލުގެ ރެފްރީގެ ނަމަކީ ޗެތުރީއެވެ. އޭނާ ވަނީ ދެ ޕެނަލްޓީވެސް އިންޑިޔާއަށް ދީފައެވެ. އިންޑިޔާގެ ކެޕްޓަންގެ ނަމަކީވެސް ޗެތުރީއެވެ. ކެޕްޓަން ޗެތުރީ ވަނީ މި މެޗުގައި ހެޓްރިކް ހަދައިފައެވެ. މެޗުބަލަންވަދެ ތިބި ތިރީހަކަށްހާސް މީހުންގެ ތެރެއިން ގިނަ މީހުންތިބީ ބުރަކަށީގައި ޗެތުރީގެ ނަން ލިޔެފައިވާ ޓީޝާޓް ލައިގެންނެވެ. މުޅި ދަނޑުގައިވެސް ޗެތުރީއެވެ. ދަނޑުން ބޭރުގައިވެސް ޗެތުރީއެވެ.
ބޯވާރޭގެ ތެރޭގައި ކުޅެވުނު މެޗުގައި ޕާކިސްތާނުގެ ފަރާތުން އަޅުގަނޑަށް ކޮލިޓީ ފެނުނެވެ. ހުރިހާކަމެއްވެސް ހުންނަންޖެހޭ ގޮތަށް ހުރެގެން ކުޅެވުނު މެޗަކަށްވީނަމަ މޮޅުވުމުގެ ފުރުސަތު ޕާކިސްތާނަށް އޮތޭ ހީވާވަރަށްވެސް ކޮލިޓީ ފެނުނެވެ. ކޮންމެވެސް ސަބަބަކާ ލަައިގެން ކޮންމެވެސް ބަޔަކު ދިޔައީ ޕާކިސްތާނުގެ ކުޅުންތެރިން އިންޑިޔާއަށް އެތެރެވުން ލަސްކުރަމުންނެވެ. އެންމެފަހުން ޕާކިސްތާނު ޓީމަށް ބެންގަލޫރަށް އާދެވުނީ ފަނަރަގަޑިއިރުގެ ދިގު ދަތުރަކަށްފަހު މެޗު ފެށުމުގެ އެގާރަގަޑިއިރު ކުރިންނެވެ. މެޗު ކުޅުނީ ނުނިދައި ތިބެގެންނެވެ. ވަރުބަލިކަމުގައި ތިބެގެންނެވެ. އަޅުގަނޑުގެ ނަޒަރުގައި މި ހާލަތުގައި މިމެޗު ކުޅެވިގެންވެސް ނުވާނެއެވެ. މެޗު ޖެހޭނީ ފަސްކުރާށެވެ. މިއީ ބައިނަލްއަގުވާމީ އެހެން މުބާރާތެއްނަމަ މިއީ ފަސްކުރާނޭ މެޗެކެވެ.
ވީޑިއޯ އެސިސްޓަންޓް ރެފްރީގެ ނިޒާމާއި ދެންވެސް ފުޓްބޯޅައިގައި މިހާރު ބޭނުންކުރެވޭ ޓެކްނޮލޮޖީގެ ވާހަކަ ބާއްވަމާބަހީއެވެ. އެވާހަކަ ބާއްވާފައި ކުޅުންތެރިންގެ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތާއި ދުޅަހެޔޮކަމުގެ ވާހަކަ ދައްކަމާ ހިނގާށެވެ. މެޗަކަށް ނުކުންނައިރު ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ކުޅުންތެރިން ތިބުން ލާޒިމުކުރާ ހާލަތަކީ ޓެކްނޮލޮޖީއަކާ ނުލައިވެސް އެންމެނަށް އެނގޭ އެއްޗެކެވެ. އެކަމަކު ސާފް ޗެމްޕިއަންޝިޕް އިންތިޒާމްކުރި މީހުންގެ ތެރޭގައި މިދެންނެވި އަސާސީ ނުގުތާއަށް ރިއާޔަތްކުރުމެއް ނެތެވެ. ވިސްނުމަކީ މެޗުގެ އެއްގަޑިއިރު ކުރިން ޕާކިސްތާނުގެ ކުޅުންތެރިން ބެންގަލޫރަށް އަޔަސް މެޗު ކުޅުމެވެ. ގުރުބާންކުރާ ކަންބަޅިއެއްގެ މިސާލުގައެވެ. ހުރިހައި ނިންމުމެއް އޯލް އިންޑިޔާ ފުޓްބޯލް ފެޑެެރޭޝަނުންނެވެ.
ޕާކިސްތާނާއި އިންޑިޔާގެ މެޗުގެ ކުރިން ސާފް ޗެމްޕިއަންޝިޕް ހުޅުވުމުގެ ގޮތުން އިއްޔެ މެންދުރުފަހު ނޭޕާލާއި ކުވޭތުގެ މެޗު ވަނީ ކުޅެވިފައެވެ. ބުނާތީ އިވެއެވެ. ބެންގަލޫރަކީ ކުޅިވަރުގެ ސިޓީއެކެވެ. ބެންގަލޫރުގައި މުބާރާތް ބާއްވަނީވެސް މި ޝިއާރުގެ ދަށުންނެވެ. އެކަމަކު މުބާރާތް ހުޅުވި މެޗު ބަލަން ވަދެފައިވަނީ ވަރަށް މަދުބައެކެވެ. ހާހެއްވެސް ހަމަނުވެއެވެ. އިންޑިޔާއާއި ޕާކިސްތާނުގެ މެޗު ތަފާތެވެ. ސްޓޭޑިއަމް އޮތީ ގާތްގަނޑަކަށް ފުރިފައެވެ. އެއީ އެކަން ހިނގާނޭ ގޮތެވެ. ޕާކިސްތާނާއި އިންޑިޔާގެ ވާދަވެރިކަން ބޮޑުކަމުންނެވެ. ހަތުރުވެރިކަން ބޮޑުކަމުންނެވެ. ކޮންމެއަކަސް މެޗު ކުޅެވެމުންދިޔައިރު މާހައުލުއޮތީ ހުޅުފަޅައިގެންދާވަރަށް ދޮންވެފައެވެ. އެކަން ބޮޑަށް ފެނުނީ ޕާކިސްތާނުގެ ފަރާތަކުން ނޫނެވެ. އިންޑިޔާގެ ފަރާތުންނެވެ.
މިދެންނެވި ބަހުގެ މިސާލަކީ އިންޑިޔާގެ ކޯޗާއި ޕާކިސްތާނުގެ ކުޅުންތެރިންނާ ދެމެދު ހިނގައިދިޔަ ކޯޅުމެވެ. އިންޑިޔާގެ ބެންޗު ކައިރިން ހިނގި ކަމެއްގައި ކޯޗު އިގޯރ ސްޓިމަޗް ހަމަގަސްތުގައި ޕާކިސްތާނުގެ ކުޅުންތެރިން ރުޅިއެރުވުމަށް ހިންގި ކަމަކާ ގުޅިގެން ކޯޅުމެއް ފެށުނީއެވެ. ސްޓޭޑިއަމްގެ އެކި ހިސާބުތަކުން އިވުނު ހަޅޭކާއި އެފަދަ އެނޫން އަޑުތަކަށްބަލާއިރު ފީފާއިން ތަހުގީގެއް ހިންގަން ނުޖެހޭނެ ބާވައޭވެސް ހިތަށް އެރިއެވެ. އެހެން މިދެންނެވީ ސަޕޯޓަރުންގެ ބަސްމަގާއި އިދިކޮޅު ކުޚުންތެރިންގެ ކަރާމާތަށް އުނިކަން ލިބޭ ޒާތުގެ ކަންކަން ކުރީމާ ފީފާގެ ފަރާތުން އަޅާފައި ހުންނަ ފިޔަވަޅުތައް ހަނދާންވާތީއެވެ. ކޮންމެއަކަސް އެވެސް ދުވަހެކެވެ. މެޗު ހިނގަމުންދަނިކޮށް ސަޕޯޓަރުން ދަނޑަށްއަރައި އެއްފަހަރަށްވުރެ ގިނަފަހަރުމަތިން ކުޅުން ހުއްޓައިލަންޖެހުމަކީވެސް މެޗުގެ ހަނދާންތައް ދެމިގެންދާނޭ ސަބަބެކެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023