އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

އިންޑިއާ-ޕާކިސްތާން މެޗަށް މިރޭގެ މާ ކުރިންވެސް އޮތީ ސަމާލުކަން ބޮޑުވެފައެވެ. ޕާކިސްތާނުން މުބާރާތަށް ބެންގަލޫރަށް އަންނަން އޮތީ މިމަހުގެ 18 ވަނަ ދުވަހުގައި ނަމަވެސް، ވިސާ ހަމަނުޖެހި ދަތުރު ދިގުލައިގެން ދިޔައީއެވެ. ޓީމު ތިބީ މޮރިޝަސްގައި ތާށިވެފައެވެ. އިންޑިއާއަށް އަންނަން ޕާކިސްތާނުން އެންއޯސީ ލަސްވެ، އިންޑިއާއިން ވިސާ ލަސްވެ، ޓީމަށް އޮތީ ހާސްކަމާ ކުރިމަތިވެފައެވެ. މިރޭގެ މެޗަށް ނާދެވުމުގެ ބިރުވެސް ޕާކިސްތާނަށް މިއަދާ ޖެހެންދެންވެސް އޮތެވެ. ކޮންމެއަކަސް "ތެޅެމުން ފެޅެމުން" ޕާކިސްތާނުން މިއަދު ބެންގަލޫރަށް އައީ ހެނދުނުގެ ވަގުތެއްގައެވެ. އައިސް ހޮޓަލަށް ދިޔައީ އެކެއްވެސް ޖެހި ފަހުން ކަމަށް މިރޭގެ މެޗަށްފަހު ޕާކިސްތާނުގެ އެސިސްޓެންޓް ކޯޗު، ޓޯބެން ފިލިޕް ވިޓެޖެއިސްކީ ބުންޏެވެ.

ޕާކިސްތާނުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މިރޭ ނުކުތީ، ޒަމާންވީ ވާދަވެރިޔާ އިންޑިއާއާ ދެކޮޅަށް އިންޑިއާގެ އެތައް ހާސް ސަޕޯޓަރުންނެއްގެ ކުރިމަތީގައެވެ. ބެންގަލޫރުގެ ދަނޑަށް މެޗުގައި ވާރޭވެހެމުން ދިޔަ އިރު، އިންޑިއާގެ ސަޕޯޓަރުން ދިޔައީ "ޖޭ ހިންދުސްތާން" ގޮވަމުން ޕާކިސްތާން ކުޅުންތެރިންނަށް މެސެޖެއް ދެމުންނެވެ. މެޗު ފޯރިގަދައެވެ. ހޫނުވެސް ވިއެވެ. ހޫނުވެ، އިންޑިއާގެ ކޯޗު އީގޯ ސްޓިމަކަށް ރަތް ކާޑުވެސް ދެއްކިއެވެ. މެޗުން އިންޑިއާއިން މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. ޕާކިސްތާން ފެނުނީ ވަރުބަލިކޮށް ނަމަވެސް، މިހާތަނަށް ހިނގައިދިޔަ ކަންތައްތަކަށް އެޓީމުގެ ޝަކުވާއެއް ނެތެވެ.

"އަހަރެން ބުނަން ބޭނުންވަނީ އިންޑިއާއަށް ހައްގޭ މޮޅު. އިންޑިއާއަށް މާ ބޮޑަށްވެސް މޮޅު ހައްގު. އިންޑިއާއިން މެޗުގައި މޮޅަށް ކުޅެ، ގިނަ ހަމަލާތައްވެސް އުފެއްދި. އެހެންވީމާ އަހަރެމެން ބަލި ގަބޫލުކުރަން. ބަލިވިނަމަވެސް، ޕާކިސްތާނަށް މިއަށްވުރެ ރަނގަޅަށް ކުޅެވޭނެ ކަމަށް ގަބޫލުކުރަން. އަހަރެމެންނަށް ކަންކަންވީ އިންސާފަކުން ނޫނޭ ބުނަން ބޭނުމެއް ނުވޭ. އެކަމަކު ބައެއް ކަންކަން އުނދަގޫކޮށް ދިޔަ، ހާއްސަކޮށް މިއަދު ޓީމަށް ހޮޓަލަށް ދެވުނީ މެންދުރު ފަހު 1:30 ހާއިރު. އެހެންވީމާ އެކަމުގެ އުނދަގޫތައް ދިމާވި،" މިރޭގެ މެޗަށްފަހު ޕާކިސްތާންގެ އެސިސްޓެންޓް ކޯޗު، ޓޯބެން ބުންޏެވެ.

އިންޑިއާއާއި ޕާކިސްތާން ސަރުކާރުގެ މައްސަލަތަކުގެ ސަބަބުން ޓީމަށް "ބޭއިންސާފުން ކަންތައްވިތޯ،" ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުންވެސް ޓީމުގެ ފަރާތުން ޓޯބެން ބުނީ "އެގޮތަށް ނުދެކޭ،" ކަމަށެވެ.

"އަހަރެން ގަބޫލުކުރަން މިއަދުގެ ހާލަތު ދިމާނުވި ނަމަ، ނަތީޖާއަށް އަސަރުކުރާނެކަން. މިއަދު މެންދުރު ފަހު އައިސްފައި މިރޭ މެޗު ކުޅެން ޖެހުމުން އެއީ ނަތީޖާއަށް އަސަރުކުރާނެ ކަމެއް. އެއީ ނުނިދާ ދަތުރުކޮށް، ޓީމަކާ ކުޅެން ޖެހުމަކީ ކުޅުންތެރިންނަށް ވަރަށް ގިނަ އުނދަގޫތަކާ ކުރިމަތިވާނެ ކަމެއް. އެކަމަކުވެސް ގަބޫލެއް ނުކުރަން އެއީ ނާއިންސާފެއް ކަމަކަމަށް. އުނދަގޫ ނަމަވެސް، ދެން ވިސްނާނީ ކުރިއަށް ހުރި މެޗުތަކުގައި ކުރިއަށްދާނެ ގޮތަކަށް،" ޓޯބެން ބުންޏެވެ.

ޓޯބެން ބުނީ މިރޭގެ މެޗުން ބޮޑު ބައްޔަކުން ބަލިވި ނަމަވެސް، ޕާކިސްތާން ޓީމުގައި ފެންވަރު އެބަހުރި ކަމަށެވެ. އަދި ކުރިއަށް އޮތް މެޗުގައި ކަންކަން ރަނގަޅުކޮށް، ތަފާތު ކުޅުމެއް ކުޅޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. ޕާކިސްތާނުން ދެން ސާފް ޗެމްޕިއަންޝިޕްގައި ކުޅޭ މެޗުގައި ނުކުންނާނީ ކުވައިތާ ދެކޮޅަށެވެ. އެ މެޗަށް ޕާކިސްތާނުން ނުކުންނާނީ ހޮނިހިރު ދުވަހުއެވެ.