ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ނައިބު ރައީސް އީވާ އަބުދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދެވުމަށް ރައީސް ނަޝީދު ގެންދަވަނީ ތަފާތު އުޒުރުތައް ދައްކަވަމުންނެވެ. އެންމެ ފުރަތަމަ އެ މަނިކުފާނު ކުރެއްވި ކަމަކީ މަޖިލިސް ރިޔާސަތުން އެކަހެރިވެވަޑައިގެންނެވުމެވެ. އެކަން ކުރެއްވުމަށް، 11 ޖޫންގައި މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާއަށް މަޖިލިސް ރައީސް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، "އެމްޑީޕީ މެންބަރުންތަކެއް ސޮއިކުރައްވައި އަޅުގަނޑުގެ މައްޗަށް މިވަނީ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހަޅައިފައި. އެ މައްސަލައަށް ވަކި ގޮތެއް ނިމުމާ ހަމައަށް މަޖިލިސް ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް އަޅުގަނޑު އުޒުރުވެރިވަން،" ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވެފައި ވަނީ، މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގެދަށުން، އެއީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް ކަމަށެވެ.
މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން، ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ށ)ގައިވާގޮތުގެމަތިން މަޖިލީހުގެ ރައީސް ކަނޑައަޅަން ވާނެ ކަމަށެވެ.
މަޖިލިސް ރައީސްގެ އެ ސިޓީފުޅުގައި ވިދާޅުވެފައިވަނީ، އިތުބާރުނެތްކަމުގެ މައްސަލައިގައި ވަކި ގޮތެއް ނިންމުމާއި ހަމައަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުން އެއްކިބާވިނަމަވެސް، މަޖިލީހުގެ ގަވާއިދު ބަޔާންކުރާ މިންވަރުގައި، މަޖިލީހުގެ އެންމެހައި ކަންކަން ހިންގުމުގައި ދެމިހުންނަވާނެ ކަމަށެވެ.
"އަޅުގަނޑުގެ އިތުބާރުނެތްކަމުގެ މައްސަލަ ހިނގަމުންދާއިރު، ކަމަނާގެ މަސްއޫލިއްޔަތު ތަކަށާއި ވާޖިބުތަކަށް ކުޑަކޮށްވެސް ހުރަސް އެޅޭ ބާވަތުގެ އެއްވެސްކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" ކަމަށްވެސް އެ ސިޓީފުޅުގައި އަމީން އާއްމަށް މަޖިލިސް ރައީސް ވަނީ ދަންނަވައިފައެވެ.
މިސިޓީފުޅާއެކު މަޖިލިސް ގަވާއިދުގައިވާގޮތުގެމަތިން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެންބަރެއްގެ ގޮތުގައި މަޖިލިސް ރައީސް ކަނޑައެޅުއްވީ، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ނަމަވެސް މަޖިލިސް ގަވާއިދު ބުނާގޮތުން އެގޮތަށް ކަނޑައަޅާ މެންބަރަކަށްވެސް މަޖިލިސް ރިޔާސަތުގައި ޖެހިޖެހިގެން އިންނެވޭނީ ތިން ޖަލްސާގައެވެ.
ގަވާއިދުގެ 44 ވަނަ މާއްދާގައި ބުނަނީ އެގޮތަށް ރިޔާސަތު ބަލަހައްޓަން ކަނޑައަޅުއްވާ މެންބަރަކަށް ރިޔާސަތު ބެލެެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގެ މުއްދަތަށް ކަމަށެވެ. އެހެންކަމުން އިއްޔެއަކީ ޖެހިޖެހިގެން، އަފީފު މަޖިލިސް ޖަލްސާގެ ރިޔާސަތު ބަލެހެއްޓެވި ތިންވަނަ ދުވަހެވެ. ދެން އޭނާއަކަށް ޖަލްސާގެ ރިޔާސަތަކު ނީންނެވޭނެއެވެ. އެހެންކަމުން މަޖިލީހުގެ މާދަމާގެ ޖަލްސާގެ ރިޔާސަތާމެދު މެންބަރުންގެ މެދުގައި އޮތީ ސުވާލުތަކެއް އުފެދިފައެވެ. އެކަން ބައެއް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައިވެސް ފާހަގަ ކުރައްވިއެވެ.
އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، "މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރިޔާސަތުގައި، އއިްޒަތްތެރި ރައީސަށް، މާނައަކީ ވިލުފުށީ ދާއިރާގެ މެންބަރަށް އިންނެވޭނެ ފަހުދުވަސް މިއަދަކީ، ތިން ޖަލްސާ ވިދިވިދިގެން މަނިކުފާނަށް ރިޔާސަތު ބެލެހެއްޓެވޭނީ، އެއަށްފަހު ދެން ހައްދަވަން ގަސްތު ކުރައްވާފަ އޮތީ ކިހިނެއްތޯ؟" ކަމަށެވެ.
މެންބަރުން، ކަންބޮޑުވުން ފާޅު ކުރައްވާފައި ވަނިކޮށް އިއްޔެ ބޭއްވި ނިއުސްކޮންފަރެންސްގައި، މަޖިލިސް ރައީސް ވަނީ ރިޔާސަތަށް ވަޑައިނުގަންނަވާނެ ކަމުގެ އިތުރު ޔަގީން ކަމެއް ދެއްވައިފައެވެ. އުޒުރެއްގެ ގޮތުން އެ މަނިކުފާނު ވިދާޅުވީ، މަޖިލިސް ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓުމާ ގުޅޭގޮތުން ގާނޫނުއަސާސީ ވިސްނުމެއް އުފަންކުރުވާފައިވާ ކަށާއި، އެ ވިސްނުމުގައި ހިމެނޭ މަފްހޫމުގައި މަޖިލީހުގެ ރައީސަކު މަޖިލީހުގައި ނީންނާންވީ ވަގުތު ހިމެނިފައިވާ ކަމަށެވެ. އެހެން ވިދާޅުވެ އެމަނިކުފާނު ހަވާލާ ދެއްވީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާ އާއި މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާ އާއި 44 ވަނަ މާއްދާއަށެވެ.
"އެ މަފްހޫމުގައި ގާނޫނުއަސާސީ ބަޔާންކޮށްދެނީ މަޖިލީހުގެ ރައީސަކު މަޖިލީހުގައި ހަމަ ކަށަވަރުންވެސް ނީންނާންވީ ވަގުތަކީ އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ހުށަހެޅި އެ ވޯޓު ނަގާ ގަޑީގައޭ، ގާނޫނުއަސާސީ އުފަން ކޮށްފައި މިއޮތީ މަފްހޫމެއް، އެއީ މަޖިލީހުގެ ރައީސް ރިޔާސަތުގައި ނީންނާން ޖެހޭ ވަގުތެއް އެނގިވަޑައިގަންނަވާނެ މި މާއްދަކީ ގާނޫނުއަސާސީގެ 82 ވަނަމާއްދާގެ (ޅ)، އެއާއެކު މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) މި މަފްހޫމް އެބަ އިތުރަށް ފުރިހަމަ ކޮށްދޭ، އެެހެންވީމަ ވަރަށްބޮޑަށް ސާފުވޭ މަޖިލީހުގެ ރައީސަކު ރިޔާސަތުގައި ނީންނާންވީ ވަގުތުތަކެއް، ގާނޫނުއަސާސީ އެބަ ހިތުއަޅާކަން، އެއީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއްނޫން، އެއާ އެކުގައި މަޖިލީހުގެ ރައީސް ރިޔާސަތު ބެލެހެއްޓުމުން އެއްކިބާވާން ޖެހޭ ހާލަތްތަކާއި ވާންޖެހޭ ގޮތްތައް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) އިން އެބަ ބަޔާންކޮށްދޭ،"
މަޖިލިސް ރައީސް ހަވާލާދެއްވި ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ޅ) ގައި ބުނަނީ، މަޖިލީހުގެ ރައީސް އެ މަގާމުން ވަކި ކުރުމާބެހޭ ބަހުސެއް ހިނގާ، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓައިގެން ނުވާނެ ކަމަށެވެ. ހަމަ އެހެންމެ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކި ކުރުމާބެހޭ ބަހުސެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ނައިބު ރައީސް ބަލަހައްޓައިގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް ދިމާވެފައި މިވާ އަސްލު މައްސަލައަކީ، މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ ރައީސް އުޒުރުވެރިވެވަޑައިގަންނަވާ މައްސަލައެވެ.
މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރާ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ރައީސަށް ނުބެލެހެއްޓޭނެ ކަމަށް ގާނޫނުއަސާސީގެ އެއްވެސް މާއްދާއަކުން ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް ގާނޫނުއަސާސީން ބާރު ލިބިގެން ހަދާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި، މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުން މަޖިލިސް ރައީސަށް ވަނީ މަތިކޮށްފައެވެ.
މަޖިލިސް ރައީސްގެ ވާހަކަފުޅުގައިވެސް ފާހަގަ ކުރެއްވި، މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނަނީ، "މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ޖެހިފައިވާ، ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް އެވެ. މި ގަވާއިދުގެ 206 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ވަކި ކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ރައީސެވެ." މިހެންނެވެ.
މާނައަކީ އެ ދެބޭފުޅުން ފިޔަވައި އެހެން އެއްވެސް ބޭފުޅަކަށް އެއިން މައްސަލައެއް ހުށަހެޅޭ ޖަލްސާއެއްގެ ރިޔާސަތެއް ނުބެލެހެއްޓޭނެ ކަމެވެ. ދެން މަޖިލިސް ރައީސް ފާހަގަ ކުރެއްވީ މީގެކުރިން އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މައްސަލައެއް ހިނގާފައިވާގޮތެވެ.
ވިދާޅުވީ، "އަޅުގަނޑު ވަރަށް ބޮޑަށް ހަނދާން ހުންނަ ދުވަހެއް އެބައޮތް، މޫސާ މަނިކު އެއީ ކުރީގެ މަޖިލީހުގެ ނައިބު ރައީސް އާއި މަސީހު މަޖިލީހުގެ ރައީސް، މި ދެބޭފުޅުންގެ މައްޗަށް އެއްފަހަރާ ހުށަހެޅުނީ، އިތުބާރު ނެތްކަމުގެ މައްސަލަަ، ދެން އަޅުގަނޑު ހަނދާންވާ ގޮތުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ (އޭރުގެ މަޖިލިސް މެންބަރު) އާއި އަޅުގަނޑާ މިކަމާ މަޝްވަރާ ކޮށްފަ އަދި އަޅުގަނޑު ހަނދާންވޭ އޮނަރަބަލް ގާސިމް އިބްރާހިމް ވެސް މި މަޝްވަރާގައި ބައިވެރިވެވަޑައިގެންނެވި، ފެނުނީ ދެމީހުންގެ މައްސަލަ އެކީގައި ކުރިއަށް ނުގެންދެވޭނެ ކަމަށް، އެހެންވީމާ މޫސާ މަނިކުގެ މައްސަލަ އަނބުރާ ނެގުނީ،" ކަމަށެވެ.
ނަމަވެސް މަޖިލިސް ރައީސް އެ ވިދާޅުވާ މައްސަލައިގައި ގާނޫނުއަސާސީ އަދި މަޖިލީހުގެ ގަވާއިދާ ބެހޭ އެއްވެސް ކަމެއް ނެތެވެ. އެއީ އިތުބާރު ނެތްކަމުގެ މައްސަަލައަކީ ހުށަހަޅާފަރާތް ބޭނުންވާ ކޮންމެ ހިނދެއްގައި އަނބުރާ ގެންދެވޭނެ މައްސަލައަކަށް ވާތީއެވެ.
މަޖިލީހުގެ 54 މެންބަރުންގެ ސޮޔާއެކު އެ މަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތްކަމުގެ މައްސަލައާބެހޭގޮތުން މަޖިލިސް ރައީސް ދެން ވިދާޅުވީ، އެކަމުގައި ދެން ބަލަން ޖެހޭނީ ޑިމޮކްރެޓިކް އުސޫލުން ބެސްޓް ޕްރެކްޓިސްގައި އޮންނަ ގޮތް ކަމަށެވެ.
"ދެން އަޅުގަނޑުމެން އެނބުރެން މިޖެހެނީ ބެސްޓް ޕްރެކްޓިސް އަށް، ޑިމޮކްރެޓިކް ސޮސައިޓީތަކުގައި ކަން ހިނގަމުންދާގޮތަށް، އެގޮތަށް ބަލާއިރު އަޅުގަނޑު ރިޔާސަތުގައި އިތުރަށް އިނުމަކީ އެއްގޮތަކަށްވެސް ކަމުދާ ގޮތެއްނޫން،" ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް އެހާ ބޮޑު އަގުލަބިއްޔަތަކުން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން، އެ މައްސަލަ ކުރިއަށް ދިޔަނުދިނުމަށް ހުރަސް އެޅުއްވުމާއި، އިސްތިއުފާ ނުދެއްވުން ފަދަ ކަންކަން ހިނގަނީ ޑިމޮކްރަސީގެ ކޮން އުސޫލަކުން ކޮން މުޖުތަމައުތަކެއްގައި ކަމެއް ވިދާޅެއްނުވެއެވެ. މި ނުކުތާގައި އިއްޔެ ނޫސްވެރީން ތަކުރާރުކޮށް ސުވާލުވެސް ދެންނެވި އެވެ. ޑިމޮކްރެޓިކް ހަމަތަކުގެ ވާހަކަ ދައްކަވާއިރު، ސާފު މެޖޯރިޓީއަކުން އިތުބާރުނެތްކަމުގެ މައްސަލަ ވައްދާފައިވާއިރު، އިސްތިއުފާ ނުދެއްވުން އެއީ ޑިމޮކްރެޓިކް ހަމައެއް ނޫންކަން ނޫސްވެރިންވެސް ފާހަގަކުރިއެވެ.
އޭގެފަހުން މި މައްސަލައިގައި މަޖިލީސް ރައީސްގެ އަސްލު ޑިމާންޑަކީ ކޮބައިކަން އެ މަނިކުފާނު ވިދާޅުވެދެއްވިއެވެ.
ވިދާޅުވީ، "ފުރަތަމަ އިހަށް ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނަންގަވާށޭ! ނެންގެވުމަށްފަހު އަޅުގަނޑުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅުއްވާށޭ،!" އެވެ. ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓުމަށް، ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދު ހުރަސް އަޅާ އެއްވެސް ކަމެއް ނެތެވެ. ހަމައެކަނި ޑީމާންޑަކީ އެ މައްސަލަ އަނބުރާ ގެންދެވުމެވެ.
މިހުރިހާ ކަމަކަށް ބެލުމުން ސާފުވަނީ، މަޖިލިސް ރައީސް، ނަޝީދު އެ ދައްކަވާ ވާހަކަފުޅުތައް މުޅީން ދިމާނުވާ ކަމެވެ. މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުން އެ މަނިކުފާނުގެ އިސްތިއުފާގެ މައްސަލައިގައި ސޮއިކުރައްވައި މައްސަލަ ހުށަހެޅުއްވުމުން، ދެން ރިޔާސަތުގައި އިންނެވުމަކީ ހަމަޖެހޭ ކަމެއްނޫން ކަމަށާއި އެއީ ބެސްޓް ޕްރެކްޓިސްވެސް ނޫންކަމަށް ވިދާޅުވާއިރު ޑިމޮކްރެސީގެ ހަމަޔަކީ ވަކި ކަމަކަށް އޮންނަ އެއްޗެއްތޯ ސުވާލު އުފެދެއެވެ. ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ވަކިކުރަން ހުށަހެޅުމުން އިސްތިއުފާ ނުދެއްވުމަކީ ބެސްޓް ޕްރެކްޓިސްތޯ ނުވަތަ އެއީ ނަޝީދު ފަދަ ޑިމޮކްރެސީގެ ޗެމްޕިއަން ކަމަށް ވަކާލާތުކުރައްވާ ބޭފުޅަކާ ގުޅޭކަމެއްތޯވެސް ސުވާލު އުފެދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު