ކުރިއަށް އޮތް ސީޒަނަށްފަހު ޕީއެސްޖީގައި މަޑުނުކުރަން ނިންމައި، ކިލިއަން އެމްބާޕޭ އެކަން ކްލަބަށް އަންގައިފިއެވެ.
ފްރާންސްގެ ތަރި، އުމުރުން 24 އަހަރުގެ އެމްބާޕޭ ޕީއެސްޖީއާއެކު ހަދާފައިވާ ވަރުގަދަ އެއްބަސްވުން ހަމަވާން އޮތީ އަންނަ ސީޒަނުގެ ނިޔަލަށެވެ، އެ އެއްބަސްވުން 2025 ވަނަ އަހަރު ޖޫން މަހަށް ދަންމައިލާނެކަން، ނުވަތަ ނޫންކަން ކްލަބަށް އަންގަން އެމްބާޕޭއަށް ދީފައިވާ މުހުލަތަކީ އަންނަ ޖުލައި މަހުގެ ނިޔަލެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި އެމްބާޕޭ ރަސްމީކޮށް ކްލަބަށް އެންގީ އަންނަ ސީޒަނަށްފަހު މަޑުކުރަން ބޭނުން ނުވާ ކަމަށެވެ. އެކަން އެންގީ މަޝްވަރާތަތަކަށްފަހު ފޮނުވި ހާއްސަ ސިޓީއެއްގައި ކަމަށްވެސް އިތުބާރު ނޫސްތަކުން ބުނެއެވެ.
އެމްބާޕޭ އަންނަ ސީޒަނަށްފަހު ކްލަބު ދޫކޮށްލަން ނިންމުމާއެކު ޕީއެސްޖީއަށް ވަނީ އޭނާ ވިއްކާލަން މަޖުބޫރު ހާލަތަކަށް ގޮސްފައެވެ. އެއީ އަންނަ ސީޒަނުގެ ނިޔަލަށް އެމްބާޕޭ ކްލަބުގައި މަޑުކުރުވައިފިނަމަ، ހިލޭ ޓްރާންސްފާއެއްގައި އޭނާ ފޮނުވާލަން ޖެހޭނެތީއެވެ. އަދި އޮފް ސީޒަނުގައި އެމްބާޕޭގެ ޓްރާންސްފާ ކަންތައްތައް ނުނިންމައިފިނަމަ، ޖެނުއަރީގެ ފިނިމޫސުމުގެ ޓްރާންސްފާގައިވެސް އޭނާ ގެންދާނެ ޓީމެއް ނުވެދާނެކަމުގެ ބިރަށްޓަކައެވެ.
އެމްބާޕޭ ޕީއެސްޖީއަށް ފޮނުވަން ތައްޔާރުކޮށްފައި އޮތް ސިޓީ، ކުރީބައިގައި މީޑިއާއަށް ލީކުވުމުން އެކަމާވެސް ޕީއެސްޖީން ހިތްހަމަ ނުޖެހުނު އިރު، ކްލަބުން މިހާރު ބޭނުންވަނީ އޭނާ ވިއްކާލަން ކަމަށް ނޫސްތައް ބުނެއެވެ. ހާއްސަކޮށް އެމްބާޕޭއާއެކު ކްލަބުން މާ ބޮޑަށް އިތުރު މަޝްވަރާތަކެއް ނުކުރާނެ ކަމަށްވެސް ނޫސްތައް ބުނެއެވެ.
އެމްބާޕޭއަކީ ޕީއެސްޖީގެ ރެކޯޑު ގޯލު ޖެހުންތެރިޔާއެވެ. 2018 ވަނަ އަހަރު މޮނާކޯއިން ޕީއެސްޖީއަށް ލޯނެއްގައި ބަދަލުވި އެމްބާޕޭ، އެއް ސީޒަނަށްފަހު ވަނީ ދާއިމީކޮށް އެ ކްލަބާ ގުޅިފައެވެ. މިހާތަނަށް އެ ކްލަބަށް 139 ގޯލު ޖަހައިދީފައިވާ އެމްބާޕޭ ވަނީ ރެކޯޑު ހަތަރު ފަހަރު ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. އެމްބާޕޭ މީގެ ދެ ސީޒަނެއް ކުރިންވެސް ޕީއެސްޖީ ދޫކޮށްލަން މަސައްކަތް ކޮށްފައިވާ އިރު، އެފަހަރު އެއްބަސްވުން އާކުރީ ބޮޑު މުސާރައަކަށެވެ.
ފްރާންސާއެކު 2018 ވަނަ އަހަރު ވޯލްޑް ކަޕް ހޯދި އެމްބާޕޭ ގެންދަން އަބަދުހެން ރެއާލް މެޑްރިޑުން މަސައްކަތް ކުރަމުންދާ އިރު، މިހާރު އޮތް ގޮތުންވެސް އެންމެ ބޮޑަށް ބެލެވެނީ ރެއާލްއިން އެމްބާޕޭ ގެންދަން މަސައްކަތް ކުރާނެ ކަމަށެވެ.
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ