ފްރާންސުން ނޭޝަންސް ލީގުގައި އިޓަލީއާ ދެކޮޅަށް ކުޅޭ މެޗުގައި އެޓީމުގެ ތަރި، ކެޕްޓަން ކިލިއަން އެމްބާޕޭއަށް ނުކުޅެވޭނެ ކަމަށް ކޯޗު ޒައިނެއްދީން ޒިދާން ބުނެފިއެވެ.
ފްރާންސުން މިހާތަނަށް ނޭޝަންސް ލީގު އޭގެ ގްރޫޕް އެކެއްގައި ކުޅުނު ހަތަރު މެޗުން ތިން މެޗު ކާމިޔާބުކޮށް، އަނެއް މެޗުން ވަނީ އެއްވަރުވެފައެވެ. އެޓީމުން ހަމައެކަނި އެއްވަރުވެފައި ވަނީ އިޓަލީ ކައިރިން އެކަންޏެވެ. އެއީ 1-1 ގެ ނަތީޖާއަކުންނެވެ.
އެމްބާޕޭއަށް ފްރާންސުން އެންމެފަހުން ކުޅުނު ތިން މެޗުގައިވެސް ކުޅެވިފައެއް ނުވެއެވެ. އެއީ އެންމެފަހުން ފްރާންސުން މެޗުތައް ކުޅުނު އިންޓަނޭޝަނަލް ބްރޭކްގެ ފުރަތަމަ މެޗުގައި އަނިޔާވުމުންނެވެ. ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި އެމްބާޕޭ ގޯލް ޖެހި ނަމަވެސް، އެމެޗުން އޭނާ ބާލަން ޖެހުނީ އަނިޔާވެގެންނެވެ.
ހަބަރުތައް ބުނެފައި ވަނީ އެމްބާޕޭއަށް ތަމްރީނުތަކުގައި އަނިޔާވި ކަމަށާއި، އޭނާ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއެކު ހަމަ ޔަގީނުންވެސް އިޓަލީ މެޗު ގެއްލޭނެ ކަމަށެވެ. ފްރާންސުން އިޓަލީއާ ދެކޮޅަށް ނުކުންނާނީ މިރޭއެވެ.
"އެމްބާޕޭއަށް އިޓަލީއާ ދެކޮޅަށް ނުކުޅެވޭނެ. އެމްބާޕޭއަށް ކޮންމެވެސް ވަރަކަށް ތަދު އިހުސާސް ކުރެވުމާއެކު އޭނާ ނުކުޅެން ނިންމީ ރިސްކް ނުނަގަން ވެގެން. އޭނާ ނެތްތައް ދައްކާނެ. އެކަމަކު އެއީ ކުރިމަތިލާން ޖެހޭ ކަމެއް. އަހަރެން އުންމީދުކުރަނީ އެއީ ސީރިއަސް އަނިޔާއެއް ނޫން ކަމަށް. އަހަރެމެން އުންމީދުކުރަނީ ދެން އޮންނަ މެޗެއްގައި އެމްބާޕޭއަށް ކުޅެވޭނެ ކަމަށް،" ކޯޗު ޒިދާން ބުންޏެވެ.
ފްރާންސުން އިޓަލީއަށްފަހު ދެން ކުޅޭނީ ތުރުކީއާ ދެކޮޅަށެވެ.
މިފަހަރު ކޯޗު ޒިދާން ނެގި ސްކޮޑުން މުޅިން އަލަށް ޖާގަ ދިން ކުޅުންތެރިއެއް ފާހަގަކޮށްލެވެއެވެ. އެއީ ޕީއެސްޖީއަށް ކުޅެމުންދާ ސެނީ މަޔޫލޫއެވެ. އޭނާ ސްކޮޑަށް ނަގާފައި ވަނީ އޮރެލިއެން ޗުއަމެނީއަށް އަނިޔާވުމުންނެވެ.
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކީލިއާން އެމްބާޕޭ
ކޮމެންޓް