ޓްރާންސްފާ މާކެޓް

މެކް އަލިސްޓާ ލިވަޕޫލަށް، ބެންޒެމާ ސައުދީގެ އިއްތިހާދަށް!

އާޖެންޓީނާގެ މިޑްފީލްޑަރު އެލެކްސިސް މެކް އަލިސްޓާ ލިވަޕޫލާ ގުޅެން ހުރިހާ ކަމެއް ނިންމާފައިވާ ކަމަށާއި، ރެއާލް މެޑްރިޑް ދޫކޮށްލި ކަރިމް ބެންޒެމާ ސައުދީ އަރަބިއާގެ އަލް-އިއްތިހާދާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.

މިދިޔަ ސީޒަނުގައި އާޖެންޓީނާއާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށް، ބްރައިޓަންއާއެކު ކާމިޔާބު ސީޒަނެއް ނިންމާލި މެކް އަލިސްޓާއަށް އޮތީ ޔޫރަޕްގެ ޓީމުތަކުގެ ޑިމާންޑް ބޮޑުވެފައެވެ. ބްރައިޓަނުން ޔޫރޮޕާ ލީގުގެ ޖާގައަކާއެކު މި ސީޒަން ނިންމާލާފައިވާ އިރު، މިއީ ބްރައިޓަންގެ 122 އަހަރުގެ ދިގު ތާރީހުގައި އެ ޓީމަށް ޔޫރަޕްގެ މުބާރާތަކުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. ބްރައިޓަންގެ އެ ނަތީޖާތަކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިންގެ ތެރޭގައި މެކް އަލިސްޓާ ހިމެނޭ އިރު، އޭނާ ހޯދަން ސީޒަނުގެ މެދުތެރެއިންވެސް ލިވަޕޫލުން ދިޔައީ މަސައްކަތް ކުރަމުންނެވެ.

މެކް އަލިސްޓާ ކްލަބު ދޫކޮށްލާނެކަން ސީޒަނަށްފަހު ބްރައިޓަނުން ޔަގީން ކޮށްދީފައިވާ އިރު، އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނީ އޭނާ ލިވަޕޫލަށް ދާން ހުރިހާ ކަމެއް ނިންމައި، މި ހަފުތާގެ ތެރޭގައި މެޑިކަލް ފުރިހަމަ ކުރާނެ ކަމަށެވެ.

ފަބްރީޒިއޯ ބުނީ ކުރިން މީޑިއާތަކުގައި އަޑު ފެތުރިފައިވާ ގޮތަށް، 60 މިލިއަން ޕައުންޑް ލިވަޕޫލުން ބްރައިޓަނަށް ނުދައްކާނެ ކަމަށާއި، ލިވަޕޫލުން ދޭނީ ބައި އައުޓް ކްލޯސްގެ އަގު ކަމަށެވެ. މެކް އަލިސްޓާ ލިވަޕޫލާ ގުޅެން ނިންމާފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށްވެސް ނޫސްތައް ބުނެއެވެ.

ރެއާލް މެޑްރިޑްގައި މިދިޔަ 14 އަހަރު ހޭދަކުރި ކްލަބުގެ ކެޕްޓަން ކަރިމް ބެންޒެމާ، މި ސީޒަނަށްފަހު އެ ކްލަބު ދޫކޮށްލަން ނިންމައި، ރޭ ފަހު މެޗު ކުޅެފައިވާ އިރު، އިތުބާރު ނޫސްތައް ބުނާ ގޮތުން އޭނާ މިހާރު ސައުދީގެ އަލް-އިއްތިހާދާއެކު އެއްބަސްވުންތަކުގައި ދަނީ ސޮއިކުރަމުންނެވެ.

ފަބްރީޒިއޯ ރިޕޯޓުކޮށްފައިވާ ގޮތުގައި ބެންޒެމާ މިހާރު ވަނީ އިއްތިހާދާއެކު އެއްބަސްވުމުގެ ބޮޑު ބައެއްގައި ސޮއިކޮށްފައެވެ. އަދި އެއްބަސްވުން ދެމިގެންދާނީ 2025 ވަނަ އަހަރާ ހަމައަށް ކަމަށްވެސް އޭނާ ބުނެފައިވެއެވެ. ބެންޒެމާ މާދަމާ ރެއާލް ސަޕޯޓަރުންނާ އަލްވަދާއު ކިޔުމަށް ހާއްސަ ޕްރެސް ކޮންފަރެންސެއް ބާއްވަން ނިންމާފައިވާ އިރު، އެ ޕްރެސްއަށްފަހު ސައުދީއަށް ފުރާނެ ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.

ބެންޒެމާ، ސައުދީ ލީގަށް ދަނީ 100 މިލިއަން ޕައުންޑަށްވުރެ ބޮޑު އަދަދެއް އަހަރެއްގެ މައްޗަށް ޖެހޭ އެއްބަސްވުމެއްގައި ކަމަށް ސައުދީ ނޫސްތައް ބުނެއެވެ.