ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ ގައުމީ ފުޓުބޯޅަ ޓީމުން ޖަޕާނަށް ގޮސް ތަމްރީނުތައް ފުރިހަމަ ކުރާނީ އެގައުމުގެ ގައުމީ ޓީމުންވެސް ކޭމްޕް ކުރުމަށް ބޭނުންކުރާ ފެސިލިޓީއެއްގައި ކަމަށާއި، ޓީމަށް ރަނގަޅަށް ފުޓުބޯޅައަށް ފޯކަސް ކުރެވޭނެ މާހައުލަކަށް އެތަނުގެ މާހައުލު ވެގެންދާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް މިމަހުގެ 21 އިން އަންނަ މަހުގެ ހަތަރަކަށް އިންޑިއާގެ ބެންގަލޫރުގައި ބާއްވަން ތާވަލުކޮށްފައިވާ އިރު، ދިވެހި ޓީމުން މިހާރު އަންނަނީ މުބާރާތަށް ފަރިތަކުރަމުންނެވެ. މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޖުމުލަ 8 ޓީމަކުން ވާދަކުރާ އިރު، އެއީ ސާފްގެ ހަ ގައުމަކާއި ސަރަހައްދުން ބޭރުގެ ދެ ގައުމެކެވެ. ސަރަހައްދުގެ ގައުމުތަކުގެ ގޮތުގައި މުބާރާތުން ފެންނާނީ ރާއްޖެއާއި އިންޑިއާގެ އިތުރުން ބަންގްލަދޭޝް އާއި ބޫޓާންގެ އިތުރުން ޕާކިސްތާނާއި ނޭޕާލެވެ.
މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމަށް ދައުވަތު ދެވިގެން ސަރަހައްދުން ބޭރުން ވާދަކުރާނީ މެދުއިރުމަތީގެ ދެ ގައުމު ކަމަށްވާ ލުބުނާނާއި ކުވައިތެވެ.
ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ޓީމު އިންޑިއާއަށް ދާނީ ޖަޕާނުގައި 10 ދުވަހުގެ ތަމްރީނު ކޭމްޕަކަށްފަހުއެވެ. ކޭމްޕަށް ޓީމުގެ 23 ކުޅުންތެރިން ޖަޕާނަށް ފުރާނީ މިއަދު މެންދުރެވެ.
އެ ކޭމްޕާ ގުޅޭގޮތުން އެފްއޭއެމްގެ ރައީސް ބައްސާމް "ވަން"އަށް އެކްސްކްލޫސިވްކޮށް ވިދާޅުވީ ޖަޕާނަށް ގޮސް ޓީމު ތިބޭނީ އެގައުމުގެ ގައުމީ ޓީމުވެސް ތަމްރީނުކުރާ ޓްރެއިނިން ވިލެޖުގައި ކަމަށާއި، ޖަޕާނަށް ދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ރަނގަޅު ފެސިލިޓީއެއްގައި ތަމްރީނު ހެދުމުގެ އިތުރުން ކުޅުންތެރިންގެ ފޯކަސް ރަނގަޅު ކުރުން ކަމަށެވެ.
"ޖަޕާނަށް ގޮސް ޓީމު ތިބޭނީ އެގައުމުގެ ގައުމީ ޓީމުވެސް ތަމްރީނުކުރާ ޓްރެއިނިން ވިލެޖުގައި. ޖަޕާނަށް ދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ރަނގަޅު ފެސިލިޓީއެއްގައި ތަމްރީނު ހެދުމުގެ އިތުރުން އަދި ފޯކަސް ރަނގަޅުކުރުން. ޖަޕާނަށް ގޮސް ތިބޭ ފެސިލިޓީއަކީ ކުޅުންތެރިންނަށް މުޅިންހެން ތަމްރީނުތަކަށް ފޯކަސް ކުރެވޭނެ މާހައުލެއް. ކައިރި ހިސާބުގައި ޝޮޕިން މޯލްތަކާ މިކަހަލަ ކަންކަމެއް ނުހުންނާނެ. އެހެންވީމަ މުޅި ޓީމު އެއްކޮށް ކަހަލަ ގޮތަކަށް ތިބޭނީ ފެސިލިޓީ ތެރޭގައި. އެހެންވީމަ ތަމްރީނުތައް ކުރިއަށް ގެންދަން އެންމެ އެކަށީގެންވާ މާހައުލަކަށް ޖަޕާނު ވާނެ،" ބައްސާމް ވިދާޅުވިއެވެ.
ބައްސާމް އިތުރަށް ވިދާޅުވީ ކޯޗުގެ އިރުޝާދާއެކު ރޭވިފައި ވަނީ އިންޑިއާއަށް ދިއުމުގެ ކުރިން އެކުވެރިކަމުގެ އެއް މެޗު ކުޅޭ ގޮތަށް ކަމަށާއި، އޭގެ އިތުރުން މެޗެއް ކުޅެން ކޯޗު ބޭނުންވެއްޖެނަމަ، އެ ފުރުސަތު ފަހިކޮށްދޭންވެސް ޖަޕާނުގެ އެފްއޭއިން އެއްބާރުލުން ދޭނެ ކަމަށެވެ.
"މިހާރު އޮތްގޮތުން ކޯޗު ރާވާފަ އޮތީ އެކުވެރިކަމުގެ އެއް މެޗު ކުޅޭ ގޮތަށް. 10 ދުވަހުގެ ތަމްރީނު ކޭމްޕެއްގައި ކޯޗު ބޭނުމެއް ނުވޭ އެހާ ގިނަ މެޗު ކުޅޭކަށް. އެހައި ބައިވަރު މެޗު ކުޅެން ކޯޗު ބޭނުން ނުވަނީ ޖަޕާނުން ޓީމު އިންޑިއާއަށް ދާއިރު އަނިޔާގެ މައްސަލަތައް ކުޑަކުރަން. ކޯޗު އިތުރަށް ބޭނުންވާނަމަ އިތުރު މެޗުތައްވެސް ކުޅެވޭނެ އިންތިޒާމު ޖަޕާނު އެފްއޭއިން ވަނީ ހަމަޖައްސައިދީފަ. ޖަޕާނަށް ދާނީ 23 ކުޅުންތެރިންގެ ސްކޮޑަކާއެކު،" ބައްސާމް ވިދާޅުވިއެވެ.
ރާއްޖެއިން ސާފަށް ތައްޔާރުވަމުންއަންނައިރު، މި މުބާރާތަށް ކޯޗަށް ދީފައިވާ ޓާގެޓަކީ މުބާރާތުގެ ތަށްޓެވެ. މިފަހަރުގެ ސީޒަން ފެށިގެން މާ ގިނަ ދުވަހެއްވެސް ނުވަނީސް ގައުމީ ޓީމުގެ ތަމްރީނުތަކަށް ސީޒަން މެދުކަނޑާލަން ޖެހިފައިވާ އިރު، ބައްސާމްގެ ނަޒަރުގައި ރާއްޖެއަށް އޮތް ޗެލެންޖަކީ ފިޓްނަސްގެ މައްސަލައެވެ. އެކަން ހައްލުކުރުމަށް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ރަނގަޅު ތަމްރީނުތަކެއް ކުރަމުން އަންނަކަމަށް ބައްސާމް ފާހަގަކުރައްވާފައިވާ އިރު، އޭނާ ވިދާޅުވީ ޓީމު ސާފަށް ފުރިހަމައަށް ތައްޔާރުވެއްޖެނަމަ، ރަނގަޅު ނަތީޖާއެއް ނެރެވޭނެ އެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ބީގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ ބޫޓާނާއި ބަންގްލަދޭޝް އަދި ލުބުނާނެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023