ރެއާލް މެޑްރިޑްގައި މިދިޔަ 14 އަހަރު ހޭދަކުރި ކްލަބުގެ ކެޕްޓަން ކަރިމް ބެންޒެމާ، މި ސީޒަނުގެ ފަހު އެ ކްލަބު ދޫކޮށްލާނެ ކަމަށް ރަސްމީކޮށް އިއުލާނު ކޮށްފިއެވެ.
މިދިޔަ އަހަރުގެ ބެލޮންޑިއޯ ހޯދި ބެންޒެމާ މި ސީޒަނަށްފަހު ރެއާލް ދޫކޮށްލާނެކަން މިއަދު އެ ކްލަބުން ރަސްމީކޮށް އިއުލާނު ކޮށްފައިވާ އިރު، އޭނާ ކްލަބު ދޫކޮށްލަނީ އެއްބަސްވުމުގައި ބާކީ އަހަރެއް އޮއްވައެވެ. ބެންޒެމާ ކްލަބު ދޫކޮށްލާނެ ކަމަށް މީގެ ހަފުތާއެއް ދުވަސް ކުރިން މީޑިއާގައި ވާހަކަތައް ދެކެވުނު ނަމަވެސް، ދާދިފަހުން ކޯޗު ކާލޯ އެންޗެލޮޓީ ވަނީ އެވާހަކަތައް ދޮގު ކޮށްފައެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި ބެންޒެމާ ރެއާލް ދޫކޮށްލަން ނިންމީ ސައުދީ އަރަބިއާގެ ފުރަތަމަ ޑިވިޝަނުގެ ކްލަބު އަލް-އިއްތިހާދުން ކޮށްފައިވާ ބޮޑު ބިޑެއްގެ ސަބަބުންނެވެ. އެ ބިޑުން ބެންޒެމާއަށް އާއްމުދަނީގެ ގޮތުގައި އަހަރަކު 200 މިލިއަން ޕައުންޑް ވަރު ޖެހޭނެ ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.
ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ފޯވަޑް ބެންޒެމާއަކީ ރެއާލްގެ ތާރީހީ ލެޖެންޑެކެވެ. އުމުރުން 35 އަހަރުގެ ކެޕްޓަން ވަނީ ކްލަބާއެކު ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ހަތަރު ފަހަރު ލަލީގާވެސް ކާމިޔާބު ކޮށްފައެވެ. ޖުމުލައެކު 25 ތަށި ބެންޒެމާ ރެއާލްއާއެކު ހޯދާފައިވާ އިރު، އެއީ ކްލަބުގެ ޒަމާންވީ ތާރީހުގައިވެސް ރެކޯޑެކެވެ.
ބެންޒެމާ 2009 ވަނަ އަހަރު ލިޔޯންއިން ރެއާލްއަށް ބަދަލުވިފަހުން 647 މެޗު ކްލަބުގެ ޖާޒީގައި ކުޅެފައިވާ އިރު، 353 ގޯލު ޖަހާފައިވެއެވެ. ރެއާލް ޖާޒީގައި ބެންޒެމާއަށްވުރެ ގިނައިން ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔަކީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ބެންޒެމާގެ އަލްވަދާއާއެކު ރެއާލްއިން ނެރުނު ބަޔާނުގައި ބުނީ އޭނާއަކީ ކުޅުންތެރިންނަށް ނަމޫނާއެއް ކަމަށާއި، ރެއާލްގެ ޝަރަފަށް ބެންޒެމާ ކޮށްދީފައިވާ އަގުހުރި މަސައްކަތްތަކެއް ހެޔޮހިތުން ބަލައިގަންނާނެ ކަމަށެވެ. ރެއާލްއަކީ އަބަދުވެސް ބެންޒެމާގެ ހޯމް ކަމަށް ކްލަބުން ބުނެފައިވާ އިރު، ކުރިއަށް އޮތް ތަނުގައިވެސް ބެންޒެމާއަށް އެދެނީ އުފާވެރި ކަމަށް ކަމަށްވެސް ރެއާލްއިން ބުންޏެވެ.
ރެއާލް ޖާޒީގައި ބެންޒެމާ ކުޅޭ ފަހު މެޗަށް މިރޭ ނުކުންނާނީ އެތުލެޓިކޯ ބިލްބާއޯއާ ދެކޮޅަށެވެ.