ރާއްޖެއިން ކަނޑުގެ ސަރަހައްދެއް ގެއްލުނު މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މައްޗަށް ދައުވާކުރައްވާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީ، އެމްއެންޕީ އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުމުން" ކާނިވަލުގައި މިރޭ ބޭއްވި "ބާނަ ބާނާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ރާއްޖެއިން ގެއްލުނު ކަނޑުގެ ސަރަހައްދަކީ ދިވެހިން ސިފައިން ވަރަށް މަސައްކަތުން ސަލާމަތީ ކަންކަން ބެލެހެއްޓި ސަރަހައްދެއް ކަމަށެވެ.
ނާޒިމް ވިދާޅުވީ ކޯސްޓްގާޑު ނެތް ޒަމާނުގައި އެ ސަރަހައްދުގައި ސަލާމަތީ ކަންކަން ބެލެހެއްޓީ މަސްވެރިން ކަމަށެވެ. ނަމަވެސް ސަރުކާރުން ވަނީ މަދު ޑޮލަރު ކޮޅަކަށް އެ ސަރަހައްދު ވިއްކާލާފައި ކަމަށެވެ.
"ބައެއް ފަހަރު ރައީސުލްޖުމްހޫރިއްޔާއަށް ހީފުޅުވެދާނެ ސަރުކާރުގައެއް ހުންނެވީމަކާއެއް ތިމަންނާގެ މައްޗަށް ދައުވާއެއް ނުކުރެވޭނޭ. އަޅުގަނޑު ދަންނަވަންތޯ އަޅުގަނޑުމެންނަށް ދައުވާވެސް ކުރެވޭނެ. ގާނޫނުއަސާސީގައި އެބަ ބުނޭ އަޅުގަނޑުމެންނަށް ދައުވާ ކުރެވޭނެއޭ. އެހެންމާ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް މިކަމުގަ ދައުވާކުރާނެ ވާހަކަވެސް ދަންނަވަން" ނާޒިމް ވިދާޅުވިއެވެ.
އިދިކޮޅު ހުރިހާ ފަރާތްތަކުން އެއްގަލަކަށް އަރައިގެން ކުރަމުންދާ މި މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށާއި އެ މަސައްކަތް ހުއްޓާލާނީ ގެއްލުނު ސަރަހައްދު އަނބުރާ ހޯދުމަށްފަހު ކަމަށް ނާޒިމް ވިދާޅުވިއެވެ.
މޮރިޝަސްއަކީ އެގައުމުގެ ކަނޑުގެ ސަރަހައްދު އިންޑަސްޓްރިއަލް ފިޝިއަން ކުއްޔަށް ދޫކުރާ ގައުމެއް ކަމަށާއި އެހެންކަމުން ޗާގޯސް ކަނޑުގެ ސަރަހައްދުގައި އިންޑަސްޓްރިއަލް ފިޝިން ކުރާނަމަ، ރާއްޖޭގެ މަސްވެރިކަމަށް ގެއްލުންވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެ ސަރަހައްދުގަ އޮތް ކަނޑުގަ އޮތް މުއްސަދިކަން އަޅުގަނޑުމެން އަތުން ގެއްލިއްޖެ. އެތަނުގަ އަޑީގަ ވަނީ ކޯއްޗެއް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގެ. ތަފާތު މިނަރަލްތައް އެބަހުރި. ތަފާތު ތެޔޮ ހުރެދާނެކަމުގެ ޝައްކު އަޅުގަނޑުމެންނަށް އެބަކުރެވޭ" ނާޒިމް ވިދާޅުވިއެވެ.
ރައީސް ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަން ނާޒިމް ވަނީ ގޮވާލައްވައިފައެވެ. ޗާގޯސް އައިލެންޑަކީ އަދި އެއްވެސް ގައުމެއްގެ ތަނެއް ކަމަށް ނިންމާފައި ނުވާތީ އެތަން ހޯދުމަށް މަސައްކަތް ކުރަން ވެސް ޖެހޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލައިގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމީ މިއަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ.
މޮރިޝަސް އިން ހުށަހަޅާފައިވަނީ ފުށުއަރާ 95،600 އަކަ ކިލޯމީޓަރު ދެ ބަޔަށް ބަހާލުމަށެވެ. އޭރުން ރާއްޖެއަށް 47،172 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ލިބޭނެއެވެ. މޮރިޝަސް އިން ވަކާލާތުކުރީ ޗާގޯސް އާކިޕެލެގޯގެ އައްޑުއާ އެންމެ ކައިރިން އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ފެށިގެން 200 މޭލަކީ އެ ގައުމުގެ އީއީޒެޑްގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ. އެ މިން ފަށަން ޖެހޭނީ އައްޑުއާ އެންމެ ކައިރިއަށް އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ކަމަށެވެ.
ނަމަވެސް ރާއްޖޭން ބުނަނީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ. ރާއްޖޭން ބުނަމުން ދިޔައީ އެއީ ހަމައެކަނި ހިކި ދިޔަވަރުގައި ފެންނަ ފަރެއް ކަމަށާއި އެ ފަރަކީ ބޮޑު ދިޔައިގައި ވެސް ފެނުން މަތީގައި އޮންނަ ތަނެއް ނޫން ކަމަށެވެ. އަދި އެއީ ޗާގޯސްގެ ސީދާ ބައެއް ވެސް ނޫން ކަމަށާއި އެ ފަރުން ފެށިގެން 200 ނޯޓިކަލް މޭލު ބަލާ ނަމަ، މޮރިޝަސްއަށް ނުހައްގުން 4،690 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެ ކަމަށެވެ.
ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.
އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލިފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު