ވަގުތު އެމްވީ އާއި ރެއިންބޯ އެންޓަޕްރައިސަސް ހިމެނޭހެން ޓެކުހުގެ ފައިސާ ނުދައްކާ އަދަދު އެއް މިލިއަން ރުފިޔާ އަށްވުރެ އިތުރުވެފައިވާ 25 ފަރާތެއްގެ ނަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފިއެވެ.

ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުން 2024 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރާއި ޑިސެންބަރު 2024 އިން ޖޫން 2026ގެ ނިޔަލަށް އާންމު ދާއިރާގެ ޖީއެސްޓީގެ ގޮތުގައި 1،000،000 އަށްވުރެ ގިނަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާގެ ވެބްސައިޓުގައި އިއްޔެ ވަނީ އާންމުކޮށްފައެވެ.

ޓެކުހުގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ އަދަދު އެއް މިލިއަން ރުފިޔާ އަށްވުރެ އިތުރުވެފައިވާ ފަރާތްތަކުގެ ތެރޭގައި އިމާރާތް ކުރުމުގެ ދާއިރާ އާއި މީޑިއާ ދާއިރާ އާއި ހާޑްވެއާ ވިޔަފާރިތައް ހިމެނެއެވެ.

މީރާއިން ބުނީ، ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުގެ ދަށުން އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި އެ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ދީފައިވާނެ ކަމަށެވެ.

އަދި އެސްއެމްއެސްގެ ޒަރިއްޔާއިން ވެސް އެ ފަރާތްތަކަށް އެކަން އަންގާފައިވާނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މީރާއިން ބުނީ، ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ޓެކްސް ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅާފައިވާ އިތުރު ފިޔަވަޅުތައް އެ ފަރާތްތަކާ މެދު ތަފާތުކުރުމެއް ނެތި އަޅަމުން ގެންދާނެ ކަމަށެވެ.

ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކާ ފަރާތްތަކުން ލަސް ނުކޮށް ޓެކްސް ދެއްކުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.