ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ބޭރު ގައުމަކަށް ވިއްކާލިކަމަށް ތުހުމަތުކޮށް ޕީޕީއެމް/ޕީއެންސީ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުމުން" ބާއްވާ ޖަލްސާގައި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ކަނޑުވިއްކާލި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައި ކާނިވަލުގައެވެ.
އެ ޖަލްސާއާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޖަލްސާގައި ބައިވެރިވާ ބައެއް ފަރާތްތަކުން ގާނޫނާ ހިލާފު އަމަލުތައް ހިންގުމުގެ ފުރުސަތު ފުލުހުން ނުދޭނެ ކަމަށެވެ.
"މި ހަރަކާތުގައި ބައިވެރިވާ ބައެއް ފަރާތްތަކުން ގާނޫނާ ހިލާފު އަމަލުތައް ހިންގުމަށް ރާވަމުންދާ އަދި ބައެއް ފަރާތްތަކުން ގާނޫނާ ހިލާފު އަމަލުތައް ހިންގާނެކަމަށް ބުނަމުންދާ ކަމުގެ މައުލޫމާތު މި ހިދުމަތައް ވަނީ ލިބިފައެވެ. އެހެންކަމުން މި ހަރަކާތުގައި އާންމު ސުލްހައަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރުމަށާއި ސުލްހަވެރިކަމާއެެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައި ބަޔާންކުރާ ހަމަތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށާއި ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުހިންގުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކުރަމެވެ" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ގާނޫނުއަސާސީން ލިބިދޭ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ހަމަތައް "ސުލްހަވެރުކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު" އާއި އެ ގާނޫނަށް އިސްލާހު ގެނެސްފައިވާ ގާނޫނުގައި ވަނީ ބަޔާންކޮށްފައި ކަމަށެވެ.
އެ ގާނޫނުތަކާ އެއްގޮތަށް ހިންގާ ސުލްހަވެރި ހަރަކާތްތަކަށް ފޯރުކޮށްދޭން ޖެހޭ ރައްކާތެރިކަމުގެ ދަށުން އެފަދަ ހަރަކާތްތައް ހިންގާ ސަރަހައްދުތަކުގެ މަގުތައް އަދި އެނޫންވެސް ތަންތަނުގެ ސަލާމަތީ ކަންކަން ބަހައްޓާނެ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު