ޚަބަރު

މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތަކަށް ރިފްއަތު އެދިވަޑައިގެންފި

މުހައްމަދު އިޝާން

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް މަޖިލީހަށް ހާޒިރުވެ އަނގަބަހުން ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އެދިވަޑައިގެންފިއެވެ.

ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމުގެ ތުހުމަތުކޮށް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ޕީޕީއެމް/ޕީއެންސީ، ޖުމްހޫރީ ޕާޓީ، އެމްއެންޕީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެގެންނެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ މައްސަލާގައި ރިފްއަތު ވަނީ ލިޔުމުން ޖަވާބުދެއްވައިފައެވެ. ނަމަވެސް އެކަމާ މެދު މަޖިލީހުގައި ހިޔާލުތަފާތުވުން އުފެދުމުން އެކަން މަޑުޖައްސާލައްވައި މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ނަޝީދު ނިންމެވީ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯއްދެވުމަށެވެ.

ނަޝީދަށް އެޑްރެސް ކުރައްވާ ރިފްއަތު މިއަދު ފޮނުވި ސިޓީއެއްގައި ވިދާޅުވީ ލިޔުމުން ދިފާއު ހުށަހެޅުއްވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ބިނާކޮށްފައިވާ މައިގަނޑު މައްސަލައަކީ އޭގައި ގިނަ ވާގިއާތަކެއް އަދި ގާނޫނީ ނުކުތާތަކެއް އެކުލެވޭ މައްސަލައެއް ކަމަށްވާތީ ކަމަށެވެ. އަދި އެކަމުގައި އޭނާ އަމަލުކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަމުންދާތީ އެކަން އެންމެ ތަފުސީލީ ގޮތެއްގައި ރައްޔިތުންނަށް ހާމަކޮށްދިނުމަށް ކަމަށްވެސް ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވީ, ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާ ނިމިގެންދިޔަ އިރުވެސް ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު އޭނާއަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

"އަޅުގަނޑުގެ ދިފާއުގައި އަނގަބަހުން މަސައްކަތްކުރުމަށް ލިބިދީފައިވާ ހައްގުވެސް އިހްތިޔާރުކޮށް, ރައްޔިތުންގެ މަޖިލީހުގައި އެ މައްސަލައިގެ ބަހުސް އޮންނަ ދުވަހު އެ މަޖިލީހަށް ހާޒިރުވެ, އެ ބަހުސްގައި އަނގަބަހުން ދިފާއުވުމުގެ ފުރުސަތު ހަމަޖައްސަވައިދެއްވުމަށް ދަންނަވަމެވެ," ރިފްއަތުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.