ރައްޔިތުންގެ މަޖިލިސް

ކޮމެޓީތައް ހުއްޓުމަކަށް، މަޖިލީހުގައި ޖެއްސުމާއި ޒުވާބު އެކަނި، އަހަރެމެން މެންބަރުން ހޮވީ މިކަމަށްތަ؟

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔައީ 27 އޭޕްރީލްގައެވެ. ޗުއްޓީއަށް ދިއުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، މަޖިލީހުގެ ކޮމިޓީތަކުގައި ހުރި ބިލުތަކުގެ މަސައްކަތް ނިންމެވުމަށް އެދިވަޑައިގެންފައެވެ.

ފުރަތަމަ ދައުރުގެ މަސައްކަތްތައް ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔަ އިރު، މިދިޔަ އަހަރުގެ ތިންވަނަ ދައުރުން ލިބުނު 20 ބިލާއި މިއަހަރު ހުށަހެޅި 11 ބިލާއެކު ޖުމުލަ 31 ބިލު މަޖިލީހުގައި އޮތެވެ. އެ ހުރިހާ ބިލަކީވެސް ސަރުކާރުން ހުށަހަޅާފައިވާ ބިލުތަކެވެ. ނަމަވެސް ފުރަތަމަ ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ދިޔައިރު ފާސް ކުރެވިފައިވަނީ އެންމެ ދެ ބިލެވެ. އެހެންކަމުން 29 ބިލު މަޖިލީހުގައި އެބަ އޮތެވެ. އެ ބިލުތަކުގެ ތެރެއިން ފަސް ބިލު މަޖިލީހުގެ ތަޅުމުގައި އޮތް އިރު، ކޮމިޓީ މަރުހަލާގައި އޮތީ 24 ބިލެވެ.

ކުރީ ދައުރުގެ 11 ގަރާރާއި ފުރަތަމަ ދައުރުގައި މެންބަރުން ހުށަހެޅުއްވި 19 ގަރާރާއެކު މަޖިލީހުގައި 30 ގަރާރު އޮތް އިރު، ފުރަތަމަ ދައުރުގައި ނިންމާލެވުނީ އެންމެ ހަތް ގަރާރުގެ މަސައްކަތެވެ. 13 ގަރާރު މަޖިލިސް ތަޅުމުގައި އޮތް އިރު، 10 ގަރާރު އޮތީ ކޮމިޓީ މަރުހަލާގައެވެ. އެހެންކަމުން މަޖިލިސް ތަޅުމުގައި އޮތީ އެންމެ ތިން ގަރާރެވެ. މި ހުރިހާ ގަރާރުތަކަކީވެސް ސަރުކާރުގެ އެކިއެކި މަސައްކަތްތަކާ ގުޅިގެން ސަރުކާރާ ދެކޮޅު މެންބަރުން ހުށަހަޅުއްވާފައިވާ ގަރާރުތަކެވެ.

ކުރީ ދައުރުގައި އޮތް އެއް މައްސަލަ އާއި، ފުރަތަމަ ދައުރުގައި ހުށަހެޅި 12 މައްސަަލައާއެކު ސަރުކާރުން މަޖިލީހަށް ހުށަހެޅި މައްސަލަތަކުގެ އަދަދު 13 ގައި ހުރި އިރު، ނިންމާލެވުނީ 10 މައްސަލައެކެވެ. އެއް މައްސަލަ މަޖިލިސް ތަޅުމުގައި އޮތް އިރު، ކޮމެޓީ މަރުހަލާގައި އޮތީ ދެ މައްސަލައެވެ.

މަޖިލީހުގެ ފުރަތަމަ ދައުރުގައި މެންބަރުން ހުށަހެޅުއްވި ކުއްލި 10 މައްސަލަ ވަނީ ނިންމާލައިފައެވެ. ކުރީ ދައުރުގެ ދެ މައްސަލައާއި ނިމުނު ދައުރުގައި ހުށަހެޅި އެއް މައްސަލައާއެކު މަޖިލީހުގެ ރިޔާސަތުން ހުށަހެޅި ދެ މައްސަލައިގެ ތެރެއިން އެއް މައްސަލަ، ނިމުނު ދައުރުގައި ނިންމާލާފައިވާ އިރު، ކޮމިޓީ މަރުހަލާގައި ދެ މައްސަލަ އޮތެވެ.

މަޖިލީހަށް މެންބަރުން ހުށަހެޅުއްވި މައްސަލަތަކުގެ ތެރެއިން ކުރީގެ ދައުރުގެ ފަސް މައްސަލައާއި ފުރަތަމަ ދައުރުގައި ހުށަހެޅުއްވި އެއް މައްސަލައާއެކު ޖުމުލަ ހަ މައްސަލަ ހިމެނޭ އިރު، ނިމުނު ދައުރުގައި އެއް މައްސަލަ ނިންމިއެވެ. އަނެއް 5 މައްސަލަ އޮތީ ކޮމިޓީ މަރުހަލާގައެވެ.

ނަތީޖާ ދަށް ދައުރެއްގެ ގޮތުގައި މަޖިލީހުގެ ފުރަތަމަ ދައުރު، 38 ޕަސެންޓް މަސައްކަތާއެކު ނިންމައިލުމާއި، ބިލުތައް އަވަސް ކުރުމަށް މަޖިލީހުގެ ރައީސް ކޮމިޓީތަކުގެ ކިބައިން އެދިވަޑައިގަތުމާއެކު، މަޖިލީހުގެ ދެވަނަ ދައުރާއެކު މަސައްކަތްތައް އަވަސްކޮށް ގިނަ ބިލުތަކެއްގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް އުއްމީދު ކުރެވުނެވެ. އެއީ ފުރަތަމަ ދައުރު ނިމުނުއިރު، އަވަސްކުރަން އިސްކަން ދީގެން ސަރުކާރުން ހުށަހަޅާފައިވާ މުހިއްމު ބިލުތަކެއް މަޖިލީހުގައި އޮތުމާ އެކުގައެވެ.

މަޖިލީހުގައި ހުރި އަވަސްކުރަން ޖެހޭ ބިލުތައް:

މަޖިލީހުގައި ހުރި ބިލުތަކުގެ ތެރެއިން އަވަހަށް މަސައްކަތް ނިންމަންޖެހޭ މުހިންމު ބިލުތަކުގެ ތެރޭގައި، ކޮތަޅާބެހޭ ބިލު ހިމެނެއެވެ. އެއީ ޕްލާސްޓިކް ކޮތަޅުން އަގު ނަގަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުނި މެނޭޖް ކުރުމާ ބެހޭ ގާނޫނާ ގުޅިގެން ޕްލާސްޓިކު ކޮތަޅުގެ އަގު އިންތިހާއަށް ބޮޑުވުމުން، ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށްޓަކައި ސަރުކާރުން އެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދެވެ.

އޭގެ އިތުރުން ކުރިއަށް މިއޮތް ރިޔާސީ އިންތިހާބާ ގުޅޭ ބިލުތަކެއްވެސް މަޖިލީހުގައި އެބަ ހުއްޓެވެ. އޭގެ ތެރޭގައި، ރިޔާސީ އިންތިހާބަށް ކުރިމަތިލާން އޮންނަ މުއްދަތު އިތުރު ކުރުމަށް، ރިޔާސީ އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ޖުޑީޝަރީ އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބައެއް ބިލުތައް ހިމެނެއެވެ.

މީގެ ތެރެއިން ބައެއް ބިލުތަކަކީ ކޮމިޓީ މަރުހަލާ ނިމި މަޖިލިސް ތަޅުމުން ގޮތެއް ނިންމަން ޖެހިފައިވާ ބިލުތަކެވެ.

ދެވަނަ ދައުރު ފެށުން:

މިމަހުގެ 18 ވީ ބުރާސްފަތި ދުވަހު މަޖިލީހުގެ ދެވަނަ ދައުރު ފެށުނު ނަމަވެސް، ދެވަނަ ދައުރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ބިލަކަށް ބަހުސް ފަށާފައިވަނީ އިއްޔެގެ ޖަލްސާގައެވެ. އެއީ އެހީތެރިޔަކާ ނުލައި ލޯފަން މީހުން އަމިއްލައަށް ވޯޓު ލެވޭ ގޮތް ހަދަން، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަށެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދެވެ.

ވޭތުވެދިޔަ ހުރިހާ ދުވަހަކު މަޖިލިސް ތަޅުމުގައި ކުރިއަށްގެންދިޔައީ، އިދިކޮޅު ފަރާތްތަކުން ކޮންމެ ދުވަހަކު ހުށަހަޅާ ކުއްލި މައްސަލަތަކާއި ގަރާރުތަކުގެ ބަހުސެވެ. ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއިން ފެށިގެން މިއަދާ ހަމައަށް އައިއިރުވެސް، ބަހުސް ކުރުމަށް ޖަލްސާތަކުގެ އެޖެންޑާގެ އެންމެ ކުރީގައި ހިމަނާފައި އޮންނަނީ ސަރުކާރާ ދެކޮޅުވެރި ފަރާތްތަކުގެ ގަރާރުތަކެވެ.

ބިލުތަކަކީ ގާނޫނަށް ގެންނަ އިސްލާހުތަކެއް ކަމަށްވެފައި، ގަރާރުތަކަކީ ހަމައެކަނި ސަރުކާރަށް ގޮވައިލުމާއި އިލްތިމާސްކުރުން ކަމަށްވިޔަސް މަޖިލީހުގެ މަސައްކަތް ކުރިއަށްދަނީ އެގޮތަށެވެ.

އެގޮތުން މި ދައުރުގައި ފުރަތަމަ ބަހުސްކުރަން ޖެހޭ މައްސަލައެއް ގޮތަށް، ފުރަތަމަ ޖަލްސާއަށް އެޖެންޑާ ކޮށްގެން ކުރިއަށްގެންދިޔައީ ވެސް ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާދިނުން އަވަސްކުރުމަށާއި، ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށް ގޮވާލައި، އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސެވެ.

ދެން ކުރިއަށް ގެންދިޔައީ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގެ ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިޔާދަކުރުމަށް ގޮވާލައި، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހަޅުއްވި ގަރާރުގެ ބަހުސެވެ. އެއަށްފަހު އެމްޑީޕީގެ މެނިފެސްޓޯގައިވާ މަސްވެރިކަމުގެ ސިޔާސަތު ސަރުކާރުން ކުރިއަށް ނުގެންދާ ކަމަށް ގޮވާލައި، މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ހުށަހެޅުއްވި ގަރާރުގެ ބަހުސެވެ. އެ ތަރުތީބުން މިއަދާ ހަމައަށް އައިއިރުވެސް ތަޅުމުގައި ބަހުސް ކުރުމަށް މަޖިލިސް ޖަލްސާގެ އެޖެންޑާގެ ކުރިއަށް ހިމަނާފައި އޮންނަނީ އިދިކޮޅު ފަރާތްތަކުން ހުށަހަޅާ މައްސަލަތަކާއި ގަރާރުތަކެވެ.

ކޮމިޓީތަކުން ހުށަހަޅާ ކަންތައްތަކުގެ ގޮތުގައި، ކޮމިޓީތަކުން ނިންމައި މަޖިލިސް ތަޅުމަށް ފޮނުވި މުހިއްމު ބިލުތަކެއް ކޮންމެ ދުވަހަކު އެޖެންޑާ ކުރި ނަމަވެސް އެ މަސައްކަތެއް ކުރިއަކަށް ނުގެންދެއެވެ. އެއީ ކޮމިޓީ މަރުހަލާއިން ނިމި، މަޖިލިސް ތަޅުމަށް ހުށަހަޅައިގެން ވޯޓުން ނިންމަން ޖެހޭ ބިލުތަކެކެވެ. އެއީވެސް މުހިއްމު ބިލުތަކެކެވެ.

އޭގެ ތެރޭގައި ދަރިމައިވުމުގެ މައްސަލަތަކުގެ ފަރުވާއަށް އާސަންދަ ހަމަޖައްސަން ހުށަހެޅި ގަރާރާއި ފަނޑިޔާރުންގެ ގާނޫނަށާއި، ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެއެވެ.

ދެވަނަ ދައުރާއެކު މަޖިލީހުގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައި މިވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުންގެ މެދުގައި އުފެދުނު މައްސަލަގަނޑު ފަޅައިގެން ގޮސް، ރައީސް ނަޝީދުގެ "ފިކުރުގެ ދިރުން" އަށް ތާއީދު ކުރައްވާ 12 މަޖިލިސް މެންބަރުން އެމްޑީޕީން ވަކިވެ ސަރުކާރާ ދެކޮޅަށް ގަދައަށް މަސައްކަތްތަކެއް ފެށުމާއެކުގައެވެ.

އެ މެންބަރުން އެމްޑީޕީން ވަކިވެވަޑައިގެންނެވީ މަޖިލީހުގެ ދެވަނަ ދައުރު ފަށަން އޮތް ދުވަހުގެ ކުރީ ދުވަހު، 17 މެއި ގައެވެ.

އެ މެންބަރުން އެމްޑީޕީން ވަކިވުމާ ގުޅިގެން މަޖިލިސް ތަޅުމުގައި ސިޔާސީ ޕާޓީތަކުގެ މެންބަރުން ތިއްބެވި ނިސްބަތަށް އައި ބަދަލާއެކު، ކޮމިޓީތަކުގައި މެންބަރުން ހިމެނެން ޖެހޭ ގޮތް އަދިވެސް މަޖިލީހުން ފާސްކޮށްފައެއް ނުވެއެވެ. އެހެންކަމުން މަޖިލިސް ކޮމިޓީތަކުގެ މަސައްކަތްތައް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހުއްޓުވައިފައެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ، އެ މެންބަރުން އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެން މަޖިލީހުގެ ދާއިމީ 16 ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލު ކުރައްވާނެ ގޮތް އެ ދުވަހުގެ ޖަލްސާގައި ވޯޓަށް އައްސަވައިގެން ފާސްކުރައްވާނެ ކަމަށެވެ. ނަމަވެސް އެ ދުވަހު އެ މައްސަލައަށް ވޯޓަށް އައްސަވާފައެއް ނުވެއެވެ.

ޖެހިގެން އައި ބުދަ ދުވަހު އެ މަނިކުފާނު ވިދާޅުވީ، "އެ މެންބަރުން އެމްޑީޕީން ވަކިވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ހިމެނޭ ގޮތަށް އައި ބަދަލާއެކު މަޖިލީހުގެ ކޮމިޓީތަކުގައި މެންބަރުން ހިމެނުމަށް ގެންނަން ޖެހޭ ބަދަލާ މެދު ބައެއް ޕާޓީތަކާ އެކު އެއްބަސްވުމަކަށް ނާދެވޭ،" ކަމަށެވެ.

އެހެންކަމުން މިއައި ސިޔާސީ ބަދަލާއެކު، މަޖިލީހުގެ ތަޅުމުގައި ކުރިއަށްދަނީ ޒުވާބު ކުރުމާއި، ހަޅޭއްލެވުމާއި، ޖެއްސުން ކުރުމުގެ މަސައްކަތްތަކެވެ. ނަތީޖާއެއްގެ ގޮތުން ނަން އިއްވައި މަޖިލިސް މެންބަރަކު ޖަލްސާއިން ނުނެރޭ ދުވަހެއް މަދެވެ. މިހާރު މިވަނީ ކޮމިޓީތަކުގެ މަސައްކަތް ހުއްޓި، މަޖިލީހުގެ އަސްލު މަސައްކަތްތައްވެސް ހުއްޓިފައެވެ.

މަޖިލީހުގެ މަސައްކަތްތައް މި ހިސާބުގައި އޮތް ނަމަވެސް ވަޒީފާ ގެއްލޭ ފަރާތްތަކަށް އިންޝުއަރެންސް ހަމަޖެއްސުމުގެ ބިލާއެކު 14 ބިލެއް މި ދައުރުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިމަހު 21 ވަނަ ދުވަހު އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރަށް ހުށަހެޅުމަށް ގަސްދުކުރާ ބިލުތަކުގެ ލިސްޓު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވާފައިވާ ކަމަށެވެ.

ދެވަނަ ދައުރަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލުތައް:

  • ހައްޖާއި އުމުރާގެ ބިލު
  • ފޮރިން އިންވެސްޓްމަންޓްގެ ބިލު
  • ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓިއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ގޭންގު ކުށްތައް މަނާކުރުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މަނީލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
  • ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ވަޒީފާ ގެއްލޭ ފަރާތްތަކުގެ އިންޝުއަރެންސްގެ ބިލު
  • ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޒަކާތުގެ ބިލު

މަޖިލިސް ބަލާ މީހުންނަށް މިހާރު ފެންނަނީ ހިތާމަވެރި މަންޒަރެވެ. ހަމަ އެކަނި ސިޔާސީ ބޭނުމަށް ކަންކަން ހިނގާ ތަނެވެ. ރިޔާސަތުންވެސް އެ ގޮތެވެ. މެންބަރުންވެސް އުޅުއްވަނީ އެގޮތަށެވެ. ހެޔޮ ނިޔަތުގައި ރައްޔިތުންނަށް ޓަކައި ގާނޫނެއް އަވަސްކުރާން މަސައްކަތް ކުރައްވާ ތަނެއް ނުފެނެ އެވެ. އަހަރެމެން މެންބަރުން ހޮވީ އަޅެ ކީއްކުރަން ހެއްޔެވެ؟