މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ ކެމްޕޭން މެނޭޖަަރަކަށް މުހައްމަދު ފަޔާޒް (އެފްއޭ) އަދި ސްޕޯކްސްޕާސަންއަކަށް މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހަމަޖައްސައިފިއެވެ.
އެ ދެ ބޭފުޅުން އެ މަގާމަށް ހަމަޖެއްސީ މިރޭ އެމްއެންޕީން ބޭއްވި ރަސްމިއްޔާތެއްގައެވެ.
ކެމްޕޭން މެނޭޖަރަކަށް ހަމަޖެއްސީ އެފްއޭ އަކީ ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއިން މެލޭޝިއާއަށް ކަނޑައެޅުއްވި ސަފީރެވެ. އޭނާ ވަނީ ޕޮލިސް ކޮމިޝަނަރުގެ މަގާމާއި ހޯމް މިނިސްޓަރުގެ ނައިބުގެ މަގާމުވެސް އަދާކުރައްވައިފައެވެ. އަދި އޭނާ ވަނީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުވެސް މީގެ ކުރިން އަދާކުރައްވައިފައެވެ.
ސްޕޯކްސްޕާސަންގެ މަގާމަށް ހަމަޖެއްސި އުޝާމްއަކީ އެމްއެންޕީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެ ޕާޓީގެ ނައިބު ރައީސްއެވެ. އުޝާމް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް އެޓާނީގެ މަގާމާއި ޑެޕިއުޓީ އެޓާނީ ޖެނެރަލް މަގާމުވެސް އަދާކުރައްވައިފައެވެ.
އެމްއެންޕީން މިދިޔަ ހުކުރު ދުވަހު އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައި ވަނީ ނާޒިމަށް އެ ޕާޓީގެ ޓިކެޓް ހަވާލުކޮށްފައެވެ. އެ ޖަލްސާގައި ނާޒިމްގެ ރިޔާސީ އިންތިހާބުގެ ލޯގާ އަދި ޝިއާރު ލޯންޗުކުރުމަށްފަހު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ރަސްމީކޮށް ފަށައިފައެވެ. ނާޒިމްގެ ރިޔާސީ އިންތިހާބުގެ ޝިއާރަކީ "އުޖާލާޒަމާން" އެވެ.
އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ މަހުގެ 14 ވަނަ ދުވަހަށެވެ. އެ މުއްދަތު ހަމަވި އިރު، ޕްރައިމަރީގައި ވާދަކުރަން ހުށަހަޅުއްވާފައިވަނީ ހަމައެކަނި ނާޒިމެވެ.
އެމްއެންޕީއަކީ ކުރު މުއްދަތެއްގެ ތެރޭގައި ސިޔާސީ ގޮތުން ގިނަ ކާމިޔާބީތަކެއް ހޯދަފައިވާ ޕާޓީއެކެވެ. އެޕާޓީން ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވެސް ވާދަކޮށްފައެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކޮށް އެޕާޓީގެ ބައެއް ކެންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައިވާ ގޮތުން އެމްއެންޕީއަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީތަކުގެ ތެރެއިން ހަތަރު ވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 9،838 އެވެ.