Close
ރިޕޯޓް

ޑިމޮކްރެޓްސް: ނަޝީދު ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ފުރަތަމަ ފިޔަވަޅު!

"ދަ ޑިމޮކްރެޓްސް" އަކީ ރައީސް މުހައްމަދު ނަޝީދުގެ ފިކުރު ކަމާމެދު ސުވާލެއް ނެތެވެ. މި ސުވާލު އުފައްދާނެ މީހަކުވެސް ނެތެވެ. "ފިކުރެއްގެ ދިރުމަކީ ރައީސް ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގެންނެވި ހިސާބުން ފެށިގެން އުފަންވި އެއްޗެކެވެ. އެ ފިކުރަކީ ރައީސް ނަޝީދުގެ ފިކުރުތޯ، ނުވަތަ އެހެން ކަންތައްތަކެއްތޯ، މިއީ މިހާރުގެ އެންމެ ހޫނު ބަހުސެވެ. މަރުވީ ކޮން ފިކުރެއް ހެއްޔެވެ؟ ދިރުވާން މި އުޅެނީ ކޮން ފިކުރެއް ހެއްޔެވެ؟ އެމްޑީޕީގެ އަސްލު ފިކުރަކީ ކޮބައިހެއްޔެވެ؟

ތަންކޮޅެއް ކުރިޔަށް ޖެހިލަމާހެއްޔެވެ. އެއްދުވަސްވަރެއްގައި އެމްޑީޕީގެ ފިކުރަކީ "ލާދީނީ" އެވެ. ގައުމު ވިއްކުމެވެ. 2008 ވަނަ އަހަރު، އޮތް ރިޔާސީ އިންތިހާބަށް ނަޝީދު ވާދަކުރެއްވިއިރު އެ މަނިކުފާނާ ދެކޮޅަށް އެންމެ ގަދަޔަށް ބޭނުންކުރި ހަތިޔާރަކީ "ލާދީނީ" އެވެ. އެކަމަކު އެ ބުނާ "ރަން ތިރީސް" އަހަރުގެ ވެރިކަމަށް ދިވެހީން ފޫހިވެފައި ތިބިލެއް ބޮޑުކަމުން ލާދީނީ ވައިގައި ހިފި މިންވަރު ދަށްވީއެވެ. ރައީސުލްޖުމްހޫރިއްޔާ ކަމަށް ނަޝީދު ހޮވިވަޑައިގަތީއެވެ.

ދެން ކަންތައްވީ ގޮތްވެސް ހަނދާން ނެތޭހާ ދުވަހެއް ނުވެއެވެ. އަނެއްކާވެސް ލާދީނީގެ އަޑު ގަދަވީ އެވެ. އިތުރު އެހެން އަޑުތައް މާ ބޮޑަށްވެސް ގަދަވާން ފެށީ އެވެ. ފެން ކުންފުންޏާއި ދިރާގުގެ ހިއްސާއާ އެކު، "ގައުމު ވިއްކާލީ" ކަމުގެ އަޑު ތަކެވެ. ޖީއެމްއާރަށް ގައުމުގެ މައި ދޮރާށި "ވިއްކާލި" ކަމުގެ ތުހުމަތާއެކު ކަނޑުމަތީގެ ތާރީޚީ ބޮޑު މުޒާހަރާއެވެ. ގައިރު ގާނޫނީ އަމުރުތަކުގެ އަޑުތައް އިންތިހާއަށް އިތުރުވެ، ފުލުހުންނާއި ސިފައިން ދެބައިވެ، އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ހަނގުރާމައަށް ނުކުންނަ ހިސާބަށް މާލޭގައި ބިރުވެރިކަން އުފެދިގެން ދިޔައީއެވެ. ޖުޑިޝަރީއަށް އަތްބޭނުން ބޮޑުވެ، ކުރެވޭ ނުކުރެވޭ ކަމެއް ސާފު ނުވާ ހިސާބަށް ގޮސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައްޔަރުކޮށް ދޫނިދޫއަށް ގެންދިޔައީއެވެ. އެންމެ ފަހުން ފުލުހުންނާއި ސިފައިން ޖުމުހޫރީ މައިދާނަށް އިހުތިޖާޖަށް ނުކުތީއެވެ. އެ މީހުންގެ ފަހަތުން ރައްޔިތުންވެސް ނުކުތީއެވެ. ރައީސް ނަޝީދު އިސްތިއުފާދެއްވީ އެވެ. މިއީ ދާދި މިދާކަށްދުވަހު ނިމިގެން ދިޔަ، ރައީސް ނަޝީދުގެ ވެރިކަމުގެ ތިން އަހަރުގެ ކުރު ހުލާސާ އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައާއި ވެރިކަމުގެ ފަހުން ފެނުނު އެހެއް ބައެއް ކަންކަމުގެ ވާހަކަވެސް ތަފާތެވެ. މުލިއާގެއިން ކޭހުން ކޭހުން ނެރުނު ބަނގުރާތަކާއި ހުސްފުޅިތަކުން ލާދީނީގެ ޓެގު އާވިއެވެ. ދަތުރުފަތުރުގެ ނިޒާމުގެ ނަމުގައި، އެކުވެރީންނަށް ރަށްތައް ބެހިކަމުގެ ތުހުމަތާއެކު ކޮރަޕްޝަނާއި ވައްކަމުގެ އަޑުތައް އިންތިހާއަށް ގަދަވިއެވެ. އާދައިގެ ފެރީގަނޑެއް ބާއްވައި ދޯނިފަހަރުގައި ދިވެހީން އުފުލާގޮތަށް ބައެއް މީހުނަށް ރިސޯޓު ހަދަން ދެ ރަށްތައް ބަހާލިއެވެ. އެތަންތަނަކީ މިއަދު ލަގްޒަރީ ރިސޯޓުތަކެވެ. ފެރީ ހިދުމަތެއްވެސް ނުލިބެއެވެ. ބަޔަކު މަހުޖަނުންނަށް ވުން ފިޔަވައި ވީ އެހެން ކަމެއް ނެތެވެ. މުއައްސަސާ ތަކާއި މިނިސްޓްރީ ތަކުގެ މިނިވަން އޮޑިޓުތައް ނުކުތެވެ. ދިވެހީން ބިރުން ފިއްކަނޑައިގެން ދިޔައެވެ. ރިޕޯޓުތަކުން ފެންނާން ހުރީ މިލިއަނުން މިލިއަނުން ހިންގާފައި ހުރި ވައްކަމާއި ކޮރަޕްޝަނެވެ.

ބަރުލަމާނީ ނިޒާމަކީ ރައީސް ނަޝީދު އެންމެ ފުރަތަމަ ދުވަހުއްސުރެ ފެށިގެންވެސް ވަކާލަތުކުރައްވަމުން ގެންދަވާ ވެރިކަމުގެ ނިޒާމެވެ. ރާއްޖެއަށް އެ ނިޒާމު ގެންނާން ޖެހޭ ކަމަށް އަބަދުވެސް ވަކާލާތު ކުރައްވައެވެ. 2008 ގައި ލިބިވަޑައިގެންނެވި ރައީސްކަން، ފަސް އަހަރުގެ ދައުރު ނިމެންދެން ކުރެއްވުނު ނަމަ، ނިޒާމު ބަދަލުކުރެއްވުމުގެ ހަރަކާތްތައް އެ ވެރިކަމުގައި ހިންގުމުގެ ފުރުސަތު ބޮޑެވެ. ތިން އަހަރުން ވެރިކަން ނިމިގެން ދިއުމަކީ އެ މަނިކުފާނުގެ ބަރުލަމާނީ ހުވަފެންފުޅު ހަގީގަތަކަށް ހަދާން އަމިއްލަފުޅު ވެރިކަމުގައި އޮތް ޕްލޭން ފެއިލި ސަބަބެވެ.

ދެހާސް އަށާރައިގައި އަނެއްކާވެސް އުފެދުނީ އެމްޑީޕީގެ ވެރިކަމެކެވެ. މި ވެރިކަމުގައި ރައީސް ނަޝީދަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިޔާއެވެ.

މަލްޓި ޕާޓީ ނިޒާމުގައި އެއްވެސް ބަޔަކަށް މީގެ ކުރީން ނުލިބޭ ވަރުގެ ސުޕަ މެޖޯރިޓީއަކާ އެކު އައި ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. މިހާ ހިސާބުން އަނެއްކާވެސް ފެށެނީ ނަޝީދުގެ ބަރުލަމާނީ ހުވަފެންފުޅުގެ ވާހަކަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޕްރެޝަރު ކުރައްވާން ފެއްޓެވީ ބަރުލަމާނީއަށް ވެރިކަން ބަދަލުކުރެއްވުމަށެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށެވެ. ނަޝީދަށް ބޮޑުވަޒީރު ކަން، ސޯލިހަށް ރައީސްކަން، ގައުމު ހިންގުން ނަޝީދަށް، ސޯލިހަށް "މަންޒަރު ބައްލަވާން އިންނެވުން" ލިބިވަޑައިގަންނަވާ ގޮތަށެވެ. ކެބިނެޓުގައި ތިއްބަވާނީ މަޖިލީހުގައިވެސް ތިއްބެވި ގާތް ބޭފުޅުންނެވެ. ޒަމާންތަކެއް ވާންދެން އެކުގައި އުޅުއްވި އެކުވެރީންނެވެ. ނަޝީދު ވިދާޅުވާ ގޮތުގައި، މަޖިލީހުގައިވެސް އެބޭފުޅުން، ކެބިނެޓުގައި ވެސް އެބޭފުޅުން ތިއްބެވީމާ މާ ރަނގަޅަށް ސަރުކާރު "އެކައުންޓަބަލް" ކުރެވޭނެ އެވެ.

ރައީސް ސޯލިހުގެ ވެރިކަމަށް މި ވީހާ ދުވަހެއް ނަޝީދާއި އިބޫގެ "ފައިޓް" އަށްވެސް ވެއްޖެ އެވެ. ހަމަ އެއް ފައިޓެކެވެ. އެއް ޒުވާބެކެވެ. ވެރިކަމުގެ މައްސަލަ އެވެ. ބަރުލަމާނީގެ މައްސަލަ އެވެ. ބޮޑުވަޒީރުކަމުގެ މައްސަލަ އެވެ. ބަރުލަމާނީއަށް ތާއީދު ނުކުރައްވާ ނަމަ އެކުގައި ކުރިޔަށް ނުދެވޭނެ ކަމަށް ފާޅުގައި ވިދާޅުވީ އެވެ. ރިޔާސީ އިންތިހާބުގެ ކުރީން ނިޒާމު ބަދަލުކޮށްލައި، ކަންކަން "ހަމަޔަކަށް" އަޅުވާލުމަކީ ނަޝީދުގެ ވިސްނުންފުޅެވެ. ރައީސް ސޯލިހު ހުންނެވީ ގޮތުގައެވެ. ނަޝީދު އެދިވަޑައިގަންނަވާ ގޮތަށް ދީލައި ނުލެއްވީއެވެ. އެއް އުރައެއްގައި ދެ ކަނޑިއަކަށް ނޯވެވޭނެ އެވެ. ނަޝީދަށް ގޮތް ހުސްވީ އެވެ. އެންމެފަހުން ފާޅުގައި ރައީސް ސޯލިހާ ދެކޮޅަށް ނުކުންނެވީ އެވެ.

ނުކުމެވަޑައިގެން ނަޝީދު ދެންވެސް ދެއްކެވީ، އަންނަ ރިޔާސީ އިންތިހާބުގައި އެކުގައި ކުރިޔަށް ވަޑައިގެންނެވޭނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ބޭފުޅަކާ އެކުގައި ކަމެވެ. ގާސިމް އިބްރާހީމާ އެކު ތަފާތު މަޝްވަރާތައް ބޭއްވެވި އެވެ. އެކި ހުށަހަޅުންތައް މޭޒަށް އެރުވި އެވެ. ހުރިހާ އެއްޗެއް ފެއިލިވީ އެވެ. ގާސިމް އަރިހުގައި ވެސް ބަރުލަމާނީ ނުހިނގީ އެވެ. ނަޝީދުގެ ހުށަހެޅުމަކީ ބަރުލަމާނީ އެވެ. ބޮޑު ވަޒީރުކަމެވެ.

ނަޝީދުގެ "ފިކުރެއްގެ ދިރުން" ޓީމުން، "ދަ ޑިމޮކްރެޓްސް" އުފައްދާން އިއުލާނު ކުރަނީ މިހާ ހިސާބުންނެވެ. އެއްވެސް ޝައްކެއް ނެތެވެ. މި ފިކުރަކީ ރައީސް ނަޝީދުގެ ފިކުރެވެ. މި ފިކުރަކީ ބަރުކަމާނީ ވެރިކަމުގެ ފިކުރެވެ. ބޮޑުވަޒީރުކަމުގެ ފިކުރެވެ. އެއްވެސް އެހެން ކެންޑިޑޭޓަކާ އެކު މި ފޯމިއުލާ މަސައްކަތް ނުކުރުމުން އަމިއްލަ ޕްލެޓްފޯމެއްގައި ނަޝީދު ނުކުންނަވަނީ އެވެ. އެއީ މައްސަލައެއްވެސް ނޫނެވެ. އެކަމަކު ސުވާލަކީ ނަޝީދުގެ ހަގީގަތަކަށް ނުވެ އޮތް ހުވަފެންފުޅު، މި ފިކުރުގެ ތެރެއިން ހަގީގަތަކަށް ހަދައިދެވޭނެ ހެއްޔެވެ؟ ޑިމޮކްރެޓްސް އާއި އެކު ރާއްޖޭގެ ނިޒާމު ބަރުލަމާނީއަކަށް ފުރޮޅައިލެވިދާނެހެއްޔެވެ؟ ނަޝީދަށް ބޮޑުވަޒީރުކަމަށް ވަޑައިގެންނެވިދާނެ ހެއްޔެވެ؟ ވާނެ ގޮތެއް ނޭނގެއެވެ. ހަމަގައިމުވެސް އެނގޭން އޮތް ކަމަކީ މިއީ ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ފުރަތަމަ ފިޔަވަޅުކަމެވެ.