އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފިޔަވައި އެ މަނިކުފާނަށް ތާއީދު ކުރާ "ފިކުރެއްގެ ދިރުމުގައި" އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އިތުރު ބައެއް ބޭފުޅުން އެމްޑީޕީން އިސްތިއުފާދެއްވައިފި އެވެ.
ފިކުރުގެ ދިރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ، އެސްޓީއޯގެ ކުރީގެ މެނެޖިން ޑިރެކްޓަރު ހުސެއިން އަމްރު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފިކުރުގެ ގުޅުމަށް ތާއީދު ކުރައްވާ މެންބަރުންނާއެކު އޭނާވެސް އެމްޑީޕީން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
އެ ހުރިހާ ބޭފުޅުން އެމްޑީޕީން ވަކިވުމަށްޓަކައި އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކު މިނިސްޓަރު ފައްޔާޒަށް ފޮނުވާފައިވަނީ އެއް ސިޓީއެއް ކަމަށް "ވަން" އަށް މައުލޫމާތު ލިބިފައިވެއެވެ. އެ ބޭފުޅުން ޕާޓީން ވަކިވެވަޑައިގެންނެވި ސަބަބެއް އެ ސިޓީގައި ބަޔާންކޮށްފައެއް ނުވެއެވެ.
ޗެއާޕާސަން އަށް އެޑްރެސްކުރައްވާފައިވާ އެ ސިޓީގައި ޗެއާޕާސަންގެ ނަން ލިޔެފައެއްނުވެއެވެ. ހަމަ އެކަނި ބުނެފައިވަނީ، "އަހުރެން މިއަދު 17 މެއި 2023 ވީ ބުދަ ދުވަހު ތިޔަ ޕާޓީގެ މެންބަރުކަމުން ވަކިވެއްޖައީމެވެ." މިހެންނެވެ.
- މުހައްމަދު ޝިފާޒް (އެމްޑީޕީގެ ނައިބު ރައީސް)
- އީވާ އަބްދުﷲ (މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު)
- ހަސަން ލަތީފް (ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު)
- އިލްޔާސް ލަބީބް (ހުޅުދޫ ދާއިރާގެ މެންބަރު)
- އިމްތިޔާޒް ފަހުމީ (މާފަންނު އުތުރުދާއިރާގެ މެންބަރު)
- ޔާސިރު އަބްދުއްލަތީފް (ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު)
- މުހައްމަދު ވަހީދު (އުނގޫފާރު ދާއިރާގެ މެންބަރު)
- އިބްރާހިމް ރަޝީދު (މާފަންނު މެދު ދާއިރާގެ މެންބަރު)
- ހަސަން އަފީފް (ވިލުފުށި ދާއިރާގެ މެންބަރު)
- ހުސެއިން ފިރުޝާން (މަޑަވެލި ދާއިރާގެ މންބަރު)
- ހަސަން ޝިޔާން (ތޮއްޑޫ ދާއިރާގެ މެންބަރު)
- މުހައްމަދު ރަޝީދު (މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު)
- އަހްމަދު ޒާހިރު (ގައްދޫ ދާއިރާގެ މެންބަރު)
- ހުސެއިން އަމްރު (އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު)
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓިގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުންގެ މެދުގައި އެންމެ ބޮޑަށް ދެކޮޅުވެރިކަން އުފެދުނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ރައީސް ނަޝީދު ފެއިލްވުމާ ގުޅިގެންނެވެ.
އެއަށްފަހު ފިކުރުގެ ދިރުމުގެ ނަމުގައި އެމްޑީޕީގެ އެތެރޭގައި ފެކްޝަނެއް ހައްދަވައިގެން ރައީސް ނަޝީދު ވަނީ އަމިއްލަ ޕާޓީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް މަސައްކަތް ކުރައްވަން ފައްޓަވައިފައެވެ.
ފިކުރެއްގެ ދިރުމުގެ ބޭފުޅުން މިއަދު އެމްޑީޕީން އިސްތިއުފާދެއްވި އިރު، ރައީސް ސޯލިހު ވަނީ ރޭގެ ވަގުތެއްގައި މުލިއާގޭގައި އެމްޑީޕީގެ ޕީޖީ ގުރޫޕާ ބައްދަލުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު