ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުގެ ކުރީގެ ލީޑަރު އަލީ އާޒިމް އެ ޕާޓިން ވަކިކޮށްފިއެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގައި ހަރަކާތްތެރިވާ މަޖިލީހުގެ ފަސް މެމްބަރަކަށް ފިޔަވަޅު އަޅައިދޭން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) އިން ފިޔަވަޅު އަޅާ ކޮމިޓީގައި މިއަދު ވަނީ އެދިފައެވެ.
މިރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނިންމާފައިވަނީ އާޒިމް ޕާޓީން ވަކިކުރުމަށެވެ. ކޮމިޓީން އެގޮތަށް ނިންމިކަން އެ ކޮމިޓީގެ މެމްބަރަކު ވަނީ "ވަން" އަށް ކަށަވަރުކޮށްދީފައެވެ.
ކޮމިޓީގެ އެ ނިންމުން ރަސްމީކޮށް އާޒިމަށް އަންގާނީ މާދަމާގެ ވަގުތެއްގައެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް "ވަން" އަށް މިރޭ ވިދާޅުވީ އާޒިމަށް ފިޔަވަޅު އެޅުމަށް ހުށަހަޅާފައިވަނީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވުމުން ކަމަށެވެ. އަދި ބާކީ ތިބި މެމްބަރުންނަށް ފިޔަވަޅު އެޅުމަށް ހުށަހަޅާފައިވަނީ އެ މެމްބަރުން މަޖިލީހުގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވުމާއި ވިޕްލައިނާ ހިލާފުވެ، ޕާޓީގެ ގަވާއިދުތަކާ ހިލާފަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ ކަމަށެވެ.
އެ މެމްބަރުންނަކީ އާޒިމްގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރައްވާ މެމްބަރުންނާ މެދު ފިޔަވަޅު އަޅާނެކަމަށް އަސްލަމް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. އަދި އަސާސީ ގަވާއިދާ ހިލާފުވެ، ވިޕްލައިންތަކާ ހިލާފަށް ވޯޓު ދިން މެމްބަރުންނަށްވެސް ވަނީ މީގެ ކުރިން ފިޔަވަޅު އަޅައިފައެވެ.
ވިޕްލައިނާ ހިލާފުވެގެން އިލްޔާސްއާއި ހަސަން ލަތީފާއި ޔާސިރާއި އިންތިއަށް ވަނީ ނަސޭހަތްދީ، ފިޔަވަޅު އަޅައިފައެވެ.
ވިޕާ ހިލާފުވުމުން އެމްޑީޕީން އަޅާ ފިޔަވަޅުތަކަކީ ފުރަތަމަ ފަހަރު ނަސޭހަތްދިނުން، ދެ ވަނަ ފަހަރަށް ނަސޭހަތްދީ، މައާފަށް އެދެން އެންގުން، ތިން ވަނަ ފަހަރު ޕާޓީން ދޭ އިނާޔަތްތައް ކަނޑައިލުން، ހަތަރު ވަނަ ފަހަރު ނަމަ ޕާޓީގެ މަގާމެއްގައި ހުރި މީހެއް ނަމަ ވަކިކުރުމާއި އިންތިހާބެއްގައި ކުރިމަތިލުން އަހަރަކަށް މަނާކުރުން އަދި ފަސް ވަނަ ފަހަރު ނަމަ ޕާޓީން ވަކިކުރުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު