Close
ލިއޮނެލް މެސީ

މެސީއާ ގުޅުން ރަނގަޅުކޮށްފިން، އަނބުރާ ގެންނަން ކުރެވުނު މަސައްކަތެއް ކުރާނަން!

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަނބުރާ ބާސެލޯނާއަށް ގެންދަން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރާނެ ކަމަށް ކްލަބުގެ ރައީސް ޖޮއާން ލަޕޯޓާ ވިދާޅުވެއްޖެއެވެ.

އުމުރުން 35 އަހަރުގެ މެސީއަކީ ބާސާގެ އެންމެ ޝަރަފުވެރި ލެޖެންޑެކެވެ. ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާއެވެ. މެސީ 2021 ވަނަ އަހަރު ޕީއެސްޖީއަށް ބަދަލުވެ، ބާސާއާ ވަކިވެދިޔައީ އެ ކްލަބުގެ ޔޫތު ސިސްޓަމުން ފެށިގެން އެތައް އަހަރެއް ހޭދަކުރުމަށް ފަހުގައެވެ. 2004 ގައި ބާސާގެ ސީނިއާ ޓީމާ ގުޅުމުގެ ކުރިން އޭނާ ވަނީ ތިން އަހަރު ދުވަހު ބާސާގެ ޔޫތު ޓީމުތަކަށްވެސް ކުޅެފައެވެ. އޭގެ ފަހުން މެސީ ވަނީ ބާސާ ޖާޒީގައި 778 މެޗު ކުޅެ، 672 ގޯލު ޖަހައިފައެވެ. ދިހަ ފަހަރަށް ލަލީގާ ކާމިޔާބުކޮށް، އެ ކްލަބާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގުވެސް އުފުލައިލައިފައެވެ. މެސީއަކީ ބާސާ ތާރީހުގައިވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.

ފައިސާގެ ހާލަތު ހުރި ގޮތުން ބާސާއިން މެސީ ދޫކޮށްލީ އެއްބަސްވުން އާ ނުކުރެވިގެންނެވެ. މިހާރު ޕީއެސްޖީގައި ސަޕޯޓަރުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާ މެސީ، މި ސީޒަނަށްފަހު އެ ކްލަބު ދޫކޮށްލާނެ ކަމަށް އިތުބާރު ނޫސްތަކުން ވަނީ ބުނެފައެވެ. މެސީ ހޯދަން ބާސާގެ އިތުރުން ސައުދީ އަރަބިއާގެ އަލް ހިލާލުންވެސް މަސައްކަތް ކުރަމުންދާ އިރު، ބާސާގެ ރައީސް ލަޕޯޓާ ވިދާޅުވީ މެސީއާއެކު ވާހަކަ ދައްކައި، މިހާރު ގުޅުން ރަނގަޅު ކޮށްފައިވާ ކަމަށެވެ.

"އަހަރެން މެސީއާ ވާހަކަ ދައްކައިފިން. ގުޅުން މިހާރު އަލުން ވަނީ ރަނގަޅުވެފައި. އެއީ ހިތްހަމަޖެހުމެއް. އަލް ހިލާލުން ބިޑުކުރި ނަމަވެސް، ބާސާއަކީ ބާސާ. މި ކްލަބަށް އެހެން ކްލަބުތަކާ މާކެޓުގައި ވާދަކުރެވޭނެ. އެހެންނަމަވެސް ފާހަގަކޮށްލަން ޖެހޭ އަރަބިން މިހާރު ފުޓުބޯޅައިގައި ކުރަނީ ރަނގަޅު އިންވެސްޓްމަންޓުތަކެއް. އެހެންނަމަވެސް ބާސާއަކީ މެސީގެ ހޯމް،" ލަޕޯޓާ ވިދާޅުވިއެވެ.

ލަޕޯޓާ އިތުރަށް ވިދާޅުވީ މެސީ ގެންދަން ބާސާއިން ބޭނުންވާ ކަމަށާއި، މެސީއަށް ހުށަހަޅާނީ އާދަޔާހިލާފު ބޮޑު މުސާރައެއް ނޫން ކަމަށެވެ. މެސީ ގެންދަން އިތުރު ޑީލްތައްވެސް ބޭނުންކުރާނެ ކަމަށް ލަޕޯޓާ ވިދާޅުވެފައިވާ އިރު، އޭނާ އިތުރަށް ފާހަގަކުރެއްވީ "ވިއަބިލިޓީ ޕްލޭން" އެއްގެ ބޭނުންކޮށް ޑީލަށް ފަންޑް ކުރަން ވިސްނާ ކަމަށެވެ. އެ ޕްލޭން މިހާރު ލަލީގާއަށް ހުށަހަޅައިފައިވާ ކަމަށްވެސް ލަޕޯޓާ ފާހަގަކުރެއްވިއެވެ.

މެސީ އަނބުރާ ބާސާއަށް ދާން ވިސްނާ ކަމަށް ދާދިފަހުން ވަނީ ގިނަ މީޑިއާތަކަކުން ބުނެފައެވެ. ޕީއެސްޖީއަށް ކުޅެމުންދާ މެސީ، އެ ކްލަބަށް ބަދަލުވި ފަހުން ދެ ފަހަރަކަށް ބާސާއަށް ގޮސް، އެ ކްލަބަށް ކުޅެމުންދާ އެކުވެރިންނާ ބައްދަލުކުރި ކަމަށް މީޑިއާތަކުގައި ވާހަކަ ތިލަވެފައިވާ އިރު، އެންމެފަހުން ދިޔަ ދަތުރުގައި މާ ގިނައިން ލަގެޖް ގެންދިއުމުންވެސް މެސީ އަނބުރާ ބާސާއަށް ދާން ނިންމާފައިވާ ކަމަށް ބައެއް ނޫސްވެރިން ވަނީ ރިޕޯޓުކޮށްފައެވެ.