އާޖެންޓީނާއިން މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި އަލްޖީރިއާ ކޮޅަށް ޖެހި ފުރަތަމަ ގޯލާއެކު ރޮވުނު ކަމަށާއި، އެއީ ފުޓުބޯޅައާ ގުޅުންހުރި ކަމެއްގައި ނޫން ކަމަށް ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

އާޖެންޓީނާ މިއަދު ހެނދުނު ކުޅުނު މެޗުން މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އާޖެންޓީނާގެ ތިން ގޯލްވެސް ޖެހީ މެސީއެވެ. އެ ތިން ގޯލާއެކު މެސީ ވަނީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލް ޖެހުމުގެ ރެކޯޑު އޮތް ޖަރުމަނުގެ މިރްސްލާވް ކްލޯސާގެ ރެކޯޑާ ހަމަކޮށްފައެވެ. އެއީ 16 ގޯލާއެކުގައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މެސީ ބުނީ ރޭގެ ފުރަތަމަ ގޯލަށްފަހު ރޮވުނީ ދިމާވި އުނދަގޫ ހާލަތްތަކެއްގެ ސަބަބުން ކަމަށެވެ.

"އަހަންނަށް ރޮވުނު ފުރަތަމަ ގޯލަށްފަހު. އެއީ ފުޓުބޯޅައާ ގުޅުންހުރި ކަމެއްގައެއް ނޫން. އަހަރެން ވޯލްޑް ކަޕަށް ނުކުތީ ބައެއް އުނދަގޫ ދުވަސްތަކަކަށްފަހު. އަހަރެން އެކަމުން އަރައިގަތުމުގައި އާޖެންޓީނާގެ ޑެލިގޭޝަނާއި ޓީމްގެ ހުރިހާ ކުޅުންތެރިން އަދި އެހެން ހުރިހާ އެންމެންވެސް ވެދިން އެހީތެރިކަމަށް ޝުކުރު އަދާކުރުން،" މެސީ ބުންޏެވެ.

މެސީ އިތުރަށް ބުނީ ފުޓުބޯޅައަކީ އޭނާގެ ހަޔާތް ކަމަށާއި، ރަނގަޅު ފޯމުގައި ހުންނަ އިރު، އަބަދުވެސް ދަނޑުމަތީގައި ދެވެން އޮތް އެންމެ ރަނގަޅު ޕާފޮމަންސެއް ދޭނެ ކަމަށެވެ.

މިއީ މެސީގެ ހަވަނަ ވޯލްޑް ކަޕެވެ. މިއަދު ކުޅުނު މެޗާއެކު އޭނާ ވެފައި ވަނީ ހަ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާއެވެ. އޭގެ އިތުރުން އޭނާއަކީ ވޯލްޑް ކަޕްގައި އާޖެންޓީނާއަށް ގޯލް ޖަހައިދިން އެންމެ ޒުވާން އަދި އެންމެ ދުވަސްވީ ކުޅުންތެރިޔާވެސް މެއެވެ.