އަލްޖީރިއާއިން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ގްރޫޕް ސްޓޭޖު ފުރަތަމަ މެޗުގައި ހުރި ރެފްރީގެ މައްސަލަ ރަސްމީކޮށް ހުށަހަޅައިފިއެވެ.
ހަބަރުތައް ބުނީ އަލްޖީރިއާއިން ފީފާގެ ރެފްރީން ކޮމިޝަނަށް ހާއްސަ ސިޓީއެއް ފޮނުވާފައިވާ ކަމަށާއި، އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ދައްކަން ޖެހޭ ރަތް ކާޑެއް ނުދެއްކުން ކަމަށެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި މެސީ، ފަހަތުން ގޮސް، އަލްޖީރިއާގެ އައީސާ މަންޑީ ފައިގެ ކުޑަ ކަޅުވާގައި ބޫޓުން ޖަހާފައިވާ ކަމަށާއި، އެއީ ރަތް ކާޑެއް ކަމަށް އަލްޖީރިއާއިން ފާހަގަ ކޮށްފައިވާ ކަމަށް ނޫސްތައް ބުނެއެވެ.
އޭގެ އިތުރުން އާޖެންޓީނާގެ މިޑްފީލްޑަރު މެކް އަލިސްޓާ، އަލްޖީރިއާގެ އިބްރާހީމް މާޒާ މޫނު މަތީގައި އުޅަނބޮށިން ޖެހި ކަމަށާއި އެ ހާދިސާއަށްވެސް ރެފްރީ ބަލާފައި ނުވާ ކަމަށް އަލްޖީރިއާއިން ފާހަގަކޮށްފައިވެއެވެ.
އާޖެންޓީނާއާއި އަލްޖީރިއާ ވާދަކުރި މެޗުގެ ރެފްރީއަކީ ޕޮލެންޑްގެ ޒީމޮން މަރްސިނިއާކެވެ. އެއީ ގަތަރު ވޯލްޑް ކަޕްގެ ފައިނަލް މެޗުގައިވެސް ރެފްރީކަން ކުރި ރެފްރީއެވެ. އެމެޗުގައި އާޖެންޓީނާއިން ވަނީ ޕެނަލްޓީގައި ފްރާންސް ބަލިކޮށްފައެވެ.
މެސީއަށް ރަތް ކާޑު ދައްކަން ޖެހޭ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަޑު އުފުލާފައިވެއެވެ. އެކަމާ ގުޅިގެން ބައެއް ވީޑިއޯތައްވެސް ދައުރުވެފައިވާ އިރު، މެސީއަށް ކާޑު ނުދެއްކުމުން ބައެއް އެހެން ކޯޗުންވެސް ފާޑު ކިޔާފައިވެއެވެ.
އެގޮތުން ދެކުނު އެފްރިކާ މިޑްފީލްޑަރު ތެމްބާ ވޭންއަށް ފުރަތަމަ މެޗުގައި ދެއްކި ރަތް ކާޑާއެކު ތިން މެޗަށް ސަސްޕެންޑް ކުރަން ފީފާއިން ނިންމާފައިވުމާއެކު ދެކުނު އެފްރިކާ ކޯޗު ހޫގޯ ބްރޫސް ވަނީ މެސީއާއި އެހެން ކުޅުންތެރިންނާ ތަފާތު ކުރާ ކަމަށް ބުނެފައެވެ.
މެސީ ވަނީ އަލްޖީރިއާ މެޗުގައި ހެޓްރިކް ހަދައިފައެވެ. އުމުރުން 38 އަހަރުގެ މެސީ އަކީ ވޯލްޑް ކަޕް މެޗުގައި ހެޓްރިކެއް ހެދި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް