ފީފާ ވޯލްޑް ކަޕް 2026 ގެ ފޯރިގަދަވެފައިވާ އިރު، މުބާރާތުގެ އެންމެ ބޮޑު އެއް ވާހަކައަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ ފެށުމެވެ. މުބާރާތުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި މެސީގެ ހެޓްރިކާއެކު އަލްޖީރިއާގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރި ހޯދައި، މެސީ ވަނީ އޭނާއަކީ ފުޓުބޯޅައިގެ ތާރީހުގައި އެންމެ މޮޅު އެއް ކުޅުންތެރިޔާކަން އަނެއްކާވެސް ސާބިތުކޮށްދީފައެވެ. އަދި ވޯލްޑް ކަޕްގެ 16 ގޯލާއެކު މެސީ ވަނީ، މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ޖަރުމަން ލެޖެންޑް މިރޮސްލާވް ކޮލޯޒާގެ ރެކޯޑާ އަރައި ހަމަކޮށްފައެވެ. މެސީގެ މޮޅު ކުޅުމާއެކު، ދެން މުޅި ފުޓުބޯޅަ ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވަނީ ޒަމާނީ ފުޓުބޯޅައިގެ އަނެއް ލެޖެންޑް ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ.

ޑީއާރް ކޮންގޯއާ ދެކޮޅަށް މިރޭ ޕޯޗުގަލް ނުކުންނަ އިރު، ރޮނާލްޑޯއަށް އޮތް ޕްރެޝަރު ވަރަށް ބޮޑެވެ. އުމުރުން 41 އަހަރުގެ ރޮނާލްޑޯ މިފަހަރު މި ކުޅެނީ އޭނާގެ ހަވަނަ ވޯލްޑް ކަޕްގައެވެ. މިއީ ފުޓުބޯޅައިގެ ތާރީހުގައި ވަރަށް މަދު ކުޅުންތެރިއަކަށް ނޫނީ ހާސިލުކުރެވިފައިނުވާ ފަހުރެކެވެ. މި މުބާރާތާ އޭނާ ކުރިމަތިލަނީ އާ ރެކޯޑަކަށް އަމާޒު ހިފައިގެންނެވެ. އެއީ ފީފާ ވޯލްޑް ކަޕްގެ ހަ މުބާރާތެއްގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދުމަށެވެ. މި ރެކޯޑު މުގުރާލުމުގެ ފުރުސަތު އޭނާއަށް އޮތް ނަމަވެސް، ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތުގައި އޭނާއަށް އަދިވެސް ތަފާތު ދެއްކިދާނެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

މެސީއާ ހިލާފަށް ރޮނާލްޑޯއަށް އޮތީ ތަފާތު ގޮންޖެހުމެކެވެ. މެސީގެ ފެށުން އައީ މުޅި ޓީމުގެ ވަރުގަދަ ކުޅުމަކާއެކުގައެވެ. ނަމަވެސް ރޮނާލްޑޯ ބޯޅައިގައި ޖެހޭ ކޮންމެ ފަހަރަކާއި، ގެއްލޭ ކޮންމެ ފުރުސަތަކާއި، އަދި އޭނާ ނިންމާ ކޮންމެ ނިންމުމަކަށް ފާޑުކިޔުންތެރިންގެ ނަޒަރު ހުއްޓޭނެއެވެ. ޕޯޗުގަލްގެ ސަޕޯޓަރުންގެ މެދުގައިވެސް ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. އެއްބަޔަކު ދެކޭ ގޮތުގައި އޭނާއަކީ އަދިވެސް ޓީމުގެ އެންމެ ނުރައްކާތެރި ހަތިޔާރެވެ. އަނެއްބަޔަކު ގަބޫލުކުރާ ގޮތުގައި ޓީމުން ދެން ބަރޯސާވާންވީ ޒުވާން ކުޅުންތެރިންނަށެވެ.

މި ޕްރެޝަރުތަކާއެކުވެސް ރޮނާލްޑޯއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޕޯޗުގަލް ސްކޮޑުގެ ވަރުގަދަކަމެވެ. މިއީ ފަހުގެ ތާރީހެއްގައި ޕޯޗުގަލުން އެކުލަވާލި އެންމެ ހުނަރުވެރި އަދި އެންމެ ފުރިހަމަ ސްކޮޑެވެ. ކޯޗު ރޮބާޓޯ މާޓިނޭޒްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ މެދުތެރޭގައި އުފެއްދުންތެރި އަދި ކުޅުން ކޮންޓްރޯލްކުރާނެ މޮޅެތި ކުޅުންތެރިން އެބަތިއްބެވެ. ބްރޫނޯ ފެނާންޑޭޒްއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޕްލޭމޭކަރެވެ. ބެނާޑޯ ސިލްވާގެ ފަރާތުން ވިސްނުންތެރިކަމާއި ޓެކްނިކަލް މޮޅު ކުޅުމެއް ފެނިގެންދެއެވެ. މީގެ އިތުރުން ވިޓީނިއާ އަދި ޖާއޯ ނެވޭސް ފަދަ ކުޅުންތެރިންގެ ސަބަބުން ޓީމުގެ މެދުތެރެއަށް ވަނީ އިތުރު ހަކަތައަކާއި އުފެއްދުންތެރިކަމެއް ލިބިފައެވެ.

ޓީމުގެ ފެންވަރު ރަނގަޅީ ހަމައެކަނި މެދުތެރެއަކުން ނޫނެވެ. ޑިފެންސް ލައިން ބަލަހައްޓަން ރުބެން ޑިއާސް ހުރި އިރު، ނޫނޯ މެންޑޭސް ވަނީ ދުނިޔޭގެ އެންމެ މޮޅު އެއް ފުލްބެކަށް ވެފައެވެ. މީގެ އިތުރުން ފުލްބެކް ޖާއޯ ކެންސެލޯ ވެސް ޓީމުގައި ހިމެނެއެވެ. އަރިމަތިން ކުޅޭ ރަފައެލް ލެއާއޯ އަދި ޕެޑްރޯ ނެޓޯ ފަދަ ކުޅުންތެރިންނަކީ ބާރު ދުވެލީގައި ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ކުޅުންތެރިންނެވެ.

ގިނަ އެނަލިސްޓުން ގަބޫލުކުރާ ގޮތުގައި ޕޯޗުގަލްގެ ސްކޮޑަކީ މުޅި މުބާރާތުގައިވެސް އޮތް އެންމެ ވަރުގަދަ އެއް ސްކޮޑެވެ. އަދި އެއީ ތަށި ހޯދުމުގެ ފުރުސަތު ބޮޑު ޓީމެކެވެ. ޕޯޗުގަލް ހިމެނޭ ގްރޫޕްގައި ކޮލަމްބިއާ، ޑީއާރް ކޮންގޯ އަދި އުޒްބެކިސްތާން ހިމެނޭ އިރު، މިއީ ފުރުސަތުތަކަކާއި ނުރައްކާތަކެއްވެސް އެކުލެވޭ ގްރޫޕެކެވެ. ޑީއާރް ކޮންގޯއާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެވިއްޖެނަމަ، މުބާރާތުގައި ކުރިއަށްދިއުމަށް ޓީމަށް އިތުރު އިތުބާރެއް ލިބިގެންދާނެއެވެ.

ރޮނާލްޑޯއަށް މި ވޯލްޑް ކަޕަކީ ހަމައެކަނި މެޗުތަކަކުން މޮޅުވުމަށްވުރެ މާ މުހިންމު މުބާރާތެކެވެ. މިއީ އޭނާގެ ފުޓުބޯޅައިގެ ކެރިއަރާ ގުޅިފައިވާ ކަމެކެވެ. މުބާރާތުގެ ފުރަތަމަ ބުރުގައި މެސީ ވަނީ އޭނާގެ ފެންވަރު ސާބިތުކޮށްދީފައެވެ. މިހާރު މުޅި ދުނިޔެ އިންތިޒާރުކުރަމުން ދަނީ ރޮނާލްޑޯގެ ފަރާތުން ފެންނާނެ ކުޅުމަކަށެވެ. އެންމެ މެޗެއްގައި ދައްކާލާ މޮޅު ކުޅުމަކުންވެސް ފާޑުކިޔުންތެރިންގެ އަނގަ ބަންދުކޮށްލެވިދާނެއެވެ. އަދި ޕޯޗުގަލަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގެ އުންމީދު އާކުރެވިދާނެއެވެ. ނަމަވެސް ފެށުން ގޯސްވެއްޖެނަމަ، ޓީމުގައި އޭނާގެ ދައުރާ މެދު އުފެދިފައިވާ ބަހުސް އިތުރަށް ހޫނުވެގެންދާނެއެވެ.

އެމެރިކާގެ ހިއުސްޓަންގައި ޕޯޗުގަލުން ދަނޑަށް ނުކުންނަ އިރު، ރޮނާލްޑޯގެ ވޯލްޑް ކަޕްގެ ފަހު ސަފްހާގައި އަދިވެސް ޖާދޫއެއް އެބަހުރިކަން ސާބިތުކޮށްދިނުމުގެ ވަގުތު މިވަނީ ޖެހިފައެވެ. "ގްރޫޕު ކޭ" ގައި ޕޯޗުގަލުން ކޮންގޯއާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގަޑިން މިރޭ 10:00 ގައެވެ.