އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ބައްޕަ، ޖޯޖް މެސީ ބަލިވެގެން ފަރުވާ ދެމުން އަންނަ ކަމަށާއި، އެކަން މީޑިއާއަށް ހާމަކުރި ނަމަވެސް މާބޮޑަށް އެކަމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި އާއިލާއަށް ޕްރައިވެސީ ދޭން އެދިއްޖެއެވެ.

އާޖެންޓީނާއިން މިފަހަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި އަލްޖީރިއާ ކައިރިން މޮޅުވީ 3-0 އިންނެވެ. މެޗުގައި ކެޕްޓަން ލިއޮނަލް މެސީ ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އޭގެ ތެރެއިން ފުރަތަމަ ގޯލާއެކު މެސީއަށް ރޮވުނުތަން ވެސް ފެނުނެވެ.

"ފުރަތަމަ ގޯލަށްފަހު އަހަންނަށް ރޮވުނު. އެއީ ފުޓުބޯޅައާ ގުޅުންހުރި ކަމެއްގައެއް ނޫން. އަހަރެން ވޯލްޑް ކަޕަށް ނުކުތީ އުނދަގޫ ދުވަސްތަކަކަށްފަހު. އަހަރެން އެކަމުން އަރައިގަތުމުގައި އާޖެންޓީނާގެ ޑެލިގޭޝަނާއި ޓީމްގެ ހުރިހާ ކުޅުންތެރިން އަދި އެހެން ހުރިހާ އެންމެންވެސް ވެދިން އެހީތެރިކަމަށް ޝުކުރު އަދާކުރުން،" މެސީ ބުންޏެވެ.

މެސީ އެހެން ބުނެފައި ވަނިކޮށް، އޭނާގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ މެސީގެ ބައްޕަ އަދިވެސް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ކަމަށެވެ. އެހެން ނަމަވެސް ކޮންކަހަލަ ބައްޔެއްގައި ކަމެއް ނުބުނެއެވެ.

މެސީގެ އާއިލާއިން ބުނީ މެސީ ބައްޕައަށް ކުރިމަތިވި ސިއްހީ ހާލަތުގެ ބޭނުންކޮށް، މީޑިއާތަކުން އެއްވެސް ކަހަލަ ބޭކާރު މައުލޫމާތުތައް ނުފެތުރުމަށް އެދޭ ކަމަށެވެ. އެ އާއިލާއިން ބުނީ ޖޯޖުގެ ހާލަތު މިވަގުތު ކޮންމެވެސް ވަރަކަށް ރަނގަޅުވަމުން އަންނަ ނަމަވެސް، އަދި ވަކި އެއްޗެއް ބުނަން ދަތި ކަމަށެވެ.

އާޖެންޓީނާއިން ގްރޫޕް ޖޭގައި ކުޅޭ ދެވަނަ މެޗުގައި ދެން ނުކުންނާނީ އޮސްޓްރިއާއާ ދެކޮޅަށެވެ.

މެސީގެ ބައްޕަ ޖޯޖަކީ މެސީގެ ބައްޕަގެ އިތުރުން އޭނާގެ އެޖެންޓްވެސް މެއެވެ.