އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފަށް އިދިކޮޅު ޕާޓީތަކުގެ މެމްބަރުންނާ ގުޅިގެން މަސައްކަތް ކުރައްވާ އެމްޑީޕީ މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އިން ކަނޑައެޅުމުގެ މައްސަލައިގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އަމަލުކުރެއްވީ ރާއްޖޭގެ ކަނޑުން ބައެއް ގެއްލޭ ގޮތަށް ކަމަށް ބުނެ އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ލީޑަކުރައްވާ ފިކުރެއްގެ ދިރުން، ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި ޕީޕީއެމް/ޕީއެންސީން ކޯލިޝަނުން ވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފައެވެ.
އެ ފަރާތްތަކުން ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ 10 މެމްބަރުންގެ ސޮޔާއެކުގައެވެ. މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވަނީ ޖުމުލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަގުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.
އެކަމާ ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިމުގެ މައްސަލައިގައި ރިފްއަތު ވަކާލާތުކުރެއްވީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން، ބައިނަލްއަގުވާމީ ހަމައިގެ މަތިން ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ކަމަށެވެ.
އެމްޑީޕީން ބުނީ އިމުގެ މައްސަލައިގައި ރިފްއަތު އަދާކުރެއްވި ޒިންމާއާ މެދު ސުވާލު އުފައްދައި އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންޖެހޭ ސަބަބެއް ނެތް ކަމަށާއި އެފަދަ މައްސަލަ މަޖިލީހަށް ހުށަހެޅުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީ ރާވައިގެން ހިންގާ އެ ހަރަކާތުގައި އެމްޑީޕީގެ ބައިވެރިވުމެއް ނެތް ކަމަށް ވެސް ބުންޏެވެ.
"އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލިމަންޓްރީ ގްރޫޕްގެ ގަވާއިދާ ހިލާފަށް, އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ހަރާކާތްތަކުގައި ބައިވެރިވާ މެމްބަރުންނާމެދު ފިޔަވަޅު އެޅޭނެ،" އެމްޑީޕީން ބުންޏެވެ.
ޕީޕީއެމް/ޕީއެންސީގެ މަދު ބަޔަކު، ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ފެއިލްވުމުން، އެ ފަރާތްތަކުން މިހާރު މަސައްކަތް ކުރަނީ ރައްޔިތުންގެ ހިތުގައި ސަރުކާރާ މެދު ނަފުރަތު އުފައްދައި ގައުމުގެ ހަމަޖެހުން ނަގާލައި، ބައިބައިކޮށް، އަމިއްލަ ސިޔާސީ މަންފާ ހޯދަން ކަމަށް އެމްޑީޕީން ބުންޏެވެ.
"ގައުމުގެ ދިފާއުގައި ގޮތެއް ނިންމުމުގައި ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ދީފައި ނުވާ އިން ވަކިކުރުމުގެ މައްސަލައިގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ކުރައްވާފައި ވަނީ ތައުރީފު ހައްގު، ޒިންމާދާރު މަސައްކަތްތަކެކެވެ. މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވެސް ގާނޫނުއަސާސީ އާއި ގާނޫނުތައް ނަގަހައްޓަވައި ބަންޑާރަ ނައިބު މިހާތަނަށް އިސްކުރައްވާފައިވަނީ ގައުމީ މަސްލަހަތެވެ. ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ މައްޗަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފުރިހަމަ އިތުބާރު އެބައޮތް،" އެމްޑީޕީން ބުންޏެވެ.
ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބުވިޔަ ނުދޭނެ ކަމަށާއި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރައްވައި ރިފްއަތު ކުރެއްވި މަސައްކަތާ ގުޅުވައި ނަގަން އުޅޭ އިތުބާރު ނެތް ކަމުގެ ވޯޓާ ދެކޮޅަށް, އެމްޑީޕީ ޕީޖީ ގްރޫޕު ތިބި ކަމަށް އެމްޑީޕީން ބުންޏެވެ.