ސައުދީ އަރަބިއާގެ އަލް ހިލާލާއެކު ބޮޑު މުސާރައިގެ އެއްބަސްވުމެއްގައި ލިއޮނަލް މެސީ ސޮއިކޮށްފައިވާ ކަމަށް ދެކެވޭ ވާހަކައަށް ރައްދު ދިނުމުގެ ގޮތުން އޭނާގެ އެޖެންޓް އަދި ބައްޕަ ޖޯޖު މެސީ ހާއްސަ ބަޔާނެއް ނެރެފިއެވެ.

އާޖެންޓީނާގެ ކެޕްޓަން އުމުރުން 35 އަހަރުގެ މެސީ، މި ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާ ކަމަށް ނޫސްތަކުން ޔަގީންކޮށްދީފައިވާ އިރު، އޭނާ ސައުދީގެ އަލް ހިލާލާއެކު އަހަރެއްގެ މައްޗަށް 400 މިލިއަން ޕައުންޑް ޖެހޭ އެއްބަސްވުމެއްގައި ސޮއިކުރި ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ހަބަރުތައް ބުނީ ޕީއެސްޖީން މެސީއަށް އާ އެއްބަސްވުމެއް ދޭން ބޭނުންވި ނަމަވެސް، އަލް ހިލާލާއެކު މެސީ ވަނީ މަހެއް ކުރިން އެއްބަސްވުމަކަށް ގޮސްފައި ކަމަށެވެ.

އޭގެ އިތުރުން ބާސާއަށް އަލުން ދިޔުމަށް މެސީ ވާހަކަތަކެއް ދެއްކި ކަމަށްވެސް ބައެއް ނޫސްތަކުން ބުނެފައިވެއެވެ. އަދި މެސީއާ ވާހަކަ ދެކެވުމުންދާ ކަމަށް ބާސާގެ ފަރާތުންވެސް މިދޭތެރެއަކުން ބުނެފައިވެއެވެ.

އެފަދަ ގޮތަކަށް ރިޕޯޓުތައް ކޮށްފައިވީ ނަމަވެސް އެކަންކަން މެސީގެ އެޖެންޓް އަދި ބައްޕަ ޖޯޖު ވަނީ ދޮގުކޮށްފައެވެ. މެސީގެ ފަރާތުން ޖޯޖު ނެރުނު ބަޔާނެއްގައި ބުނީ އެއްވެސް ކްލަބަކާއެކު އެއްވެސް އެއްބަސްވުމަކަށް މެސީ ނުދާ ކަމަށާއި މި ސީޒަން ނިމުމުން ނޫނީ މެސީ ކުރިމަގާ މެދު ކްލަބުތަކާ މަޝްވަރާ ނުކުރާނެ ކަމަށެވެ. އަދި އަނގަބަހުންވެސް އެއްވެސް ކްލަބަކާއެކު އެގްރީމެންޓަކަށް އެއްބަސްވެފައި ނުވާނެ ކަމަށްވެސް ޖޯޖު ބުނެފައިވެއެވެ.

ޖޯޖު ބުނީ މެސީގެ ނަން ބޭނުންކޮށްގެން މަގުބޫލުކަން ހޯދުމަށް އަބަދުވެސް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގައި ގިނަ ފަރާތްތަކުން ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

އާޖެންޓީނާއާ އެކު ދާދިފަހުން ވޯލްޑް ކަޕް ކާމިޔާބުކުރި މެސީ، މިހާތަނަށް ޕީއެސްޖީއާ އެކު ކުޅުނު 71 މެޗުގައި 31 ގޯލު ޖަހައި 34 ގޯލަށް އެސިސްޓް ކޮށްދީފައިވެއެވެ. މެސީގެ ޓްރާންސްފާގެ ވާހަކަ މިހާރު ގަދައަށް ދެކެވެމުންދަނީ އަދަބު ދިނުމުގެ ގޮތުން ޕީއެސްޖީން އޭނާ ސަސްޕެންޑް ކުރުމުންނެވެ.

ކްލަބުގެ ހުއްދަނެތި ސައުދީއަށް ދިޔަ ޕްރޮމޯޝަނަލް ދަތުރެއްގެ ސަބަބުން ޕީއެސްޖީން ދެ ހަފުތާއަށް މެސީ ސަސްޕެންޑް ކޮށްފައިވާ އިރު، މެސީ ވަނީ ފަހުން އެކަމުގައި ކްލަބުގެ ކިބައިން މައާފަށް އެދިފައެވެ. ސަސްޕެންޝަން އުވާނުލި ނަމަވެސް، މެސީ އިއްޔެ ވަނީ ކްލަބާއެކު ތަމްރީނުތަކަށް ނުކުންނަންވެސް ފަށައިފައެވެ.