އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، ގައުމީ ޓީމަށް ކުޅޭ އެންމެ ފަހު މެޗަށް ހާއްސަކޮށް ގައުމީ ޓީމުގެ ޖާޒީ ސްޕޮންސާ، އެޑިޑާސްއިން ހާއްސަ ޖާޒީއެއް ތައްޔާރު ކޮށްފިއެވެ.
އުމުރުން 39 އަހަރުގެ މެސީ، އާޖެންޓީނާ ކެރިއަރު ނިންމާލަން އިއުލާނުކުރީ 21 އަހަރު ކުޅުމަށްފަހުއެވެ. މެސީ ރަސްމީކޮށް އެކަން އިއުލާނުކުރީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. ކޯޗު ލިއޮނެލް ސްކަލޯނީއާއި އާޖެންޓީނާގެ ފެޑަރޭޝަނުގެ އެދުމަށް މެސީ ވަނީ ވަދާއީ މެޗެއް ކުޅެން އެއްބަސްވެފައެވެ. އެއީ ބެނިންއާ ދެކޮޅަށް އޮކްޓޯބަރު ހަވަނަ ދުވަހު ކުޅޭ މެޗެވެ.
އާޖެންޓީނާއިން މިފަހަރު އިންޓަނޭޝަނަލް ބްރޭކްގައި ކުޅޭ ފުރަތަމަ މެޗުގައި ބޮލީވިއާއާ ދެކޮޅަށް ނުކުންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. އެއީ ކޯޑޯބާގައި އޮންނަ މެޗެކެވެ. އޭގެފަހުން ބްވެނޯސް އައިރޭސްގައި އާޖެންޓީނާއިން ބުރްކީނާ ފާސޯއާ ދެކޮޅަށް ކުޅޭނީ އޮކްޓޯބަރު ތިންވަނަ ދުވަހުއެވެ.
މެސީ ކުޅޭ މެޗު، ބެނިންއާ ދެކޮޅަށް އޮކްޓޯބަރު ހަވަނަ ދުވަހު ކުޅޭނީ ރިވާ ޕްލޭޓް ދަނޑުގައެވެ. އެއީ ބްވެނޯސް އައިރޭސްގެ އެސްޓާޑިއޯ މޮނުމެންޓަލްގައެވެ.
އާޖިންޓާއިން ވޯލްޑް ކަޕް ތެރޭގައި ފީފާގެ ޑިސިޕްލިނަރީ ކޯޑާ ހިލާފުވެފައިވާތީ، އެގައުމުގެ ހޯމް ދެމެޗެއް 50 ޕަސެންޓް ސަޕޯޓަރުންނާއެކު ކުޅެން އަންގާފައިވާ އިރު، މެސީ ކުޅޭ މެޗަށް އޮންނާނީ ސަސްޕެންޝަނުން ސަލާމަތްވެފައެވެ. އާޖެންޓީނާ އެފްއޭގެ ރައީސް ކްލައުޑިއޯ ޓާޕިއާ ވިދާޅުވީ މެސީއަކީ ގައުމީ ޓީމުގެ ކެޕްޓަންގެ އިތުރުން ގައުމީ ރަމްޒެއް ކަމަށެވެ. މެސީގެ ވަދާއީ މެޗަށް 2022 ވަނަ އަހަރު ވޯލްޑް ކަޕް ހޯދި ޓީމަށްވެސް ދައުވަތު ދީފައިވާ ކަމަށްވެސް ޓާޕިއާ ވިދާޅުވިއެވެ.
މެސީއަކީ އެޑިޑާސްގެ އެންމެ ބޮޑު އެއް ކްލައިންޓްވެސް މެއެވެ. އޭނާ ގައުމީ ޓީމަށް ކުޅޭ ފަހު މެޗަށް އެޑިޑާސްއިން ތައްޔާރުކުރި ޖާޒީގައި، އުފެއްދި ކުންފުނި ލޯގޯ ޖަހަން ހާއްސަކޮށްފައިވާ ތަނުގައި ޖަހާފައި ވަނީ މެސީގެ ބްރޭންޑް ލޯގޯއެވެ. އަދި ނަމްބަރުތަކާއި އަކުރުތައްވެސް ޖަހާފައި ވަނީ ރަން ކުލައިގައެވެ. އެމެޗުގައި މެސީ ލުމަށް އެޑިޑާސްއިން ހާއްސަ ބޫޓެއްވެސް ތައްޔާރުކުރާނެ ކަމަށް ނޫސްތައް ބުނެއެވެ.
މެސީ ގައުމީ ޓީމަށް ފުރަތަމަ ކުޅުނީ 2005 ވަނަ އަހަރުއެވެ. އެއީ ހަންގޭރީއާ ދެކޮޅަށް އުމުރުން 18 އަހަރުގައެވެ. މެސީގެ މުޅި ކެރިއަރު ހާއްސަވި އޭނާގެ އެޖެންޓް އަދި ބައްޕަ ޖޯޖް މެސީ ދާދިފަހުން މެރުވެފައިވާ އިރު، ގައުމީ ޓީމަށް މެސީ ވަނީ 207 މެޗު ކުޅެ، 125 ގޯލް ޖަހައިފައެވެ.
އާޖެންޓީނާއާއެކު ނާކާމިޔާބީތަކާވެސް މެސީއަށް ކުރިމަތިވެފައިވާ އިރު، އެންމެ ފުރަތަމަ ކާމިޔާބީއަކީ 2008 ވަނަ އަހަރު އޮލިމްޕިކް ރަން މެޑަލްއެވެ. އޭގެފަހުން އުނދަގޫ ދުވަސްތަކެއްގެ ތެރެއިން މެސީ ރިޓަޔާ ވާން ނިންމި ނަމަވެސް، ފަހުން އަނބުރާ ގައުމީ ޓީމަށް ކުޅެން ނުކުތެވެ.
މެސީ، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއާއެކު ހޯދި އިރު، 2014 އަދި 2026 ވަނަ އަހަރު ފައިނަލުގައިވެސް ކުޅުނެވެ. އޭގެ އިތރުން މެސީ ވަނީ އާޖެންޓީނާއެކު ޖެހިޖެހިގެން ދެ ކޮޕާ އެމެރިކާ ކާމިޔާބު ކޮށްފައެވެ.
ރެކޯޑު 8 ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީއަކީ ގިނަ ބައެއްގެ ނަޒަރުގައި ފުޓުބޯޅަ ދުށް އެެންމެ މޮޅު ކުޅުންތެރިޔާއެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ކޮމެންޓް