އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، ގައުމީ ޖާޒީގައި ކުޅޭ އެންމެ ފަހު މެޗުގެ ކުރިން އެގައުމުގެ ޔުނިވާސިޓީ އޮފް ބްވެނޯސް އައިރޭސްއިން މެސީއަށް ރަސްމީކޮށް އޮނޮރަރީ ޑޮކްޓްރޭޓްގެ ޝަރަފު އަރުވައިފިއެވެ.

އުމުރުން 39 އަހަރުގެ މެސީ، އާޖެންޓީނާ ކެރިއަރު ނިންމާލަން އިއުލާނުކުރީ 21 އަހަރު ކުޅުމަށްފަހުއެވެ. މެސީ ރަސްމީކޮށް އެކަން އިއުލާނުކުރީ ސެޕްޓެމްބަރު އެއްވަނަ ދުވަހުއެވެ. އޭގެފަހުން ގައުމީ ޓީމަށް މެޗެއް ނުކުޅޭނެހެން ހީވި ނަމަވެސް، މެސީ ވަނީ މިރޭ ފަތިހު އޮންނަ ވަދާއީ މެޗު ކުޅެން އެގައުމަށް ގޮސްފައެވެ. އެމެޗުގައި އާޖެންޓީނާ ނުކުންނާނީ ބެނިންއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ރާއްޖެ ގަޑިން 4:00 ގައެވެ.

މެސީ ގައުމީ ޓީމަށް ފުރަތަމަ ކުޅުނީ 2005 ވަނަ އަހަރުއެވެ. އެއީ ހަންގޭރީއާ ދެކޮޅަށް އުމުރުން 18 އަހަރުގައެވެ. މެސީގެ މުޅި ކެރިއަރު ހާއްސަވި އޭނާގެ އެޖެންޓް އަދި ބައްޕަ ޖޯޖް މެސީ ދާދިފަހުން މެރުވެފައިވާ އިރު، ގައުމީ ޓީމަށް މެސީ ވަނީ 207 މެޗު ކުޅެ، 125 ގޯލް ޖަހައިފައެވެ.

އާޖެންޓީނާއާއެކު ނާކާމިޔާބީތަކާވެސް މެސީއަށް ކުރިމަތިވެފައިވާ އިރު، އެންމެ ފުރަތަމަ ކާމިޔާބީއަކީ 2008 ވަނަ އަހަރު އޮލިމްޕިކް ރަން މެޑަލްއެވެ. އޭގެފަހުން އުނދަގޫ ދުވަސްތަކެއްގެ ތެރެއިން މެސީ ރިޓަޔާ ވާން ނިންމި ނަމަވެސް، ފަހުން އަނބުރާ ގައުމީ ޓީމަށް ކުޅެން ނުކުތެވެ.

މެސީ، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއާއެކު ހޯދި އިރު، 2014 އަދި 2026 ވަނަ އަހަރު ފައިނަލުގައިވެސް ކުޅުނެވެ. އޭގެ އިތރުން މެސީ ވަނީ އާޖެންޓީނާއެކު ޖެހިޖެހިގެން ދެ ކޮޕާ އެމެރިކާ ކާމިޔާބު ކޮށްފައެވެ.

ރެކޯޑު އަށް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީއާއެކު އާޖެންޓީނާ ގައުމީ ޓީމުން މިރޭ ނުކުންނާނީ މެސީއަށް ހާއްސަ ޖާޒީގައެވެ. މެސީގެ ވަދާއީ މެޗަށް 2022 ވަނަ އަހަރު ވޯލްޑް ކަޕް ހޯދި ޓީމަށްވެސް ދައުވަތު ދީފައިވާ އިރު، މިރޭ މެޗުގެ ކުރިންނާއި މެޗުގެ ފަހުންވެސް ގިނަ ކަންތައްތަކެއް ކުރަން ރާވާފައިވެއެވެ.

އެގޮތުން މެޗަށް ހުރިހާ ސަޕޯޓަރުންވެސް ދަނޑަށް ވަންނަން ނިންމާފައި ވަނީ މެސީ ޖާޒީގައެވެ. އަދި މެޗުގެ 10 ވަނަ މިނެޓުގައި ދެޓީމުގެ ސަޕޯޓަރުންވެސް މެސީއަށް ހާއްސަ ކަމެއް ދޭން ނިންމާފައިވާ އިރު، މާދަމާވެސް ބައެއް ހަރަކާތްތައް ކުރިއަށް ގެންދަން ނިންމާފައިވެއެވެ.