އާޖެންޓީނާ ގައުމީ ޓީމަށް ލިއޮނަލް މެސީ ކުރި މަސައްކަތަށް ފުރިހަމައަށް އިހުތިރާމުކުރާ ކަމަށް ޕޯޗުގަލްގެ ކެޕްޓަން އަދި ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ، އާޖެންޓީނާގެ މެސީ ގައުމީ ޓީމަށް ކުޅުނު އެންމެ ފަހު މެޗު ކުޅުނީ ބުދަ ދުވަހު ފަތިހު ބެނިންއާ ދެކޮޅަށެވެ. އުމުރުން 39 އަހަރުގެ މެސީ، އާޖެންޓީނާ ކެރިއަރު ނިންމާލަން އިއުލާނުކުރީ 21 އަހަރު ކުޅުމަށްފަހު، މިދިޔަ ސެޕްޓެމްބަރު މަހު އެއްވަނަ ދުވަހުއެވެ. އެއީ އަތު ލިޔުމުން ލިޔެ، ސަޕޯޓަރުންނަށް ދޫކޮށްލި ސިޓީއެއްގައެވެ. އެ ސިޓީއާއެކު މެސީ ހުއްޓާލަން ނިންމި ނަމަވެސް، އާޖެންޓީނާއިން އެކަން އެހާ ފަސޭހަކޮށްލަން ބޭނުން ނުވި ކަމަށް ގައުމީ ޓީމުން ބުންޏެވެ. ސިޓީއަކުން ނިންމާލިޔަ ނުދޭން، މެސީއަށް ރޭ ވަނީ ހާއްސަ އަލްވަދާއެއް ކިޔައިފައެވެ.

އަސަރުގަދަ އަލްވަދާއުގެ ފޮޓޯތަކާއެކު މެސީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އާޖެންޓީނާ ޖާޒީގައި ކުރި ދަތުރަކީ ހިތާމައާއި އުފާވެރިކަންވެސް ލިބުނު ވަގުތުތަކެއް ކުރިމަތިވި ދަތުރެއް ކަމަށެވެ. މެސީގެ ޕޯސްޓްގައި ޑިއޭގޯ މަރަޑޯނާގެ ނަންވެސް ފާހަގަކޮށްފައިވާ އިރު، އޭނާ ކުޅުނު ހުރިހާ ކްލަބަކަށްވެސް ޝުކުރު އަދާކޮށްފައިވެއެވެ.

އާޖެންޓީނާ ގައުމީ ޖާޒީގައި 208 މެޗު މެސީ ކުޅެފައިވާ އިރު، މެސީ ފުރަތަމަ ކުޅުނު މެޗަކީ 2005 ވަނަ އަހަރު، އުމުރުން 15 އަހަރުގައި ކުޅުނު މެޗެވެ. އެއީ ހަންގޭރީއާ ދެކޮޅަށެވެ. މެސީއަށް ގައުމީ ޖާޒީގައި އުނދަގޫ ދުވަސްތަކެއް ދިމާވި ނަމަވެސް، 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާއާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން ދެން ޖެހިގެން އައި ކޮޕާ އެމެރިކާވެސް މެސީ ވަނީ ގައުމީ ޓީމާއެކު ކާމިޔާބުކޮށްފައެވެ.

މެސީ ކުރި އިންސްޓަގްރާމް ޕޯސްޓަށް ރޮނާލްޑޯ ކޮމެންޓް ކުރަމުން ބުނީ އަހަރުތަކެއް ވާންދެން ގައުމީ ޖާޒީގައި ވީ ގުރުބާނީތަކަށްފަހު، ރިޓަޔާކުރީ ތާރީހު ލިޔެލާފައި ކަމަށެވެ. އާޖެންޓީނާއައެކު މެސީ ހޯދި ކާމިޔާބީތަކަށް ފުރިހަމައަށް އިހުތިރާމު ކުރާ ކަމަށްވެސް 41 އަހަރުގެ ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯއާއި މެސީއަކީ ފުޓުބޯޅަ ތާރީހު ދުށް އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ދެ ކުޅުންތެރިންގެ ވާދަވެރި ކަމަކީ ފުޓުބޯޅަ ތާރީހުގައިވެސް ފެނުނު އެންމެ ތަފާތު ވާދަވެރިކަމެވެ.

ރޮނާލްޑޯ އަދި ގައުމީ ޓީމުން ރިޓަޔާ ނުކުރި ނަމަވެސް، މިވަގުތު ޕޯޗުގަލްގައި ހުރި ކޯޗު ޖޯޖް ޖީސަސްއާ އޭނާއާ ދެމެދު ވަނީ މައްސަލަތަކެއް ޖެހިފައެވެ.