ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއި ބްރެޒިލްގެ ތަރި ނޭމާ ފަދަ އަގުބޮޑެތި ސުޕަ ސްޓާރުން ގެންދަން ނިއުކާސަލްގައި އަދި މާލީ ގާބިލުކަން ނެތް ކަމަށް ކޯޗު އެޑީ ހޯވް ބުނެފިއެވެ.
ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން 2021 ވަނަ އަހަރު ގަނެ، އާ ވެރިންގެ ދަށުން ހިންގަމުން އަންނަ އިނގިރޭސި ކްލަބު ނިއުކާސަލްއަކީ މިވަގުތު ދުނިޔޭގެ އެންމެ މުއްސަނދި އެއް ކްލަބެވެ. ސައުދީން އެ ކްލަބު ގަތުމަށްފަހު، މިއަދާ ހަމައަށް އެވަރެޖް ރަނގަޅު އިންވެސްޓްމަންޓްތަކެއް ކްލަބަށް ކޮށްފައިވާ އިރު، އެ ޓީމުން ވަނީ ބޮޑެތި ޓްރާންސްފާތަކެއްވެސް ކޮށްފައެވެ.
ހާއްސަކޮށް މި ސީޒަނަށް ރަނގަޅަށް ތައްޔާރުވެ، ނިއުކާސަލްއިން އަންނަނީ ޗެމްޕިއަންސް ލީގު ފުޓުބޯޅައަށް ފުރުސަތު ފަހިކުރަމުންނެވެ. އެޓީމުން މިވަގުތު ލީގު ތާވަލުގެ ތިންވަނައިގައި އޮތް އިރު، ޗެމްޕިއަންސް ލީގު ކަށަވަރު ވެއްޖެނަމަ، ބޮޑެތި ޓްރާންސްފާތަކެއް ކުރާނެ ކަމަށް ބައެއް ހަބަރުތައް ބުނެއެވެ. އެގޮތުން ޕީއެސްޖީ ދޫކޮށްލަން މަސައްކަތް ކުރާ ނޭމާއާއި އަލް ނަސްރުގައި ހުރި ރޮނާލްޑޯ ފަދަ ކުޅުންތެރިންނަށް ނިއުކާސަލްއިން މަސައްކަތް ކުރާ ކަމަށްވެސް ހަބަރުތައް ބުނެއެވެ.
އެފަދަ ވާހަކަތަކެއް މީޑިއާގައި ދެކެވުނު ނަމަވެސް، ކޯޗު ހޯވް ވަނީ އެވާހަކަތަކަށް ރައްދު ދީފައެވެ.
"ރޮނާލްޑޯއާއި ނޭމާ ފަދަ ކުޅުންތެރިން ގެނައުމާ ގާތަށްވެސް އަދި އަހަރެމެންނަށް ހަރަދެއް ނުކުރެވޭނެ. އެއީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން. ނިއުކާސަލްއަކީ އަދި އެ ކުޅުންތެރިންގެ ޓްރާންސްފާ ފީއާއި މުސާރަތައް ދެވޭނެ ކްލަބެއް ނޫން. އަހަރެމެންނަށް ޖެހޭނީ އޭގެ ތިރިން ޒުވާން ކުޅުންތެރިން ގެނެސް، އެ ފެންވަރުގެ ކުޅުންތެރިންނަށް ހެދުމަށް މަސައްކަތް ކުރަން،" ހޯވް ބުންޏެވެ.
ސައުދީން ނިއުކާސަލް ގަތުމަށްފަހު މިހާތަނަށް 250 މިލިއަން ޕައުންޑް ޓްރާންސްފާތަކަށް ހަރަދުކޮށްފައިވާ އިރު، ކީރަން ޓްރިޕިއާ އާއި ބްރޫނޯ ގިމަރޭޝް، ސްވެން ބޮޓްމަން އަދި ނިކް ޕޯޕު ފަދަ ކުޅުންތެރިން ކްލަބަށް ގެނެސްފައިވެއެވެ. އަދި އެންމެ އަގުބޮޑުކޮށް ކްލަބަށް ގެންގޮސްފައި ވަނީ މިދިޔަ ޓްރާންސްފާ ސީޒަނުގައި ގެންދިޔައި އެލެކްސެންޑްރާ އިސާކެވެ.
"ސައުދީން ގަތް ހިސާބުންވެސް އަހަރެމެން ބޮޑެތި ހަރަދުތައްކޮށް، ނޭމާ ކަހަލަ ކުޅުންތެރިން ގެންނަން އުޅޭ ކަމަށް ތަފާތު ވާހަކަތައް ދެކެވުމުން ދިޔަ. އެކަމަކު އަދި މިވީހާ ތަނަށް އެކަހަލަ ގޮތަކަށް ކުޅުންތެރިން ރެކްރޫޓް ކޮށްފައެއް ނުވާނެ. އެއީ ފައިސާގެ ގޮތުންވެސް ބަލާފައި. އަހަރެމެންނަށް ޓްރާންސްފާ މާކެޓް އެއަށްވުރެ އުނދަގޫ. ހަމަ ބުނެލާފައި މިވެނި ކުޅުންތެރިޔަކު ނުގެނެވޭނެ،" ހޯވް އިތުރަށް ބުންޏެވެ.