އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ރ. ފުއްގިރި ކުއްޔަށް ދޫކުރަން، ރިޝްވަތު ދިނުމުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމަށް އެހީތެރިވުމާއި، އެފައިސާއިން މަނީލޯންޑާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދައުވާގައި، އެ ހިޔާނާތުގައި ރިޒާއަށް ލިބުނު ފައިސާގެ ތެރެއިން އޭނާ ބޭނުން ކޮށްފައިވާ ކަމަށްބުނާ ފައިސާ ދައުލަތަށް ނަގަގައި ދިނުމަށް، ދައުލަތުން ކޯޓުގައި އެދިއްޖެއެވެ.

ފުއްގިރި ހިޔާނާތާ ގުޅިގެން ދައުލަތުން ވަނީ ރިޒާއަށް ދެ ދައުވާއެއް ކޮށްފައެވެ. އެ ދެ ދައުވާއަށް އޭނާ ވަނީ އިންކާރުކޮށްފައެވެ.

ރިޒާގެ މައްޗަށް ދައުލަތުން ހުށަޅާފައިވާ ދެ ދައުވާގެ ތެރެއިން އެއް ދައުވާއަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ދިނުމުގައި މެދުވެރިއަކަށް ވުމުގެ ކުށުގެ ދައުވާއެވެ. އަނެއް ދައުވާއަކީ، މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ)ގެ (3) ވަނަ ނަންބަރާ ހަވާލާދީ، އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ)ގެ ދަށުން ކުރާ މަނީލޯންޑަރިންގެ ކުށުގެ ދައުވާއެވެ.

އޭނާގެ މައްޗަށް މި ދައުވާތައް ކޮށްފައި ވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީލޯންޑާ ކުރި ކަމަށް ބުނާ މައްސަލައިގައެވެ.

މިއަދު އޮތީ މި މައްސަލައިގެ އިފްތިތާހީ ބަޔާން އިއްވުމެވެ.

އެ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ރ. ފުއްގިރީގައި ރިސޯޓު ތަރައްގީކުރަން، ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1.1 މިލިޔަން ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އޭގެން ރިޒާއަށް ލިބުނު ފައިސާގެ ތެރެއިން އޭނާ ބޭނުންކޮށްފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދޭކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެ ފއިސާގެ ތެރޭގައި ހިމެނެނީ 232،000 އަށްވުރެ ގިނަ އެމެރިކާ ޑޮލަރެވެ.

މިއަދުގެ އަޑު އެހުމުގައި ދިފާއުންވެސް އިފްތިތާހީ ބަޔާން ހުށަހެޅިއެވެ.

ނަމަވެސް އެކަމަށް ފުރުސަތު ދިނުމުން ރިޒާގެ ދިފާއުން ފުރަތަމަ ނެގީ، ޝަރީއަތް ކުރިއަށް ގެންދިއުމަށް އިއުތިރާޒު ކުރާ ނުކުތާއެކެވެ. ބުނީ، އެގޮތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާތީ ދަށު ކޯޓުގެ އަޑުއެހުންތައް މަޑުޖައްސައިލުމަށް ރިޒާގެ ފަރާތުން ހުށަހަޅާފައިވާނެ ކަމަށެވެ.

ނަމަވެސް ގާޒީ އަލީ ނަދީމް ވިދާޅުވީ، ދިފާއުން އިސްތިއުނާފު ކޮށްފައިވާ ފަސް ނުކުތާގެ ތެރެއިން ތިންނުކުތާއަކީ ދައުވާ އުފުލުމާ ގުޅޭ ނުކުތާތަކެއް ކަމަށާއި، އެ ނުކުތާތައް ސުޕްރީމް ކޯޓުން ބަލައިގަނެ ދައުވާ ބާތިލުކޮށްފިނަމަ އެ ހިސާބުން މި މައްސަލަ ވެސް ނިމޭނެ ކަމަށެވެ. އަދި ދެން ހިމެނެނީ ހެކިތަކާ ގުޅޭ ހުށައެޅުންތަކެއް ކަމަށާއި، އެ ނުކުތާތަކުގައިވެސް ސުޕްރީމް ކޯޓުން ނިންމާ ގޮތެއްގެ މަތިން ފުރުސަތު ލިބިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.