ރާއްޖެ އާއި ޕާކިސްތާނާ ދެމެދު 20 އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އެ އެމްއޯޔޫތަކުގައި ސޮއިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ޕާކިސްތާނަށް ފެއްޓެވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ބޮޑުވަޒީރުގެ ރަސްމީގެކޮޅުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ސޮއިކުރި އެމްއޯޔޫގެ ދާއިރާތައް

  • ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުތައް ފެށުމާ ގުޅޭ ގޮތުން
  • ރާއްޖޭގައި މެޑިކަލް ސްކޫލެއް އިމާރާތް ކުރުމާ ގުޅޭ ގޮތުން
  • ސައިބާ ސެކިއުރިޓީއާ ގުޅޭ ގޮތުން
  • މަސްތުވާތަކެތި ސްމަގްލް ކުރުމާ ދެކޮޅަށް މަސައްކަތް ކުރުމާ ގުޅޭ ގޮތުން
  • އިޖުތިމާއީ ރައްކާތެރިކަމާއި ސިއްހީ ދާއިރާ އިން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން
  • ދިފާއީ ކަންކަމާ ގުޅޭ ގޮތުން
  • ކަނޑުމަތީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން
  • މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭ ގޮތުން
  • ޒުވާނުންނާ ކުޅިވަރާ ގުޅޭ ގޮތުން
  • ތިމާވެށީގެ ގޮތުން ގުޅުން ބަދަހިކުރުން
  • ތިމާވެއްޓާ ގުޅޭ ގޮތުން
  • ފަތުރުވެރިކަމުގެ ދާއިރާ

ރައީސްގެ މި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސަރުކާރުގެ ބައެއް މިނިސްޓަރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އަދި ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ޕާކިސްތާނުން ރައީސް މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސްގެ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ އާއި ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން، އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި، ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ އެކު ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ ކަމަށާއި ރަސްމީ ވާހަކަފުޅުތަކަށް ފަހު، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގިނަ ފަހުމުނާމާތަކެއް ބަދަލުކުރުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ޕާކިސްތާނުގައި 300 ބައިވެރިންނާއެކު ބިޒްނަސް ފޯރަމެއްވެސް ބާއްވާނެއެވެ.

ޕާކިސްތާނުގެ "ސަމާ ނިއުސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދަތުރުފުޅުގައި 12 ވަރަކަށް އެއްބަސްވުމުގައި ޕާކިސްތާނާއި ރާއްޖެއިން ސޮއިކުރާނެއެވެ.

ޕާކިސްތާނު ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއާ އެކު ސޮއިކުރާ އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރި އާއި އިންވެސްޓްމެންޓް، ސިއްހަތު، ތައުލީމު، ކްލައިމެޓް ޗޭންޖް، ޓޫރިޒަމް، ސިވިލްއޭވިއޭޝަން، ދިފާއީ އަދި އަސްކަރީ ދާއިރާ ހިމެނޭ ކަމަށެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ރައީސަކު، ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ވަޑައިގެންނެވީ 2015 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި މިވަނީ، ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތުގައެވެ.

ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ.